ކޮރެއާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެ
ކޮރެއާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެ

އުތުރު ކޮރެއާ އިން އުފައްދާ ނިއުކްލިއާ ހަތިޔާރާއި ދުރު ރާސްތާ މިސައިލްތައް އަޖުމަބެލުމުގެ މަސައްކަތް އެ ގައުމުން އަލުން ފަށައިފިއްޔާ، ކޮރެއާ ސަރަހައްދުގައި ބޮޑު ހަމަނުޖެހުންގަނޑެއް އުފެދިދާނެ ކަމަށް، ދެކުނު ކޮރެއާގެ ރައީސް މޫން ޖައެ-އިން މިއަދު އިންޒާރު ކުރައްވައިފި އެވެ.

ކޮރެއާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެ
ކޮރެއާ ސަރަހައްދުގައި ހަމަނުޖެހުން އުފެދިދާނެ

ރައީސް މޫން ވިދާޅުވީ އެފަދަ ހަމަނުޖެހުމެއްގެ ތެރެއަށް ކޮރެއާ ސަރަހައްދު ވެއްޓުނަ ނުދިނުމަށްޓަކައި ދެ ކޮރެއާ ދެމެދުގައި ވާހަކަތައް ފެށުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދެ ފަރާތުގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށްޓަކައި ޑިޕްލޮމެޓިކް މަގު ހިޔާރު ކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރު ވެސް، އުތުރު ކޮރެއާ އިން ދަނީ ބާރުގަދަ ހަތިޔާރުތައް އުފައްދައި އަޖުމަ ބަލަމުންނެވެ. އެ ގޮތުން މި ދިޔަ ޖެނުއަރީ މަހަކީ، އުތުރު ކޮރެއާގައި އުފެއްދި އެކި ބާވަތުގެ މިސައިލްތައް ރެކޯޑް އަދަދަކަށް އަޖުމަބެލި މައްސަރެކެވެ. އޭގެ އިތުރުން އެންމެ ފަހުން އުފެއްދި މިސައިލް އަޖުމަބެލުމަށް ބޭއްވި ރަސްމިއްޔާތުގައި، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ވަނީ، ނިއުކްލިއާ ހަތިޔާރެއް ނުވަތަ އިންޓަ ކޮންޓިނެންޓަލް މިސައިލެއް އަޖުމަބަލާފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

އެންމެ ފަހުން އުތުރު ކޮރެއާ އިން އެފަދަ ހަތިޔާރެއްގެ އަޖުމަ ބަލާފައިވަނީ، 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ދެކުނު ކޮރެއާގެ ރައީސް، އެ ގައުމުގެ މީޑިއާތަކަށް މިއަދު ފޮނުއްވެވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އުތުރު ކޮރެއާ އިން އެ ބާވަތުގެ ހަތިޔާރެއް އަލުން އަޖުމަބަލައިފި ނަމަ، މީގެ ފަސް އަހަރު ކުރިން ދެ ގައުމުގެ ދެމެދުގައި އުފެދުނު ފަދަ ނުރައްކާތެރި މައްސަލައެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެފަހަރު ދެ ކޮރެއާ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ނުއުފެދުނީ ހަމަ ކިރިޔާ އެވެ.

ދެކުނު ކޮރެއާގެ ރައީސްގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، މޫން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ، 1953 ވަނަ އަހަރުން ފެށިގެން ދެކޮރެއާ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނެސް، ދެ ކޮރެއާގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ހަމަކުރައްވައި މި އަހަރުގެ މެއި މަހު މަގާމުން ވަކިވެވަޑައިގަތުމާ ދެމެދު، އެ އެޖެންޑާ ހާސިލުކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް ރައީސް މޫން ވިދާޅުވި އެވެ.

އުތުރު ކޮރެއާ އިން 2017 ވަނަ އަހަރު އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް އަޖުމަބެލުމާ ގުޅިގެން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމްއާ ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އޭގެ ފަހުން ދެ ބޭފުޅުންގެ މެދުގައި ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެ ބައްދަލުވުން ނިމިގެން ދިޔައީ އެއްވެސް ނަތީޖާއެއް ނުނެރެވި އެވެ.