ވަޒީފާ ނުލިބިގެން އަމިއްލައަށް މަރުވާ އަދަދު އިތުރުވަނީ
ވަޒީފާ ނުލިބިގެން އަމިއްލައަށް މަރުވާ އަދަދު އިތުރުވަނީ

ވަޒީފާ ނުލިބި އަތްމަތި ދަތިވުމުގެ ސަބަބުންނާއި ދަރަނިވެރިވެ ބަނގުރޫޓުވުމުގެ ސަބަބުން، އިންޑިއާގައި އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މައްޗަށް ގޮސްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔަ ސަބާގައި އިއްޔެ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނިޓްޔަނަންދު ރާއީ ވިދާޅުވި ގޮތުގައި ދަރަނި ނުދެއްކިގެންނާއި، ދަރަނިވެރިވެ ކޯޓުން އިފްލާސްކުރުމުގެ ސަބަބުން، 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު 16،000 އަށް ވުރެ ގިނަ މީހުން އަމިއްލަ އަށް މަރުވި އެވެ.

އޭގެ އިތުރުން، ވަޒީފާއެއް ނުލިބުމުގެ ސަބަބުން، ހަމަ އެ މުއްދަތުގެ ތެރޭގައި 9،140 މީހުން އަމިއްލަ އަށް މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރެއިން 3،548 މީހުން މަރުވީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، 2020 ވަނަ އަހަރު ފުރަބަންދުގެ ހާލަތު އިއުލާން ކޮށްފައި އޮތް މުއްދަތުގެ ތެރޭގަ އެވެ. ފުރަބަންދުގެ ހާލަތުގައި އޮތް އިރު، ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވެ، އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނިވެރިވެ ކޯޓުން އިފްލާސްކުރުމުގެ ސަބަބުން، 2018 ވަނަ އަހަރު 4،970 މީހުން އަމިއްލަ އަށް މަރުވި އެވެ. އަދި 2019 ވަނަ އަހަރު 5،908 މީހުންނާއި 2020 ވަނަ އަހަރު 5،213 މީހުން އަމިއްލަ އަށް މަރުވި އެވެ.

ވަޒީފާއެއް ނުލިބުމުގެ ސަބަބުން އަމިއްލަ އަށް މަރުވި މީހުން އެންމެ ގިނައީ، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރު 3،548 މީހުން އަމިއްލަ އަށް މަރުވި އިރު، 2019 ވަނަ އަހަރު އަމިއްލަ އަށް މަރުވީ 2،851 މީހުންނެވެ. އަދި، ވަޒީފާއެއް ނުލިބުމުގެ ސަބަބުން 2018 ވަނަ އަހަރު އަމިއްލަ އަށް މަރުވީ 2،741 މީހުންނެވެ.

މިއީ ސަރުކާރުން ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި، ސްޓޭޓް މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ހާއްސަ ޕްރޮގްރާމެއް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކަކީ ވެސް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ މަޝްރޫއުތަކެއް ކަމަށެވެ. އޭގެ ތެރޭގައި "މޭކް އިން އިންޑިއާ"، "ޑިޖިޓަލް އިންޑިއާ"، "ސްވާޗް ބާރަތު މިޝަން"، "ސްމާޓް ސިޓީ މިޝަން"، "ހައުސިން ފޯ އޯލް" ފަދަ މަޝްރޫއުތަކުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.