09 ފެބުރުއަރީ 2022 - 09:42

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މުހައްމަދު ރާޝިދު، މަގާމުގެ ހުވާ މިއަދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާޝިދަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ.
ރާޝިދު، ކޮމަންޑޫ ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވީ 1,401 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ލިބިވަޑައިގަތީ 1,161 ވޯޓެވެ. އަދި އެމްއެންޕީގެ އަބްދުލް ހަންނާނަށް ހޯއްދެވުނީ 323 ވޯޓެވެ.
އިންތިހާބަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށް އޮތީ ސަރުކާރާއެކު، ތަރައްގީ ވުމުގެ އުންމީދެއްގައި ކަން ކަށަވަރު ކަމަށެވެ. އަދި މަޖިލީހުގައި ވެސް އޭނާ އެ މަގުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.