12 ފެބުރުއަރީ 2022 - 12:42

ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް އިންޓްރާޔުޓެރިން އިންސެމިނޭޝަން (އައިޔޫއައި) ގެ ކާމިޔާބު ފަރުވާއަށް ފަހު އައިވީއެފް ފަރުވާ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ރާއްޖޭގައި އައިޔޫއައި ފަރުވާ ދެމުން އަންނަ މައި ކްލިނިކުން މިއަދު ބުނެފި އެވެ.

އެ ކްލިނިކްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު އަޒްމަތު އަބްދުﷲ މޫސާ "މިހާރު" އަށް ވިދާޅުވީ 2014 ވަނަ އަހަރު ކްލިނިކްގެ ހިދުމަތް ފެށީ އެކި ބަލިތަކަށް ހާއްސަ ފަރުވާދޭ ތަނެއްގައި ކަމަށެވެ. ނަމަވެސް ރީ-ބްރޭންޑުކޮށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ އަންހެނުންނަށް ހާއްސަކޮށް ފާޓިލިޓީ ސެންޓަރެއްގެ ގޮތުގައި ފަރުވާ ދެމުންނެވެ.

ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންނަށް މައި ކްލިނިކުން ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރާ ގުޅިގެންނެވެ. އެ ސެންޓަރުގެ ސީނިއާ ޕްރޮފެސާ ޑރ. އަވާނީ ޕިއްލާއީ އެ ކްލނިކްގައި މަސައްކަތްކުރައްވަ އެވެ.
އަޒްމަތު ވިދާޅުވީ އެ ކްލިނިކުން މިހާތަނަށް 200 އެއްހާ އައިޔޫއައި ހަދާފައިވާ ކަމަށެވެ. އެ ފަރުވާގެ ކާމިޔާބު ރޭޓް އުޅެނީ 22 ޕަސެންޓުގަ އެވެ.
ދަރިމައިވުމުގައި މައްސަލަ ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައި ފަރުވާ އެކަންޏެވެ. އެހެންވެ، އައިވީއެފް ހަދަންޖެހޭ މީހުން ބޮޑު ހަރަދެއް ކޮށްގެން ޖެހެނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދާށެވެ.
މި ދެ ފަރުވާއަށް ވެސް އާސަންދައެއް ނުލިބެ އެވެ. އެކަމަކު މައި ކްލިނިކުން އައިޔޫއައި ފަރުވާ ދެނީ އަތްފޯރާ އަގެއްގަ އެވެ.
އެކަންކަމަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މައި ކްލިނިކުން އަންނަނީ އައިވީއެފް ހެދުމަށް ތައްޔާރުވަމުންނެވެ.
އަޒްމަތު ވިދާޅުވީ އެ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުން ސްކޭނާއި ޓެސްޓުތައް ހަދައި ބޭސް ދޭނެ އެވެ. އޭގެ އިތުރުން އައިވީއެފް ހަދަން ޖެހޭ މީހުންނަށް ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އައިވީއެފަށް އިންޑިއާއަށް ގޮސްގެން ނޯމަލީ 2-3 މަސް އެކޮޅުގައި ހުރެގެން ރުފިޔާ ހަރަދުކުރުމުގެ ބަދަލުގައި ޑޮކްޓަރު ދޭނެ އައިވީއެފް ހަދާ ޕޭޝަންޓުންނަށް އޮޕްޝަނެއް އެއް މަސް ދުވަހު އެކޮޅުގައި ހުރެގެން ނޫނީ ފަހު ތިން ހަފްތާގައި ފަރުވާ ހޯދޭނެ ކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
އައިޔޫއައި ޕްރޮސީޖާ ގެންދާނީ ދަރިފަނީގެ އެނަލިސިސް ހެދުމާއި ދިމާވާ މައްސަލަތައް ދެނެގަނެގެންނެވެ. އެ ކަންތައްތަކުގައި މައްސަލަތައް ދެނެގަނެ އެންމެ ފުރަތަމަ ބަލާނީ ބޭހާއި އިންޖެކްޝަނުން ރަނގަޅު ކުރެވޭތޯ އެވެ. އެކަން ކުރާއިރު ސްކޭންތައް ވެސް ހަދާނެ އެވެ.
ފުރަތަމަ ފަހަރުން އައިޔޫއައި ޕްރޮސީޖާ ފެއިލްވެއްޖެނަމަ ދެ ވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް އެ ޕްރޮސީޖާ ކުރިއަށްގެންދެ އެވެ.
"އެބަހުރި ދެ ވަނަ ފަހަރަށް އެ ޕްރޮސީޖާ ކުރިއަށްގެންގޮސްގެން ކާމިޔާބުވެފައި ވެސް،" އަޒްމަތު ވިދާޅުވި އެވެ.
މައި ކްލިނިކަށް ދައްކާ މީހުންގެ އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް ވަރަށް ބޮޑުކަން އެނގިގެންދާ ކަމަށް އަޒްމަތު ވިދާޅުވި އެވެ.