09 ފެބުރުއަރީ 2022 - 12:22

ބޮންޑުގެ ދަރަނި ނުދެއްކި ސްރީ ލަންކާ ޑީފޯލްޓް ވެދާނެ ކަމުގެ އިންޒާރު އިންވެސްޓަރުން ދީފި އެވެ.
ލަންކާއިން ވިއްކި ސޮވެރިން ބޮންޑަށް އިންވެސްޓްކުރި ބައެއް އިންވެސްޓަރުން ވަނީ މި ހާލަތުގައި އިގްތިސާދީ ހާލަތުން އަރައިގަތުމަށް އައިއެމްއެފްގެ އެހީ ހޯދުމަށް އެދިފަ އެވެ.
ލަންކާއިން ވިއްކި ސޮވެރިން ބޮންޑުގެ އަދަދު 45 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި އަހަރު ބޮންޑަށްވާ ހަތް ބިލިއަން ޑޮލަރު ލަންކާ ސަރުކާރުން ދައްކަން ޖެހެ އެވެ. ނަމަވެސް ލަންކާގެ ރިޒާވްގައި މިވަގުތު ހުރީ 3 ބިލިއަން ޑޮލަރަށް ވުރެ މަދު އަދަދެކެވެ.
ލަންކާ ސަރުކާރަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖުލައި މަހުގެ ކުރިން ސޮވެރިން ބޮންޑަށް ދައްކަން ޖެހޭ އެއް ބިލިއަން ރުފިޔާ ދެއްކުމެވެ. އެ ފައިސާ ނުދެއްކިއްޖެ ނަމަ، އިގްތިސާދު ޑީފޯލްޓްވާނެ އެވެ. ކޮވިޑާ ގުޅިގެން ޒެމްބިއާ އާއި ބަލީޒް އާއި ސުރަނާމް އާއި އިކުއަޑޯ ފަދަ ގައުމުތަކުގެ ދަރަނި ނުދެއްކި އިގްތިސާދު ޑީފޯލްޓްވެފައިވާކަން ވަނީ އިއުލާނުކޮށްފަ އެވެ.
ލަންކާގެ ފިނޭންސް މިނިސްޓަރު ބަސިލް ރާޖަބަކްސަ ވިދާޅުވީ، ޑީފޯލްޓް ނުވެ ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާ ކަމަށެވެ.
ރައީސް ގޮޓަބަޔާ ރާޖަބަކްސަގެ ސަރުކާރުން ވަނީ ޓޫރިސްޓުންނަށް ހުޅުވާލުމުން އެގައުމުގެ އިގްތިސާދީ ކާރިސާއިން އަރައިގަނެވޭނެ ކަމުގެ އުންމީޑު ބޮޑު ކަމަށެވެ. އެ ގައުމުން ވަނީ އެއް ބިލިއަން ޑޮލަރު ހޯދަން އިންޑިއާ ސަރުކާރުގައި އެދިފަ އެވެ. އަދި ޗައިނާއަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް އެ ގައުމާ އެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ލަންކާގެ އިގްތިސާދު ބޮޑު ނުރައްކަލެއްގައި އޮތް މި ދަނޑިވަޅުގައި އަނެއްކާ ވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ރިޒާވްގައި ހުރި ރަންތަކެއް ވިއްކާލައިފަ އެވެ. އެއާ އެކު ރިޒާވްގެ އަދަދު ވަނީ 92 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ލަންކާގެ ރަސްމީ ރިޒާވްގައި ހުރީ 175 މިލިއަން ޑޮލަރެވެ. ރަންތައް ވިއްކުމާ ގުޅިގެން ރަސްމީ ރިޒާވުން ވަނީ 47 ޕަސެންޓް އުނިވެފަ އެވެ.