ރަޝިޔާ އާއި ބެލަރޫސް އަސްކަރީ ތަމްރީންތަކެއް ފަށަނީ
ރަޝިޔާ އާއި ބެލަރޫސް އަސްކަރީ ތަމްރީންތަކެއް ފަށަނީ

ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރި އަށް ރަޝިޔާގެ އެއް ލައްކައަށް ވުރެ ގިނަ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްފައިވާ މައްސަލައިގައި ހުޅަނގުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ރަޝިޔާ އާއި ބެލަރޫސް ސިފައިން އަސްކަރީ ފަރިތަކުރުންތަކެއް ބެލަރޫސްގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އަސްކަރީ ތަމްރީންތައް ފެށުމަށްޓަކައި، ރަޝިޔާ ސިފައިންގެ ބޮޑު ލަޝްކަރެއް، ބަރު ހަތިޔާރާއެކުގައި މިހާރު ވަނީ ބެލަރޫސް އަށް ގޮހެވެ. ނޭޓޯ އިން ބުނި ގޮތުގައި، ރަޝިޔާގެ 30000 ސިފައިން ބައިވެރިވެގެން ބާއްވާ މި އަސްކަރީ ތަމްރީންތަކަކީ، ފިނި ހަނގުރާމަ ނިމިދިޔަ ފަހުން ރަޝިޔާގެ މިހާ ގިނަ އަދަދެއްގެ ސިފައިން ބެލަރޫސް އަށް ފޮނުވި ފުރަތަމަ ފަހަރެވެ.

ރަޝިޔާ އާއި ބެލަރޫސްގެ މި ތަމްރީންތަކާ ގުޅޭ ގޮތުން އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ، މިއީ ޔޫކްރޭންގެ މައްސަލަ އިތުރަށް ހޫނުކުރަން ރަޝިޔާ އިން ފަށާ ތަމްރީންތަކެއް ކަމަށެވެ.

ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްފައި ވިޔަސް، ރަޝިޔާ އިން ބުނާ ގޮތުގައި ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދިނުމުގެ ނިޔަތެއް ނެތެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ރަޝިޔާގެ އަސްކަރީ ގާބިލުކަން އިތުރު ކުރަނީ، ނޭޓޯގެ އަސްކަރީ ހަރަކާތްތައް އިރުމަތީ ޔޫރަޕަށް ފުޅާ ކުރަމުން ދާތީ އެވެ.

ޔޫކްރޭންގެ މައްސަލައިގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަން ފެށީ، ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ޔޫކްރޭނަށް އަރައިގަނެ އެ ގައުމުގެ ކްރީމިއާ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި ރަޝިޔާ ސިފައިން މިހާރު ތިބީ ކޮންމެ ވަގުތެއްގައި ވެސް ޔޫކްރޭނަށް އަރައިގަނެވޭ ވަރަށް ތައްޔާރީ ހާލަތުގަ އެވެ.

ރަޝިޔާ ސިފައިން ކްރީމިއާ ހިފުމަށް ކުރި ހަނގުރާމައިގައި މަދުވެގެން 14000 މީހުން މަރުވެފައިވެ އެވެ. އެހެންކަމުން ޔޫކްރޭންގެ މައްސަލައިގައި އިތުރު ހަނގުރާމައެއް ފެށުނަ ނުދިނުމަށް، ހުޅަނގުގެ ގައުމުތަކުން އަންނަނީ ޑިޕްލޮމެޓިކް ދާއިރާ އިން ރަޝިޔާއާ އެކުގައި ވާހަކަތައް ދައްކަމުންނެވެ.

އެ ގޮތުން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު، ރަޝިޔާ އަށާއި ޔޫކްރޭނަށް ވަޑައިގެން އެ ދެ ގައުމުގެ ދެ ރައީސުންނާ އެކުގައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޖަރުމަން ވިލާތުގެ ޗާންސެލަރު އޮލާފް ޝޯލްޒް މި މަހުގެ 14 ވަނަ ދުވަހު ކިއޭވް އަށް އަދި 15 ވަނަ ދުވަހު މޮސްކޯ އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ބެލަރޫސް އަކީ ޔޫކްރޭންގެ އުތުރުގައި އޮންނަ ގައުމެކެވެ. ރަޝިޔާ އޮންނަނީ ޔޫކްރޭންގެ އިރުމަތިންނެވެ. އަދި ކްރީމިއާއަކީ ޔޫކްރޭންގެ ދެކުނު ކޮޅުގައި އޮންނަ ގައުމެކެވެ. ކްރީމިއާގައި ވެސް ގިނަ އަދަދަކަށް ރަޝިޔާ ސިފައިން ތިބުމުން، ރަޝިޔާ ސިފައިން މިހާރު އެވަނީ ތިން ފަރާތުން ޔޫކްރޭން ވަށާލައިފަ އެވެ.

ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިން އިން ބުނި ގޮތުގައި ބެލަރޫސްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ވަރަށް ސީރިއަސް ތަމްރީންތަކެކެވެ. ބެލަރޫސްގެ ރައީސް ލުކަޝެންކޯއަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ވަރަށް އަރިސް ބޭފުޅެކެވެ.

ބެލަރޫސްގެ ރިއާސީ އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް 2020 ވަނަ އަހަރު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތައް ރޫޅައިލުމަށް ސަރުކާރުން އަމަލުކުރި ގޮތް ކުށްވެރިކޮށް، ހުޅަނގުގެ ގައުމުތަކުން ވަނީ ބެލަރޫސް ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ތާއީދުކުރެއްވި ބެލަރޫސްގެ ރައީސް ލުކަޝެންކޯ އަށެވެ.