ކުދިން އިނގިލި ބުއިން ހުއްޓުވޭނެ އަށް ގޮތެއް
ކުދިން އިނގިލި ބުއިން ހުއްޓުވޭނެ އަށް ގޮތެއް

އިނގިލި ބުއިމަކީ ވަރަށް ގިނަ ކުޑަކުދިންގެ ފަރާތުން ފެންނަ އާދައެކެވެ. ބައެއް ކުދިން ސްޓްރެސްތައް ބޭރު ކުރުމުގައި ގެންގުޅޭ އުކުޅަކީ އިނގިލި ބުއިމެވެ. އާންމުކޮށް ކުދިންގެ އުމުރުން ހަ މަސް ވުމުން މި އާދަ މަޑުމަޑުން ގެއްލިގެންދެ އެވެ. ނަމަވެސް އުމުރުން ފަސް އަހަރަށް ވުރެ މަތިވުމުން ވެސް ބައެއް ކުދިންގެ ފަރާތުން މި އާދަ ހަރުލާފައި ހުރެ އެވެ.

އިނގިލި ބުއިމުގެ އާދަ ކަނޑުވާލުމަށް އެ ކުދިންނަށް ވަކި ވަގުތުތަކެއް ކަނޑައެޅުން މުހިއްމެވެ. ނިދުމުގެ ކުރިން އިނގިލި ބޯ ނަމަ، ނުހުއްޓުވައި ބޭރުތެރޭގައި އެންމެނަށް ފެންނަހެން އިނގިލި ބުއިމަކީ ހަޑި ކަމެއް ކަން ވިސްނަދޭށެވެ.

އިނގިލި ބޯއިރު، އިނގިލީގައި ހުންނަ ޖަރާސީމުތައް ހަށިގަނޑުގެ އެތެރެއަށް ދާނެ ކަން ބުނެދޭށެވެ. އަދި އޭގެ ސަބަބުން ހުންއައިސް އިތުރު ބަލިތައް ޖެހޭނެ ކަން ވެސް ކުދިންނަށް ކިޔައިދޭށެވެ. ޖަރާސީމަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެނގުމުން ވެސް ބައެއް ކުދިން އިނގިލި ބުއިމާ ދުރަށް ދާނެ އެވެ.

އަނގަޔަށް އިނގިލި ލުމުގެ ބަދަލުގައި ކުޑަކުދިންނަށް ހާއްސަކޮށް ހަދާފައި ހުންނަ އަނގަޔަށް ލެވޭ ގޮތަށް ހުންނަ ކުޅޭ އެއްޗެއް އެ ކުދިން އަތަށް ދީފައި ބައިންދާށެވެ.

އާންމުކޮށް ކުދިން އިނގިލި ބޮނީ ޓީވީ ބަލަން ނުވަތަ އެ ކުދިން ނިދަން އޮންނަ ގަޑިތަކުގަ އެވެ. ޓީވީ ބަލާ ގަޑީގައި އިނގިލި ބޯން ފަށައިފި ނަމަ ކުޑަ ވަގުތު ކޮޅަކަށް ޓީވީ ނިންވާލާށެވެ. އަދި ނިދާ ގަޑީގައި އިނގިލި އަނގަޔަށް ލާން އުޅޭ ނަމަ ޗޫވްލަރީއެއް އަތަށް ދީފައި ބާއްވާށެވެ.

އިނގިލި ބޯން ނުހުންނަ ކޮންމެ ފަހަރަކު ވެސް އެކަމާ އުފާކޮށް އެކުދިންނަށް ތައުރީފުގެ ބަސް ރައްދުކުރާށެވެ. ނުވަތަ އެ ކުދިންނަށް ހަދިޔާއެއް ދޭށެވެ. ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރު ވެއްޖެ ނަމަ، ސްޓިކާއެއް ދިނުން ކަހަލަ ކުދިކުދި ކަންކަން ކުރެވިދާނެ އެވެ.

އިނގިލި ބުއިން ހުއްޓުވުމަށް އަތަށް އަންގި ނުލައްވާށެވެ. އޭގެ ސަބަބުން ކުދިންގެ އެންޒައިޓީ ލެވެލް މައްޗަށް ދާނެ އެވެ. އަދި އަމިއްލަ އަށް އަތުން އަންގި ނައްޓާލެވޭ އުމުރަށް ދިއުމުން އަލުން އިނގިލި ބޯން ފެށުން އެކަށީގެންވެ އެވެ.

އިނގިލިބޯން ފެށުމާއެކު އެ ކުދިންގެ ސަމާލުކަން އެހެން ދިމާއަކަށް ބަދަލު ކޮށްލާށެވެ. ބަދަލުގައި ސްޓްރެސް ފްރީ ބޯލް ކަހަލަ އެއްޗެއް ދިނުން ވެސް ރަނގަޅެވެ. ފޫހިވެގެން އިނގިލި ބޯނަމަ، އެއްޗެއް ކުރަހާލަން ނުވަތަ ކުލަޖައްސާލަން ފޮތެއް ދޭށެވެ.

އިނގިލި ބުއިމަކީ ވަރަށް އާންމުކޮށް ކުދިންގެ ފަރާތުން ފެންނަ އާދައެކެވެ. އިނގިލި ބޯ ކުޑަކުދިންގެ ތެރެއިން ގިނަ ކުދިން އިނގިލި ބުއިން ހުއްޓަނީ އެކުދިން އަމިއްލަ އަށެވެ.