10 ފެބުރުއަރީ 2022 - 06:46

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާންގެ ހުރިހާ ވެސް އެެއްޗަކީ އޭނާގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގެވެ. އިއްޔެ އަމްރިތާ އަށް 64 އަހަރުވުމުން، އުފަންދުވަހުގެ ތަހުނިޔާ އިންސްޓަގްރާމް މެދުވެރިކޮށް ފޮނުވަމުން ސާރާ ވަނީ އޭނާއާ އަމްރިތާގެ ޒުވާން ދުވަސްވަރުގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ސާރާ ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އަމްރިތާގެ ފޮޓޯތަކުގައި އޭނާ ހަމަ ހުއްޓިގެން ހުރި ގޮތަށް، އެއް ޕޯސްއެއްގައި ސާރާ ވެސް ނަގާފައި ފޮޓޯތަކެއް އެއްކޮށްލާފަ އެވެ.
އެ ފޮޓޯތައް ބެލުމަށް ފަހު އެންމެން ވެސް ބުނަނީ ސާރާ އަކީ ހުރި ގޮތަށް ހުރި އަމްރިތާ ކަމަށެވެ. ބައެއް ފޮޓޯތަކުން ވަރަށް ބޮޑަށް ވެސް ވައްތަރެވެ. ނުވަތަ އެއްވެސް ތަފާތެއް ނެތެވެ.
އެ ފޮޓޯތައް އާންމުކޮށް ސާރާ ވަނީ އޭނާގެ މަންމަ ދެމުން އަންނަ ހިތްވަރަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މަންމަ ފަހުރުވެރިކުރުމަށް އަބަދު ވެސް ގަދައަޅާ މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.
އަމްރިތާ އަށް، އޭނާގެ ކުރީގެ ފިރިމީހާ އަދި ސާރާގެ ބައްޕަ ސައިފް އަލީ ހާންގެ އާއިލާގެ ބައެއް މެމްބަރުން ވެސް ދުވަހުގެ ތަހުނިޔާ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވި އެވެ.
ސައިފް އާއި އަމްރިތާ ކައިވެނިކުރީ 1991 ގަ އެވެ. އަދި ކައިވެންޏަށް ދެ ކުދިން ލިބިފައިވަނިކޮށް އެ މީހުން ވަކިވީ 2004 ވަނަ އަހަރު އެވެ. ސާރާގެ އިތުރުން ދެން ހުންނަ އިބްރާހީމް ޖަހަނީ އޭނާގެ ބައްޕަ ވައްތަރެވެ.
މައިންބަފައިން ވަރިވެފައި ތިއްބަސް، ސާރާ އާއި އިބްރާހިމް އެމީހުންގެ މައިންބަފައިންނާ އެކު ވަރަށް ރަނގަޅު ގުޅުމެއް ބާއްވަ އެވެ. ސައިފް މިހާރު ކަރީނާ ކަޕޫރާއި ކައިވެނިކޮށްގެން އުޅޭ އިރު، ސައިފްއާ ވަކިވި ފަހުން އަމްރިތާ އިތުރު ކައިވެންޏެއް ނުކުރެ އެވެ.
އަމްރިތާ ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް އާންމުންގެ ލޯބި ހޯދައިފަ އެެވެެ. އޭނާ މަސައްްކަތްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "މަރްދު" އާއި "ތޫފާން" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެ އެވެ. މިފަހުން ނިކުތް ބައެއް ފިލްމުތަކުން ވެސް އޭނާ ފެނިފައިވެ އެވެ.