10 ފެބުރުއަރީ 2022 - 11:35

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ފައްޔާޒް ރަސްމީކޮށް އިއުލާން ނުކުރެއްވިޔަސް ގާތް ބޭފުޅުން "މިހާރު" އަށް އެކަން ކަށަވަރުކޮށްދެއްވި އެވެ. އެއް ބޭފުޅަކު ވިދާޅުވީ ފައްޔާޒް "ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެ" ކަމަށެވެ. އެކަމަކު މެސެޖަށް ޖަވާބު ނުދެއްވާތީ ފައްޔާޒުގެ ކަށަވަރު ކަމެއް އަދި ނުލިބެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެފައި ވިޔަސް އިންތިހާބު އޮންނަ ތާރީހު އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ސާފުކޮށް މިހާތަނަށް ވިދާޅުވެފައި އޮތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެކަންޏެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ކުރިމަތިލައްވާނެ ކަމުގެ އަޑު ފެތުރިފައި ވެ އެވެ.
އަމްރު ވާދަކުރައްވަނީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ. ކެބިނެޓުގައި ފައްޔާޒް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުގަ އެވެ.
މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުމުގެ ޖާގާ އެބައޮތެވެ.
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައި އޮތް އިރު، ކޮރަޕްޝަންގެ ތުހުމަތުތަކަކާ އެކު ނަޝީދުގެ ހޫނު ހަމަލާތަކެއް ފައްޔާޒަށް ކުރިން އަމާޒުކުރެއްވި އެވެ. އެ މަނިކުފާނު ތުހުމަތު ކުރައްވާފައިވާ ގޮތުގައި ފައްޔާޒް އުޅުއްވަނީ "އެމްޑީޕީ ތެރޭގައި ބްރޯ" އަކަށް ވެވަޑައިގަތުމަށެވެ.
ބްރޯއަކަށް ހެދިގެން އެމްޑީޕީގެ ތެރޭގައި ނޫޅުއްވަން އެދިވަޑައިގެން ނަޝީދު ވަނީ ފައްޔާޒް މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފަހުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ ފައްޔާޒް މަގާމުން ވަކިކުރައްވުމުގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ކުރެއްވި ކަމަކީ، އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަަށެވެ. ފައްޔާޒަކީ އެ މަނިކުފާނު ވެވަޑައިގަތް ވައުދުތައް ރައްޔިތުންނަށް ފުއްދެވުމުގައި ނަތީޖާ ނެރެދެއްވާ ވަޒީރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ފައްޔާޒް ވެސް ވިދާޅުވެފައި ވަނީ ނަޝީދު ކުރެއްވި އެއްވެސް ތުހުމަތެއްގައި އަސާސެއް ނެތް ކަމަށެވެ. އޭނާއަށް އަމާޒުކުރެއްވި އެ ވާހަކަތަކަކީ ވަރަށް ބޭއިންސާފު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.