09 ފެބުރުއަރީ 2022 - 13:08

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރެއިން އިތުރު 15 ރަށަކަށް ފޮނުވާނެ އެމްބިއުލާންސްތައް އިއްޔެ މާލެ ގެނެސްފި އެވެ. މިއީ ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން އެމްބިއުލާންސްތަކުގެ ތިން ވަނަ ޝިޕްމެންޓެވެ.
އެސްޓީއޯ އިން ބުނީ ވަރަށް އަވަހަށް މި އެމްބިއުލެންސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ.
އެ ކުންފުނި މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް ގެނައީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ. އޭގެ ފަހުން، 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމެންޓް ގެނައީ މިދިޔަ އަހަރު ނޮވެމްބަރުގަ އެވެ. މިހާރު އެ ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރަށްރަށް ފޮނުވައިފަ އެވެ.
ސަރުކާރުގެ އަމާޒުކުރީ މިދިޔަ އަހަރު ނިމުމުގެ ކުރިން 60 ރަށަކަށް އެމްބިއުލާންސް ފޮނުވާށެވެ. އެކަމަކު އަހަރު ނިމުނުއިރު، އެ އަމާޒު ހާސިލުނުވެ އެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ.