09 ފެބުރުއަރީ 2022 - 19:03

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓް ނުވަތަ އަތިރިމަތީގެ ކުރިމަތިން ވިއްކާ 26 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އެންމެ މަތީ އަގަކަށް އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން މިއަދު ހުށަހަޅައިފި އެވެ.

މެންދުރު 1:00 އިން ހަވީރު 5:00 އަށް ބީލަން ކެނޑުން ހ. މީރުމާގެ ފަސް ވަނަ ބުރީގައި ކުރިއަށް ގެންދިޔައިރު އެންމެ މަތީ އަގު ހުށަހެޅި ފަރާތުގެ ބީލަން ހުޅުވި ވަގުތު އޭނާ އެ ތަނުގައި ނެތެވެ. ނަމަވެސް އެ ބީލަމުގެ ހުރިހާ ޝަރުތެއް ހަމަވާތީ އެޗްޑީސީގެ އޮފިޝަލުން އެ ބަލައިގަތެވެ.

ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓްގެ ގޯތިތައް ގަންނަން 211 މީހަކު މިއަދު ބީލަން ހުށަހެޅި އެވެ. ބީލަންތައް ކެނޑުން އޮތީ އެ ތަނަށް ހާޒިރުވި މީހުންގެ ކުރިމަތީގަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެންމެ މަތީ އަގަކަށް އަކަފޫޓެއް 10 މިލިއަން ރުފިޔާ އަށް ގަންނަން ހުށަހެޅިއިރު، 2،600 އަކަފޫޓުން ބަލައިފި ނަމަ އެއީ ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ އެވެ.

އެޗްޑީސީން ބުނީ، ކާމިޔާބުކުރި ބީލަންތައް އުޅެނީ އެވްރެޖްކޮށް އަކަފޫޓެއް 6،000ރ. އާއި 10،000ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. އެންމެ ކުޑަ އަގަކުން ބީލަން ކާމިޔާބު ކުރި މީހާ ހުށަހެޅީ އަކަފޫޓަކަށް 6،000ރ. އެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދެން ވިއްކާނީ ބީޗް ސައިޑްގެ 34 ބިން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް އެ ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނުނިންމަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައިފައި ވެ އެވެ. އެންމެ ފަހުން ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.