10 ފެބުރުއަރީ 2022 - 13:08

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އިއްޔެ ސިޒޭރިއަން ހެދި އަންހެނެއް ހާލު ދެރަވެ މާލެ ފޮނުވާލަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝިޔާމް މިއަދު ވިދާޅުވީ ސިޒޭރިއަން ހެދި ފަހުން 36 އަހަރުގެ އެ އަންހެން މީހާގެ ހާލު ދެރަވާން ފެށުމުން އަލުން އޮޕަރޭޝަން ތިއޭޓަރަށް ވައްދައި ސިޒޭރިއަން ހެދި ތަން ބެލިއިރު އިންޓާނަލް ބްލީޑިންއެއް އުޅޭ ކަމަށެވެ.
އަނެއްކާ މިއަދު ހެނދުނު 8:00 ގެ ފަހުން އެ މީހާގެ ހާލު ސީރިއަސްވާން ފެށުމުން ވެންޓިލޭޓަރުގައި ބާއްވައިގެން ވެސް ފަރުވާ ދިނެވެ. ނަމަވެސް މި ވަގުތު އޮތީ އައިސީޔޫގަ އެވެ.
"ސިޒޭރިއަން ހެދުމުގައި ކޮންމެވެސް ކަމެއް ދިމާވެގެން ކަމަށް މި ބަލަނީ. އެކަން ދިޔަ ގޮތް ބަލަމުން އަންނަނީ. ޕޭޝަންޓްގެ ހުރިހާ ގުނަވަން މަސައްކުރޭ. ބައެއް މީޑިއާތަކުގައި އެބަހުރި ނާރު ބުރިވި ކަމަށް ރިޕޯޓުކޮށްފައި. ނަމަވެސް ހުރިހާ ގުނަވަނެއް މަސައްކަތްކުރޭ،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އަންހެން މީހާގެ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗާ މަޝްވަރާކުރުމުން އެ ހޮސްޕިޓަލަށް ފޮނުވާލަން ލަފާދީފައިވާ ކަމަށެވެ. އެހެންވެ، އާސަންދަ ހަމަޖެހުމުން މެންދުރު ފަހުގެ ފްލައިޓަކުން އެ އަންހެން މީހާ މާލެ ފޮނުވާލަން ވަނީ ނިންމައިފަ އެވެ.