މިލަންދޫ ކައުންސިލަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި، ތުހުމަތުކުރަނީ މެންބަރު ރިޒާއަށް
މިލަންދޫ ކައުންސިލަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފި، ތުހުމަތުކުރަނީ މެންބަރު ރިޒާއަށް

މިލަންދޫ ކައުންސިލް މެމްބަރު އަހުމަދު ޝިޔާމަށް ރޭ ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެމްޑީޕީގެ މެމްބަރު ޝިޔާމް "މިހާރު" އަށް ވިދާޅުވީ އޭނާއަށް ކާފަ ކިޔާ ކުއްޖަކާ އެކު ރޭ 11:00 ހާއިރު ކެފޭއެއްގައި ސައިބޯން އިންދައި ބޮޑު ގްރޫޕެއް އެ ތަނުގެ ތެރެއަށް ވަދެގަނެ ހަމަލާދިނީ ކަމަށެވެ. އެހެންވެ، އެކަން ވަގުތުން ފުލުހުންނަށް ހުށަހެޅުމުން އޭގެ ތެރެއިން ބަޔަކު އެ ސަރަހައްދުން ދިޔަ ކަމަށާއި ވައަތުގެ ކޮނޑުހުޅާ ދިމާލަށް ތޫނު އެއްޗަކުން ހަމަލާދިނީ ވެސް ފުލުހުން ތިއްބައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ތުހުމަތުކުރައްވާ ގޮތުގައި އޭނާއަށް ހަމަލާދިނުމުގައި އިސްކޮށް ތިބީ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ދަށުން މަސައްކަތްކުރާ މީހުންނާއި އޭނާގެ ބާރުގައި ވަޒީފާ ހޯދާފައި ތިބި މީހުންނެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ރިޒާ ވިދާޅުވީ ހަމަލާދިނުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ހިތްވަރުދޭ ކަމެއް ނޫން މި ފަދަ ކަންކަމަކީ،" ރިޒާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބޮޑުފިނޮޅުގައި ބިދޭސީންނަށް މުސާރަ ނުދީ ހިއުމަން ޓްރެފިކިންގެ އަމަލުތައް ހިންގި ކަމުގެ ތުުހުމަތުގައި ދައުވާ ލިބޭ ރިޒާގެ އެ މައްސަލަ އާއި ގޯސް ކަމަށް ފެންނަ އެހެން ކަންކަމުގައި ވެސް ވާހަކަ ދައްކާފައި ހުންނާނެ ކަމަށާއި ހަމަލާ އަމާޒުވީ އޭގެ ފަހުން ކަމަށެވެ.

"މެމްބަރާ އެއްކޮށް ނޫޅެވޭތީ ކަމަށް ބެލެވެނީ. ބޮޑުފިނޮޅު މައްސަލަ އަދި ކަމެއް ގޯސްކޮށް ދަންޏާ އަޅުގަނޑު އެ ވާހަކަ ދައްކަން. މެމްބަރަށް ސަނާ ނުކިޔާތީއާ އެ ހުރިހާ ކަމަކާ ގުޅިގެން ކަމަށް ގަބޫލުކުރެވެނީ މި ހަމަލާ ދިނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމަށް ހަމަލާދޭތަން ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ކެފޭ ތެރޭގައި ހުރި ގޮނޑިތައް ނަގައި ހޫރާލާތަނެވެ.