09 ފެބުރުއަރީ 2022 - 21:17

މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެކަމަށް އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް، އެ މަސައްކަތް މަޑުޖައްސާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އެ ކައުންސިލަށް އަންގައިފި އެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފު ސޮއިކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ކައުންސިލުން މާލޭގައި ވެހިކަލް ޕާކުކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ޕާކިން ޖާގަ ވިއްކަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކާ އެއްގޮތަށް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެއްވެސް ކައުންސިލަކުން ބިމުގެ މުއާމަލާތްކުރަން ވަނީ ބިމާ ބެހޭ ގާނޫނީ އިޖުރާތުތައް ފުރިހަމަ ކުރުމަށް ފަހު، ގާނޫނުން ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ކަމަށް ވެސް ސިޓީގައިވެ އެވެ.
އެ މައްސަލައާ ވިދިގެން އެ އޮތޯރިޓީ އަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެން ކަން ހިނގާފައިވާ ގޮތް އަންނަނީ ބަލަމުންނެވެ. ބިން ވިއްކުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ގާނޫނީ އިޖުރާތުތައް ފުރިހަމަކޮށްގެން ބިމުގެ މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް އެ އޮތޯރިޓީން ބޭނުން ވާތީ، ވަކި ގޮތެއް އަންގަންދެން ޕާކިންނަށް ބިން ވިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ވަނީ އެ ސިޓީގައި އަންގައިފަ އެވެ.
މި މައްސަލަ އެލްޖީއޭ އިން ދިރާސާކުރަން ބޭނުންވާތީ، ޕާކިން ޖާގަތައް ވިއްކުމަށް ކައުންސިލުން ކޮށްފައިވާ މުއާމަލާތަކުގެ ހުރިހާ ލިޔެކިޔުމެއް އަންނަ ހޯމަ ދުވަހުގެ ކުރިން ހުށަހަން ވެސް އަންގާފައިވެ އެވެ.
މޭޔަރު މުއިއްޒު އިއްޔެ ވިދާޅުވީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކިން ޖާގަ ވިއްކަން ނިންމީ ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށްޓަކައި ބޮޑު އަގުގައި ގަރާޖު ސިޓީ ގަންނަން މަޖުބޫރުވެފައި އޮތްއޮތުން ހައްލު ކުރުމަށް ކަމަށެވެ. އެހެންވެ، ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ އުމުރަށް، 1،000 ޕާކިން ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން 250 ޖާގަ ޚާއްސަ ކުރާނީ ޓެކްސީތަކަށް ކަމަށެވެ.
ޕާކިން ޖާގަ ވިއްކަނީ 20 ފޫޓަށް ވުރެ ފުޅާ މަގުތަކާއި ކާނިވާ ސަރަހައްދުންނެވެ. އެކަމަކު އެ ތަންތަނުން ޖާގަ ވިއްކާނީ ސައިކަލު ޕާކިންގެ ޖާގަ ނުގެއްލޭ ގޮތަށް އަދި ޓްރެފިކް ބާރު ބޮޑުނުވާ ގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ފަހުން މާލޭގައި ޕާކިން އިމާރާތެއް އެޅުމުން އެ ޖާގަތައް އެތަނަށް ބަދަލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
މި މަސައްކަތް ހުއްޓާލަން އެލްޖޭއިން އެންގީ، މި ޖާގަތަކަށް ކުރިމަތިލާން ހުޅުވާލަން އުޅެނިކޮށެވެ.
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމީ ގުރުއަތު ނަގައިގެން ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމުމަށް ފަހު އެވެ. އޭރު 211 ޕާކިން ޖާގައަކަށް ގުރުއަތު ނަގާފައި ވަނިކޮށް، މައްސަލަތަކެއް ދިމާވެ، އަލުން ގުރުއަތު ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެންގި އެވެ.