18 ޑިސެމްބަރ 2016 - 10:37

ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 11 މެޗުން މޮޅުވެފައިވާ ޗެލްސީގެ ކުޅުން މިހާރަށް ވުރެން ކުރިޔަށް އޮތް ތަނުގައި މާ މޮޅުވާނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އިއްޔެ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ހޯދި މޮޅާ އެކު ޗެލްސީން ވަނީ ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޗެލްސީ އަށް 17 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.
ކޮންޓޭ ބުނީ ޗެލްސީގެ ކުޅުން އަދިވެސް ރަނގަޅު ކުރެވޭނެ ކަމަށާއި ކުރިޔަށް އޮތްތަނުގައި އެ ތަފާތު ފެންނާނެ ކަމަށެވެ.
"ސީޒަން ފެށުނުއިރު އަހަރެން ބެލީ މި ޓީމަށް އެންމެ ރަނގަޅު ގޮތެއް ހޯދަން ޓެސްޓްތަކެއް ކުރަން. އެ ޕްރޮސެސް ތެރޭގައި ވަރަށް ގިނަ ފާޑުކިޔުންތައް ކުރިމަތިވި. އެކަމަކު އަހަރެން ބެލީ މި ޓީމަށް އެންމެ ރަނގަޅު ގޮތެއް ހޯދަން،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ޗެލްސީގެ ތަފާތަކީ ހަމައެކަނި ފޯމޭޝަނަށް އައި ބަދަލު ނޫން ކަމަށެވެ.
"ވަރަށް ގިނަ މީހުން ބުނޭ ޗެލްސީގެ ތަފާތަކީ 3-4-3 ފޯމޭޝަނޭ. އެކަމަކު އެ ފޯމޭޝަނަށް ކުޅުމަކީ ފަސޭކަމެއް ނޫންކަން އެބަ އެނގޭ. ގިނަ ޓީމުތައް މި ފޯމޭޝަނުގައި ފެއިލްވެއްޖެ. ޗެލްސީގެ ތަފާތަކީ ފޯމޭޝަނާ އެކު މޮޅުވާން ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރާ ހިތްވަރު،" ކޮންޓޭ ބުންޏެވެ.
ލީގުގައި ދެން ކުޅޭ މެޗަށް ކާޑު ހަަމަވުމުގެ ސަބަބުން ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި ޑިއޭގޯ ކޮސްޓާ ވަނީ ސަސްޕެންޑްވެފަ އެވެ.
ކޮންޓޭ ބުނީ ލީގެއްގައި ވާދަކުރާއިރު ސަސްޕެންޝަނާއި އަނިޔާގެ މައްސަލަތައް ކުރިމަތިވާނެ ކަމަށާއި ކޮންމެ ކުޅުންތެރިޔެއްގެ ބަދަލުގައި ވެސް ބޭނުންކުރެވޭ ފެންވަރުގެ ކުޅުންތެރިން ޗެލްސީގައި އެބަތިބި ކަމަށެވެ.
ޗެލްސީ ދެން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.