09 ފެބުރުއަރީ 2022 - 12:38

ރާއްޖެ އަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ދޫނި މަރާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައި، މަޖިލީހުން އެ މައްސަލަ ބަލަން ހުށަހަޅައިފި އެވެ.

ގަވައިދާ ހިލާފަށް އެތެރެ ކުރަން އުޅުނު 120 ދޫނި ކަސްޓަމްސް އިން ހިފަހައްޓާފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގަ އެވެ. އެ ހުރިހާ ދޫންޏެއް މަރާލާފައިވާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ސަރުކާރަށް އަމާޒުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދަށް އެޖެންޑާ ކޮށްފައި ވެސް އޮތީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކުރުން ހުއްޓުވުމާ ބެހޭ ބިލެކެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވައިދުގެ ދަށުން އެތަކެތި ނައްތާލުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެއީ 2008 ގާނޫނުއަސާސީގެ ވެސް ކުރިން ހަދާފައިވާ ގަވައިދެއް ކަމަށާއި ނަމަވެސް ދިރޭ ފުރާނައެއް ހުރި އެއްޗެއް ނައްތާލާއިރު އެކަމާ ވިސްނާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"2008 ވަނަ އަހަރު ސަރުކާރު ފެށުނު އިރު 63 މީހުން ތިބި ރާއްޖެ އަށް މަނާކޮށް ވަދެފައި. ގަވައިދުގައި އޭރުގައި ވެސް އޮތީ މަނާތަކެތީގެ ގޮތުގައި ނައްތާލުމަށް. އެހެން ނަމަވެސް އެކަމެއް އެގޮތަކަށް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ދޫނިތައް މަރާލަން ޖެހުނު އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި އެތަކެތި ގަވައިދާ ހިލާފަށް އެތެރެކޮށް އިންސާނާކު ކުރި ކުށެއްގެ އަދަބު ދޫންޏަށް ލިބިގެން ނުވާނެ ކަމަށެވެ. އެކަމަކީ އޭޖީގެ ލަފަޔަކަށް ވެސް އެދެން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.
އެ މައްސަލާގައި މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ޖަނަވާރެއްގެ ފުށުން ބަލިތަކެއް ފެތުރިދާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް ފުރާނަ ދުއްވާލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ބިލުގެ އިތުރުން ދޫނިތައް މަރާލި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ހުށަހަޅުއްވާ ކަމަށާއި އަދި ކޮމިޓީ އަށް ފޮނުވަައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"ގާނޫނުލްއުގޫބާތުގެ 625 ވަނަ މާއްދާގެ ދަށުން ޖަނަވާރަށް އަނިޔާވެރި އަމަލެއް ކުރުމަކީ ކުށެއް. އެކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް،" ސަލީމް ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ވާހަކަ ދެއްކެވި މެންބަރުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދޫނިތައް މަރާލުމަކީ ދޫކޮށްލާ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ހަދާފައިވާ ގަވައިދުތައް އަލުން ބަދަލު ކުރަން ޖެހޭ ކަމަށާއި މުޅި މަޖިލީހުން އެކަން ބަލަން ޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ރަހުމްކުޑަ މި ކަހަލަ އަމަލެއް 120 ދޫންޏަށް ކޮށްލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކަންބޮޑުވާ މައްސަލައެއް ބަލަން ޖެހޭ މައްސަލައެއް އަޅުގަނޑު ސަރުކާރަށް ގޮވާލަން މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް މުއައްސަސާތަކުން ކުރުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ދޫނިތައް މަރާލި މައްސަލާގައި މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އިރު މިއަދު ބަހުސް ކުރި ބިލުގައި ވެސް އޮތީ ގަވައިދާ ހިލާފަށް އެތެރެ ކުރާ ދޫނިތައް ނައްތާލުމެވެ.
އެކަން ފާހަގަ ކުރައްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އެކަކު އަނެކަކު ކުށްވެރި ކުރިޔަސް މައްސަލަ ހައްލެއް ނުވާނެ ކަމަށާއި އެކަން ތަކުރާރު ނުވާ ގޮތަށް ގާނޫނާއި ގަވައިދުތައް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ގަވައިދާ ހިލާފަށް އެތެރެކޮށްގެން މަރާލާފައި ވަނީ ތަފާތު އަށް ވައްތަރެއްގެ އަގު ބޮޑެތި ދޫނިތަކެކެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނުވަތަ އެމެޒޯނާ ފެރިސޯނާގެ 10 ދޫނި ވެސް ހިމެނެ އެވެ.