09 ފެބުރުއަރީ 2022 - 23:18

މާލެއިން 1،000 ޕާކިން ޖާގަ ދިގު މުއްދަތަކަށް ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރުތަކަކަށް ދެމިގެންދާނެ ގޮތަށް ޕާކިން ޖާގަ ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.
އެކަމަކު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި އަދި ވަކި ވަގުތަކަށް ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޓްރާންސްޕޯޓުން ބުނީ ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް ހިލޭ ޕާކް ކުރާނެ ސަރަހައްދުތަކާއި ފީ ނަގައިގެން ޕާކް ކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޕާކިން ޖާގަތަށް ދޫކުރާނެ އުސޫލަކާއި، އެ ޖާގަތައް ހަދާނެ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް އެ މިނިސްޓްރީ އަށް ހުށަހަޅާއި ފާސްކުރުމަށް ފަހު އެކަން ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ކުރެވޭނެ ކަމަށެވެ.
އެގޮތަށް ކަންތައް ކުރެވެން އޮތަސް، ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު އެ މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާ އިރު، އެކަމުގެ ހުއްދަޔަކަށް ވެސް މިހާތަނަށް އެދިފައި ނުވާ ކަމަށް ބުންޏެވެ.
"މި މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދައާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެކަމަށް އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް، އެ މަސައްކަތް މަޑުޖައްސާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް މިއަދު އެ ކައުންސިލަށް އަންގާފައިވެ އެވެ.
ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ. އެކަމަކު އެ ތަންތަނުން ޖާގަ ވިއްކާނީ ސައިކަލު ޕާކިންގެ ޖާގަ ނުގެއްލޭ ގޮތަށް އަދި ޓްރެފިކް ބާރު ބޮޑުނުވާ ގޮތަށް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ފަހުން މާލޭގައި ޕާކިން އިމާރާތެއް އެޅުމުން އެ ޖާގަތައް އެތަނަށް ބަދަލު ކުރާނެ ކަމަށް ވެސް ބުންޏެވެ.