މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް
މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް

ގޭގެ ދޮރާށި ބޭރުގައި އެނާޖީ ސޭވް ބޮތްކެއް ހަރުކޮށްފައި އޮތެވެ. އުވަ އާއި ސިމެންތީގެ މުސްކުޅި ގެއެކެވެ. ތިރި، ކުޑަ ފެންޑާއެކެވެ. އެ ތަނުގައި އެލުވާފައި އޮތް ތިރި އުނދޯއްޔެއްގައި ޖައްސާލައިގެން ދެފައި ބިންމަތީ ވިއްދާލައިގެން ދުފާލަދުފާލަ އިން ދެބައިއުމުރުގެ ފިރިހެނަކު ލޮލުގައި އަޅައިގަތެވެ. އެކަމަކު އެއީ އަދި މިގޭގެ ވެރި މީހާއެއް ނޫނެވެ. އަހަރެމެން ހޯދާ އިސްޓޯރީއެއް ވެސް ނޫނެވެ.

މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް
މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް

ގެއަށް ވަންނަ ދޮރު ހުރީ ހުޅުވައިފަ އެވެ. އެތެރޭގައި އަޅުވާފައި ހުރި ޓީވީގެ އަޑު މަގުން ދާ މީހާ އަށް އިވޭ ވަރަށް ގަދަ އެވެ. އެކަމަކު ސިޔާސީ ޚަބަރާއި ދަބަރާއި ޒުވާބު ގެނެސްދެމުން ދިޔަ އެ ޓީވީގަނޑު ބަލާނެ މީހަކު ނެތެވެ. އުނދޯލީގައި އިން ފިރިހެން މީހާ އަހަރެންނާ ދިމާލަށް ކަޅިއެއް އެއްލައި، ދުފައި ރަތްކުރަމުން ގެންދިޔައިރު، އެ ކުޑަކުޑަ ފެންޑާގެ ކަނެއްގައި ހުރި މޭޒެއް ދޮށުގައި ނޫކުލައިގެ ޕްލާސްޓިކް ގޮނޑިއެއްގައި އިށީނދެގެން މުސްކުޅި އަންހެނަކު އިނެވެ. ތަޅުންގަނޑުމަތީގައި އަޅާފައި އޮތް ތަރުފާލުގަނޑުގެ މަތީގައި ތެއްޔާއި ތާހާއި ދޮލަނގާއި ބޮނޑިބޮނޑިއަށް އަޅާފައިވީ ހިކި ކެޔޮފަތްތަކާއި އޭތި މީތި، ފިޔަވަޅެއް އަޅާނެ ތަންކޮޅެއް ނުދީ އެ ތަނުގައި އަތުރާލައިގެން އިން އެ މީހާ އޭނާގެ އަމިއްލަ ބިޒްނަސްގައި އަވަދިނެތި އެވެ.

މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް
މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް

ފުއްޕިބަތުގެ ތެލި ތާއްސެވެ. ފުއްޕިބަތުގެ ފޯލިފޯލިތައް ނަލަ ތަރުތީބުން އަތުރާފައިވާ ދޮލަނގެކެވެ. އޭގެ ފޯއްޔަކަށް ފަހު ފޯއްޔެއް، ހިކިކެޔޮފަތުގައި އޮޅައި ފަރިތަކަމާ އެކު ބަންދުކުރަމުން އެ ގެންދާ ދައްތަ އަކީ އަހަރެމެންގެ މިއަދުގެ ހޮވުމެވެ. އަހަރެމެން ހޯދާ އިސްޓޯރީ އެވެ. މި ރަށުން މި މީހާ އެވެ. – ސ. މީދޫ ދޮންބެއާގޭ އާމިނާއްދީ އެވެ.

މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް
މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް

ރަށުގެ ވަރަށް ގިނަ މީހުން އޭނާ އެހެން ނަމަކުން ވެސް ދަނެ އެވެ. އެއީ ޝިރުމީނެވެ.

މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް
މި ރަށުން މި މީހާ: އައްޑޫ ބޮނޑިއަކަށްވުރެން ފޮނި ހަޔާތެއް

"މަށް ކޭނީ އާމިނާއްދީ އައު،" ރޫޖެހިފައިވީ ދެ އަތް ފުއްޕިބަތުން ދަމައި ނަގައިގެން ފޮޅައި އުނގަށް ވައްޓާލައި އަހަރެންނާ ދިމާލަށް އެނބުރި އަމިއްލަ ބަހުރުވައިގެ ތެރޭގައި ހަމަޖެހިލިއެވެ. ހީނގަތެވެ.

ދެން އަނެއްކާވެސް އައްޑޫ ބަހުރުވައިން ފަށައިގަތެވެ. އެކަމަކު އަހަރެން "ތަރުޖަމާކުރަމުން" ގެންދާނަމެވެ.

"ޝިރުމީނަކީ ކިލާހަކަށް އަހަރެން ކިޔަވަން ފޮނުވަން އުޅެގެން ލިބުނު ނަމެއް. އެކަމަކު މަށެއް ނުދަން އެ ކުލާހަކަށް ވެސް. އެއީ މިކަހަލަ ފަގީރު ދަރިއަކަށް ފޮތެއް ފަންސުރެއް ދޭނެ މީހަކު ނެތީމަ. ލިބޭނެ ގޮތެއް ވެސް ނެތީމަ. ދެން ޖެހުނީ އެހެން ގޭގެ އަށް ގޮސް ފޮތްފޮތުން ދަސްކުރަން. ދެން އެހިސާބުން މަ ހުއްޓާލީ،" ކިޔައިދެމުން ހެމުންދިޔަ އެވެ.

"ދެން އަމާ ކިޔަވައިދިން އެއްޗެއް ކިޔެވުނީ. ފެންވަރާއިރު ކިޔާ ނިޔަތާއި ވުޟޫކުރާއިރު ކިޔާ އެއްޗެއްސާއި ނަމާދުގައި ކިޔާ އެއްޗެހި. ދެން ފަހުން އަމިއްލަ އަށް އެއްޗެހި ދަސްވާނެތާ."

މިހިސާބަށް ވާހަކަ ގެންގޮސް މެދުކަނޑައިލުމުން، އުނދޯލީގައި އިން ފިރިހެން މީހާ ދުފާއެއްޗެހި ދޫކޮށްލާފައި ތެދުވެގެން ގޮސް ފުއްޕިބަތުގެ ތެލިތާސް އުފުއްލާލައިގެން ބަދިގެއާވީ ދިމާލަށް ގޮސް ގެއްލިއްޖެ އެވެ. އަހަރެމެންގެ އިންޓަވިއު އަށް ފެންޑާ ހުސްކޮށްލީ އެވެ. ދައްތަގެ މެހުމާންދާރީގައި އަހަރެން ގޮސް އުނދޯލީގައި ޖައްސާލީމެވެ. އެއާއެކު، ކެޔޮފަތުގައި ބަންދުކޮށްލާފައި އޮތް ދެ ފުއްޕިބަތް ދިއްކޮށްލި އެވެ.

އެކަމަކު އަހަރެމެން މިއަދު ލިޔާނީ ފުއްޕިބަތެއްގެ ވާހަކައެއް ނޫނެވެ. އެ އަށް ވުރެ މާ މުހިންމު އަދި ރަހަގަނޑު މާ ގަދަ ހަޔާތެއްގެ މާނަ އެވެ. އުމުރު ކިޔައިދޭން ނޭނގުނަސް އާމިނާއްދީ އަށް ހަޔާތުގެ ވަރަށް ގިނަ ކުލަ އާއި ރަހަ އަދިވެސް އަހަރެން މި ލިޔާހާ ސާފުކޮށް، ކިޔައިދޭން އެނގޭތީ އެވެ.

އަދި އޭނާގެ ހަޔާތާއި ދިރިއުޅުން ކިތަންމެ އާދައިގެހެން ހީވިޔަސް، އެ ދިރިއުޅުމުގެ މާނަ 100 އަހަރަކަށް ދޫނުކުރާތީ އެވެ. އެކަމަކު ޔަގީނަށް ވެސް މި ދައްތައަކަށް އަދި 100 އަހަރެއް ނުވާނެ އެވެ.

"އެކަމަކު މަށަށް ހީވަނީ މިހާރު މަށަށް 100 އަހަރު ވެދާނެހެން،" މިހެން ބުނެފައި އަނެއްކާވެސް ހީނގަތެވެ.

ދައްތަގެ ދަތެއް ނެތެވެ.

މި އިންޓަވިއުގައި ޖަހާނެ ފޮޓޯގަނޑެއް ވެސް ނަގަން ޖެހޭނެ ނޫންހެއްޔޭ ބުނީމާ ދެން ކިޔައިދޭން ފެށީ، ދަތްޕިލައެއް ޖަހައިގެން ވާން ފެށި އުނދަގުލާއި އޭގެ ތުރާލެވެ. އަދި މިހާރު އެއްގޮތަކަށް ވެސް އެ ދަތްޕިލާގަނޑު ދެން ނުޖަހާ ވާހަކަ އެވެ. އަދި ފޮޓޯއަކަށް ކިތަންމެ ވަރަކަށް ހެއްވިޔަސް، ދަތްކޮޅެއް ދެނެއް ނުފެންނާނެ ވާހަކަ އެވެ.

އެ އަށް ފަހު ވަރަށް ދުރުން ފެންނަން ހުރި ފެންފޯއްރުކެއް ދައްކާލި އެވެ. އެ ރުއް ފޯދި، ވަރަށް ބޮޑު، ނަލަ ނަލަ ރީނދޫކުލައިގެ މައުގަނޑެއް ނުކުމެފައި އޮތެވެ.

"އެއީ ވަރަށް ދުރެއް ނޫން. އެ މާގަނޑު އެ ރުކުގައި ފޮޅުނުތާ މިއަދަށް މިއީ ތިން ވަނަ ދުވަސް،" މިހެން ބުނެފައި އަނެއްކާވެސް ހީނގަތެވެ.

އެއީ ފެނުމަށް ބައެއް ފަހަރު އުނދަގޫތަކެއް ވިޔަސް ފެނުން ހަމަ އެންމެ ރަނގަޅުކަން ކިޔައިދިން ގޮތެވެ.

އާމިނާއްދީއަކީ ލޯބޯކޮށިވެ މުސްކުޅިވެ، ވަރުދެރަވެ، ވަރުބަލިވެފައިވާ މީހެއް ނޫނެވެ. މުޅިން އެހެން ލެވެލެއްގެ އުޖާލާކަމަކާއި ހެލިފެލިވެ އުޅުމަކާއި އުފާވެރިކަމެކެވެ. އަދި މިއަދު ކުރާނެ ކަމެއް ނެތި ފޫހިވެފައި ހުރި ކޮންމެ ޒުވާނަކަށް ވެސް އުޖާލާ މިސާލެކެވެ.

"ދުވާލަކަށް ތައްޔާރު ކޮށްލެވިދާނެ 250-300 ފުއްޕިބަތް އަހަރެން އެކަނި މިގޮތަށް މަސައްކަތް ކޮށްލައިގެން މިހާރު ވެސް،" މިގޮތަށް މަސައްކަތް ކޮށްލައިގެން އަބަދުވެސް އާމްދަނީ ހޯދި އާމިނާއްދީ ބުނެލި އެވެ.

އެއީ ހެނދުނު ހެނދުނާ ހޭލައިގެން މުޅި ދުވަހު މަސައްކަތް ކޮށްލައިގެންތޯ ސުވާލުކުރުމުން ދެން ކިޔައިދިނީ މާ ޝައުގުވެރިކުރުވަނިވި ވާހަކަ އެކެވެ.

"އަހަރެން ހެނދުނަކު މި ކަމެއް ނުކުރަން. އަހަރެން މި ކަން ކުރާނީ ކުރަން ޖެހޭ އެހެން ކަންކަން ވެސް ކޮށް ނިންމާފައި. ބޮޑުކަމެއް ނެތަސް،" އޭނާ ކިޔައިދެމުން ގެންދިޔަ އެވެ.

"އަހަރެން ޖެހޭނެ ދެ އިރަށް ނިދައި ހޭލަން ވެސް. އާންމުކޮށް އަހަރެން ހެނދުނު ހޭލާނީ އަށެއް ޖަހާއިރު."

އެކަމަކު އަހަރެމެން އަދި މި ހީކުރާ ގޮތަކަށް ނޫނެވެ. އާމިނާއްދީގެ "ދުވަސް ފެށޭނީ" ކޮންމެ ރެއަކު ދެގަޑި ބައިގައި ދަމުނަމާދަށް ހޭލާ ހިސާބުންނެވެ.

"ރަނގަބީލު ގަޑިއެއް ނެތަސް އަހަންނަށް ހަމަ ހޭލެވޭނެ އެ ގަޑިއަށް. ދެން ދަމު ނަމާދުކޮށްލައިގެން ފަތިސް ނަމާދަށް ބަންގި ގޮވަންދެން އަހަރެން އުޅޭނީ ހޭލާ. އަހަރެން އެއްޗެއް އަނގަޔަށް ލާނީ ފަތިސް ނަމާދުކޮށްލައިގެން،" އާމިނާއްދީ ކިޔައިދިނެވެ.

ކަނީ ކޯއްޗެއް ހެއްޔެވެ؟

"އަހަރެން ހުންނާނެ އޮށްތައް ނަގައި ސާފުކޮށްފައި ހުންނަ ކަދުރު ބިއްލޫރި ކުޑަ ފުޅިއަކަށް އަޅާފައި. އޭގެ ތިން ކަދުރު އެންމެ ފުރަތަމަ ކާނީ،" އޭނާ ކިޔައިދިނެވެ.

"ދެން މާމުއި ސަމުސާއެއް. ދެން ބޯނީ ގުލްކޯޒު ސަމުސާއެއް. ގުލްކޯޒު ވެސް އެއް ދަޅު ހުސްވާއިރަށް ހުންނާނެ އަނެއް ދަޅު ގަނެފައި އަބަދުވެސް. މީހަކަށް އާދޭސްކޮށްގެނެއް ނޫން އެއްޗެއް ހޯދަނީ. އާދޭހެއް ކުރިޔަސް ދޭނެ މީހަކު ވެސް ނެތް މަގޭ"

"ދެން ކުޑަ ފުޅިއެއްގެ ދެ ބައިކުޅަ އެއްބަޔަށް ހުންނަ ފެން ބޮއެގެން އަހަރެން ދުފާނީ. ދެން އަނގަ ދޮވެގެން، ކަރުތެރެ ދޮވެލައިގެން ބުރަކަށި ޖައްސާލާ ގޮތަށް މަށަށް އެނގޭ ހެޔޮ އެއްޗެއް ކިޔަވަކިޔަވަ އޮއްވައި ކޮންމެ ދުވަހަކުވެސް ލޮލުފިޔަ ޖެހޭނީ. އޭރު ހަ ގަޑި ބައިވެދާނެ."

ކޮންމެ ދުވަހަކު އަށެއް ޖަހާއިރު އާމިނާއްދީ ހޭލާ ގޮތަކީ މި އެވެ.

"އޭރުން އެ ގަޑިއަކު ބަނޑުހައެއް ނުވާނެ. ދެން މި ރަށުގައި އުޅޭނެ ދަރިއަކަށް ވުރެ އަހަންނަށް ހެޔޮ މީހެއް. އޭނަ ފޮނުވާނެ ކާއެތިކޮޅެއް. އާންމުކޮށް ފޮނުވާނީ މެންދުރު ފަހު. އެއީ އަހަރެން ކާނީ އެ ގަޑީގައި ކަން އެނގޭތީ."

ފުއްޕިބަތް ތައްޔާރުކުރާ ނަމަ އާމިނާއްދީގެ މަސައްކަތް ފަށާނީ މެންދުރު ދޭއްގެ ފަހުންނެވެ. ދެން އަސުރު ކޮށްލައިގެން އަންނައިރު ކެއްކި ފުއްޕިބަތް ހުންނާނީ ފޯލި ހެދޭވަރަށް ހިކިފަ އެވެ. ދެން މަސައްކަތް ފަށައިގަންނަންވީ އެވެ. އިރުއޮއްސެންވާއިރަށް ނުނިމިއްޖެ ނަމަ އިޝާ ނަމާދަށް ފަހު އަނެއްކާވެސް މަސައްކަތްކޮށްލަފާނެ އެވެ.

ރޭގަނޑު އޭނާ ނިދަނީ ގާތްގަނޑަކަށް 12 ޖަހާކަންހާއިރެވެ.

"މެންދުރުފަހު އާންމުކޮށް ކާނީ ކެއްކި ބަނބުކޭލާ، ފަތުސަޓަންޏާ ގަރުދިޔަ. އޭގެ ފަހަކުން ނުކަން. އިޝާ ނަމާދުކޮށްގެން ބޯލަފާނަން މައިލޯ ޕެކެޓެއް. ގިރަން އުނދަގޫވީމާ އަހަރެން ހުންނާނެ ކޮންމެ މަހަކު ވެސް 300ރ. ގެ މައިލޯ ޕެކެޓް ގަނެފައި. އަހަރެން އެކަނި ބޯކަށް ވެސް ނޫން. މި ގެއަށް އަންނަ މީހުންނަށް ވެސް ދެން،" އާމިނާއްދީގެ ކެއުންބުއިން މި ޖުމްލައަށް ވުރެ ވެސް "ކުޑަ" އެވެ.

"ދެން މަސައްކަތެއް ނެތް ނަމަ އިޝާ ކޮށްލައިގެން ތަނެއްގައި ބުރަކަށި ޖައްސާލައިގެން އޮންނާނީ. މި ގެއަށް ބައެއް ރޭރޭ ދުފާލަން މީހުން އަންނާނެ. ބައެއް ރޭރޭ ނާންނާނެ. ދެން ޓީވީ ހުންނާނީ އަޅުވާފައި. ބައެއް ރޭރޭ މައްކާ ޓީވީ. ބައެއް ރޭރޭ ތޭރަ. އެކަމަކު އަހަރެން ޓީވީބަލަން އޮންނަނީކީއެއް ނޫން،"

"ދެން އެގޮތަށް އޮވެ ލޮލުފިޔަ ޖެހޭނީ ދަންވަރު 12 ޖަހާއިރު އާންމުކޮށް."

އޭގެ ދެ ގަޑިއިރު ފަހުން އާމިނާއްދީ އަނެއްކާވެސް ހޭލައިގެން، ތެދުވެ އައު ދުވަހެއް ފަށައިގަންނަނީ އެވެ. އޭނާ އަކީ އުމުރު ކިޔައިދޭން ނޭނގޭ އޭނާގެ މި ހަޔާތުގައި އަބަދުވެސް ހެލިފެލިވެ، އަވަދިނެތި މަސައްކަތުގައި، ފާޑުފާޑުގެ ކާއެއްޗެހި އަބަދުވެސް މި ގޮތަށް ތައްޔާރުކުރުމުގައި އުމުރު ހޭދަކުރަމުން ގެންދާ މީހެކެވެ. މިއަދު އެކަނިވެރިޔަކަސް އެ ހަޔާތުގައި ނެތް ކުލައެއް ނެތެވެ. އޭނާ ތައްޔާރުނުކުރާ ކާ އެއްޗެއް ވެސް ނެތެވެ. އެވެސް އަދި ހުސް މީރު އެއްޗެއްސެވެ.

"އެއް ފަހަރަކު މި ރަށުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަކަށް 300 އަށް ވުރެ ގިނަ ބާވަތް އެކަނި ހެދިން. އެ ފަހަރު އެ މުބާރާތުން އެއް ލަމްބަރު ލިބުނު މަށަށް. އެކަމަކު ހަމަ އެންމެ ރުފިޔާއެއް ވެސް ނުދިން އެ ފަހަރަކު،" އާމިނާއްދީ ކިޔައިދިނެވެ.

"312 ބާވަތް ތައްޔާރުކޮށްގެން ފައިސާގެ އިނާމެއް ނުދިނަސް އެ ހުރިހާ އެއްޗެއް ތައްޔާރުކޮށްގެން ލިބުނު އުފާ ވަރަށް ބޮޑޭ. އުފާވެރިކަމެއް މަށަށް ލިބުނުތާ، ފައިސާގެ އިނާމެއް ނުލިބުނަސް."

އެ ފަހަރުގެ މައުރަޒަށް ތައްޔާރުކުރި 312 ވައްތަރުގެ "ކާބޯތަކެތި" ކުލަ އާއި ރަހައިން ވަކިކޮށް އިނގިލިތައް ގުނައި ހުސްކުރަމުން އޭނާ ކިޔައި ވެސް ދިނެވެ. އެކަމަކު މިހެން ލިޔާވަރަށް ވުރެ އެ ލިސްޓު މާ ދިގެވެ. ފަހުން އެ 312 ރެސިޕީ ފޮތެއްގެ ސިފައިގައި ނެރެން ރަނގަޅުވާނެ އެވެ. ރޯދަ މަސް ވެސް މި އޮތް އަންނަނީ އެވެ. އެކަމަކު މި ހަޔާތުގެ އެންމެ އުފާވެރި ޗެޕްޓާ އަށް މިހައި ހިސާބުން ޖެހިލަމާ ހިނގާށެވެ.

"މިހެން އިންނައިރު މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އަދިވެސް މަށަށް މި ހުރިހާ ކަމެއް ވެސް ކުރުމުގެ ގާބިލުކަމާއި ކުރެވޭނެ އިރާދަ އެކަލާނގެ މިންވަރު ކުރެއްވުން. އެއީ ވަރަށް އުފާވާ ކަމެއް،" އާމިނާއްދީ ކިޔައިދިނެވެ.

"އަހަރެން މިހާ އުމުރުން ދުވަސްވެފައި ހުރެ މި ހުރިހާ ކަމެއް ކުރާއިރު މަށަށް ވުރެ ދެ ގުނަ ހަގު ކުދިން އެބަތިބި ހިނގާނުލެވި ވެސް. ފުރޮޅިނުލެވޭ ކުދިން ވެސް. އެހެންވީމަ ވިސްނާލަބަލަ. ﷲގެ ރަހުމަތްފުޅު."

ދެން ވެސް އެންމެ އުފާވެރި ޗެޕްޓާއިން ސަފުހާތައް ނިއުޅުވަމުން އޭނާ ކުރިއަށް ދިޔަ އެވެ.

"އެންމެ ހިތްހަމަޖެހެނީ މިތަނުގައި މިގޮތަށް އުޅެލެވޭތީ މިއަދު ވެސް. ކިތަންމެ ނިކަމެތިކޮށް ހުއްޓަސް އަމިއްލަ ގެއެއްގައި މި އުޅެނީ. އެއީ ހިތްހަމަޖެހުން ލިބޭ ކަމެއް. އުފާވާ ކަމެއް. އަމިއްލަ އަށް އެއްޗެއް ކައްކައި ތައްޔާރުކޮށްލަން ބޭނުންވިޔަސް އެކަން ވެސް ކޮށްލެވިދާނެ މިހެން އުޅޭއިރު،" އޭނާ ބުންޏެވެ.

"ފިހުނު މަސްކޮޅެއް ކާން ބޭނުންވެއްޖެ ނަމަ ހަމަ ވަގުތުން މަސް ފިހެގެން ކާލަނީ. ކިހާ ބޮޑު އުފަލެއް އެ ވެސް"

"މީހަކާ އިނދެގެން އެހެން މީހެއްގެ ގެއެއްގައި ދިރިއުޅޭއިރު ނުލިބޭނެ މި އުފަލެއް. އަމިއްލަ ވަޒަނުގައި، އަމިއްލަ ގޭގައި އަމިއްލަ އަށް ކަންތައް ކޮށްލައިގެން އުޅެވުމަކީ ހާދަހާވާ ބޮޑު އުފަލެކޭ."

އެކަމަކު އާމިނާއްދީ މިއަދު ބޭނުންވާ ދުނިޔަވީ އެއްވެސް އުފަލެއް ހަގީގަތުގައި ނެތެވެ. އަދި މީހުންނާ އިނދެ، އެ މީހުންނަށް ކައްކައި ކާންދިން ހަޔާތުގައި ދުވަހަކު ވެސް ދަރިއަކު ނުލިބި، މުސްކުޅި ގެއަކާ އެކު ހަޔާތެއް މުސްކުޅިވަމުން ދިޔަޔަސް އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް، އެއްވެސް އެކަނިވެރިކަމެއް ވެސް ނެތެވެ. އެ ހިތް އޮތީ ޝުކުރުން ފުރިފަ އެވެ.

"މިހެން އޮންނައިރު އެންމެ ހަނދާންވަނީ އަހަރެމެން އެންމެން ވެސް ހެއްދެވި ފަރާތް. މި ދުނިޔެ އަށް ފޮނުއްވި ސަބަބު. އެހެންވީމަ މިގޮތަށް އެކަނި އުޅޭކަށް، ތަނެއްގައި އެކަނި އޮންނާކަށް ވެސް ބިރެއް ނުގަނޭ. ހިތަށް އަރަނީ އަހަރެން މަރުވެގެން ވެސް މިތަނުގައި އޮންނާނީ ހަމަ އެކަންޏޭ. އެކަމަކު މާތް ރަސްކަލާނގެ ވޮޑިގެންވާނެއޭ. އެއީ އެންމެ ގިނައިން ހިތަށް އަރާ އެއްޗަކީ،" އާމިނާއްދީ ބުނެލި އެވެ.

"އަހަރެން އެކަންޏެއް ނުވާނެއޭ އެ ދުވަހަކު. އިރާދަކުރެއްވިއްޔާމު."

އެއީ ތެދެކެވެ. އަދި މިއީ އާދައިގެ ވާހަކައެއް ވެސް ނޫނެވެ. އާދައިގެ ހަޔާތެއް ވެސް ނޫނެވެ. ފުލް އޮފް އެނާޖީ އެވެ. މި އެނާޖީ ސޭވްކޮށްލާށެވެ.