10 ފެބުރުއަރީ 2022 - 12:52

ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ 71 ވަނަ އުފަންދުވަހާ ދިމާކޮށް އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރޭ ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުންގެ ފޮޓޯއަކާ އެކު އުފަންދުވަހުގެ ތަހުނިޔާ ފޮނުވަން ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށެވެ. ގާސިމްގެ ހެޔޮކަން ފާހަގަކުރައްވައި އަބަދުވެސް އެދިވަޑައިގަންނަވަނީ ހެޔޮ ރަހުމަތާ އެކު ދެމިހުންނެވުމަށް ކަމަށް ވިދާޅުވި އެވެ.
ނަހުލާ ދެން ސިފަކޮށްދެއްވީ ދަރިންނަށް ގާސިމްގެ އޯގާތެރި ކަމެވެ. އޭނާގެ ދަރިންނަށް، ގާސިމަށް ވުރެ ރަނގަޅު ބައްޕައަކަށް ނޭދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމާއި ނަހުލާ މީގެ 14 އަހަރު ކުރިން ކުރެއްވި ކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ.
މީގެ ކުރިން ބޭއްވި އެކި ހަފުލާތަކުގައި ވާހަކަދައްކަވަމުން ނަހުލާ ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފަ އެވެ.
އޭޕްރީލް، 2019 ގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މާމިގިލީ ދާއިރާގެ ކެމްޕެއިން ޖަލްސާއެއްގައި ނަހުލާ ވިދާޅުވީ ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ ކަމަށާއި އެ ދެ ބޭފުޅުން ވަކި ނުކުރެވޭނެ ކަމަށެވެ.
ގާސިމް ވެސް ވިދާޅުވީ އައިޝާއާ ދުވަހަކު ވެސް ވަކި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އައިޝާއާ ދޭތެރޭގައި އޮތީ "އިލާހީ ގުޅުމެއް" ކަމަށެވެ.
ނަހުލާއާ އެކު އިތުރު އަނބިންތަކެއް ތިއްބެވި ގާސިމް ވަނީ 2020 ގައި ވެސް ޒުވާން އަންހެނަކާ ކައިވެނި ބައްލަވައިގެންފަ އެވެ.