ޑްރަގްގެ މައްސަލާގައި ދައުލަތުން ކުރީ ދޮގު ތުހުމަތެއް: އެންސިސް
ޑްރަގްގެ މައްސަލާގައި ދައުލަތުން ކުރީ ދޮގު ތުހުމަތެއް: އެންސިސް

ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ، އެއިން ވިޔަފާރިކުރި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެންސިސްގެ ބިދޭސީ ދެ މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވާލައި ހެއްކައް ނުފޫޒު ފޯރުވާފައިވާ ކަމަށް ދައުލަތުން ބުނާ ވާހަކަތައް އެންސިސް އިން ދޮގުކޮށްފި އެވެ.

ޖުމުލު 6.8 ކިލޯގެ ކެނަބިސް ފެނުނު މައްސަލައެއްގައި ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދާއި ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވާއިރު ޝަރީފަށް ވަނީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާން ހުއްދަ ދީ މިދިޔަ އަހަރު ފޮނުވާލައިފަ އެވެ. އަދި އިއްޔެ ވަނީ ދެން ހުރި މީހާގެ ބޭސްފަރުވާގައި ވެސް ދައުލަތުން އިހުމާލުވާ ކަމަށް ބުނެ ދޫކޮށްލައިފަ އެވެ.

އިއްޔެގެ ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލް ދެއްކެވި ވާހަކަތަކާ ގުޅިގެން، އެންސިސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޖޫން 2020 ގައި ތަހުގީގުކުރަން ފެށި މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ މުވައްޒަފުން ރާއްޖެ އިން ބޭރަށް ފޮނުވައިލީ ކަމަށް ދައުލަތުން ކޯޓުގައި ބުންޏަސް އެއީ ދޮގެއް ކަމަށެވެ.

އެންސިސްގެ ބަޔާނުގައި "މިހާރު" ނޫހުގެ ލިޔުމުގައި ތުހުމަތުކޮށްފައިވާ ކަމަށް ބުންޏަސް ލިޔުމުގައިވާ ހުރިހާ ވާހަކަތަކަކީ ވެސް އާންމުކޮށް ހުޅުވާލައިގެން އިއްޔެ ކޯޓުގައި ބޭއްވި ޝަރީއަތުގައި ދެއްކި ވާހަކަތަކެވެ.

އެންސިސް އިން ބުނީ މީގެ ތެރެއިން އެކަކު އަމިއްލަ އަށް ވަޒީފާ އިން ވަކިވާން އެދިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީފާ އިން ވަކިކުރީ ކަމަށާއި ދެވަނަ މުވައްޒަފު ވަކިކުރީ އަހަރީ ޗުއްޓީ އަށް އަމިއްލަ ގައުމަށް ދިއުމަށް ފަހު، އަންނަން އޮތް ތާރީހަށް ނައުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ.

އެންސިސް އިން ބުނިގޮތުގައި، ރަސްމީ އެއްވެސް އިދާރާއަކުން އެ ދެ މުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެ ކުންފުންޏަށް އަންގައިފައެއް ނެތެވެ. އަދި މި މައްސަލައިގައި ފުލުހުން އެދުނު ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށާއި ކުރިމަގުގައި ވެސް އެއްބާރުލުން ދޭނެ ކަމަށް އެންސިސް އިން ބުނެ އެވެ.

މިއީ، އެންސިސްގައި އުޅުނު މުވައްޒަފަކަށް ރައްދުވާ މައްސަލައެއް ނަމަވެސް ކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިފަދަ ގާނޫނާ ހިލާފު އެއްވެސް ކަމެއްގައި އެންސިސް އިން ބައިވެރި ނުވާނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދިނެވެ.

ދައުލަތުން ކޯޓުގައި ބުނީ މީގެ ކުރިން އެންސިސްގެ ގުދަނަކުން ޑްރަގް ފެނުނު މައްސަލަ ސާބިތު ނުވީ، ހެކިބަސް ދޭން ހުރި ބިދޭސީއަކު އެ ކުންފުނިން ރާއްޖެ އިން ބޭރަށް ފޮނުވައިލުމުން، އޭނާގެ ހެކިބަސް ނުލިބިގެން ކަމަށެވެ. މި ފަހަރު ވެސް ކަން ހިނގާފައި ވަނީ އެހެން ކަމަށް ދައުލަތުން ބުންޏެވެ.