ޔޫކްރޭން މައްސަލަ އިތުރަށް ގޯހެއް ނުވާނެ: މެކްރޯން
ޔޫކްރޭން މައްސަލަ އިތުރަށް ގޯހެއް ނުވާނެ: މެކްރޯން

ޔޫކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ތިބި ރަޝިޔާ ސިފައިންގެ ފަރާތުން، އެ މައްސަލަ އިތުރަށް ގޯސްވާނެ ފަދަ އެއްވެސް އަމަލެއް ނުހިނގާނެ ކަމުގެ ޔަގީންކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ދެއްވާފައިވާ ކަމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވިދާޅުވެއްޖެ އެވެ.

ޕުޓިންއާ އެކު ޔޫކްރޭންގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް ފަހު، އިއްޔެ ޔޫކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމުގެ ކުރިން މެކްރޯން ވިދާޅުވީ، ޕުޓިންއާ އެކުގައި ކުރެއްވީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ.

ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރީގައި ރަޝިޔާގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން ބަރު ހަތިޔާރާ އެކުގައި ތިބޭތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމާޒަކީ ޔޫކްރޭނަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދީ، އެ ގައުމު ނުވަތަ އެ ގައުމުން ބައެއް އަޅުވެތި ކުރުމެވެ.

ނަމަވެސް ރަޝިޔާ އިން މި ތުހުމަތުތައް ދޮގު ކުރެ އެވެ. ޔޫކްރޭންގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ގުޅުން ގޯސްވެފައި ވަނީ، މީގެ އަށް އަހަރު ކުރިން ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި އެ ގައުމުގެ ކްރީމިއާ ކިޔާ ސަރަހައްދު ރަޝިޔާއިން ހިފުމާ ގުޅިގެންނެވެ.

ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި، ރަޝިޔާއަށް ބޮޑު ތާއީދެއް އޮންނަ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމާ ގުޅޭ ގޮތުން، ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުގެ ބެލުމުގެ ދަށުން 2014 ވަނަ އަހަރު ގާއިމުކުރި މިންސްކް އެއްބަސްވުމަށް ޔޫކްރޭނުން އަމަލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޔޫކްރޭނުން މަސައްކަތް ކުރަނީ ނޭޓޯގެ ބާރުތައް ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ގެނެސް ރަޝިޔާއަށް ނުރައްކާ ކުރަން ކަމަށް ވެސް ރަޝިޔާ އިން ތުހުމަތުކުރެ އެވެ.

ޔޫކްރޭންގެ މައްސަލައިގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަނީ މިދިޔަ ހޯމަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ވަޑައިގެން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ހަ ގަޑިއިރު ވަންދެން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ފަހުން އިއްޔެ ޔޫކްރޭންގެ ވެރިރަށް ކިއޭވަށް ވަޑައިގެން އެ ގައުމުގެ ރައީސް ޒަލެންސްކީއާ އެކުވެސް މެކްރޯން މަޝްވަރާ ކުރެއްވި އެވެ.