09 ފެބުރުއަރީ 2022 - 09:52

ބާންލީ (ފެބްރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ލީގުގެ ފުލުގައި އޮތް ބާންލީއާ ދެކޮޅަށް ރޭ ކުޅުނު މެޗު އެއްވަރުވި އިރު، ނިއުކާސަލް ޔުނައިޓެޑުން ފަހަތުން އަރައި އެވަޓަން ބަލިކޮށްފި އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގެ 12 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒްގެ ހުރަހަކުން ޑިފެންޑަރު ރަފޭލް ވަރާން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ ވަރޭން ހުރީ އޮފްސައިޑްގައި ކަމަށެވެ.
މާކަސް ރަޝްފޯޑާއި ލޫކް ޝޯ އުފެއްދި ހަމަލައެއްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 18 ވަނަ މިނިޓުގައި ޕޯލް ޕޮގްބާ އެވެ. އޭގެ ފަހުން ލޫކް ޝޯ ނެގި ހުރަހެއް ރަޝްފޯޑް ފޮނުވައިލުމުން ބާންލީގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި، ގޯލަށް ވަން ނަމަވެސް އޭގެ ކުރިން ޕޮގްބާ ވަނީ ގޯލް ކުރިމަތީގައި ހުރި ބާންލީގެ ކުޅުންތެރިޔަކަށް ފައުލް ކޮށްފަ އެވެ.
ބާންލީ އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފް ފަށައި، ދެވަނަ މިނިޓުގައި، ޖޭ ރޮޑްރިގޭޒް އެވެ. އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ބާންލީން 12 މިލިއަން ޕައުންޑަށް ގެންދިޔަ ވޯޓް ވެގޯސްޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރޮޑްރިގޭޒް، އޭރިއާގެ ތެރެއަށް ވަދެ، އޭނާ އަށް ހުރަސް އަޅަން ހުރި ހެރީ މެގުއާ އަށް އެއްވެސް ފުރުސަތެއް ނުދީ ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލި އެވެ.
މި ނަތީޖާއާ އެކު، ޔުނައިޓެޑުން ވަނީ މެޗު ކާމިޔާބުކޮށް، ހަތަރުވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ޔުނައިޓެޑް ފަސްވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތީ އަމިއްލަ ދަނޑުގައި ރޭ ވަޓްފޯޑް 1-0 އިން ބަލިކުރި ވެސްޓް ހޭމް ޔުނައިޓެޑެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ޖަރޯޑް ބޯވެން އެވެ. ވެސްޓް ހޭމް ވަނީ މިހާތަނަށް ކުޅުނު 24 މެޗުން 40 ޕޮއިންޓް ހޯދައިފަ އެވެ.
އާ ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ރަށުން ބޭރުގައި ކުޅުނު އެވަޓަން، ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ އެވަޓަން އެވެ.
ޑިފެންޑަރު މޭސަން ހޯލްގޭޓް ފޮނުވައިލި ހަމަލާއެއް ދިފާއު ކުރަން އުޅެނިކޮށް، ނިއުކާސަލްގެ ޖަމާލް ލަސެލްސް އަތުން ބައިކޮޅަށް ވަން ލަނޑަކުން އެވަޓަން އަށް ލީޑު ލިބުނުއިރު، ޖެހިގެން އައި މިނިޓުގައި ނިއުކާސަލް އަށް ނަތީޖާ އެއްވަރުވީ ހޯލްގޭޓް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.
ދެވަނަ ހާފުގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ ރަޔާން ފްރޭޒާ އެވެ. މެޗުގެ 56 ވަނަ މިނިޓުގައި ސެއިންޓް މެކްސިމިން ނަގައިދިން ހުރަހަކުން ފްރޭޒާ، ގޯލުގެ ކުރިމަތީގައި މުޅިން ހުސްކޮށް ހުރެ ބޯޅަ ގޯލަށް ފޮނުވައިލި އެވެ. އަދި ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށްވެފައި ވަނިކޮށް، ނިއުކާސަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ސައުދީން އެ ޓީމާ ހަވާލުވެ ފުރަތަމަ ގެނައި ކުޅުންތެރިޔާ ކީރެން ޓްރިޕިއާ އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭޖެހުމަކުންނެވެ.
މިއީ ނިއުކާސަލް މި ސީޒަނުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔުނައިޓެޑް ވަނީ ލީގުގައި ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ވާދަކުރި މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.
މި ނަތީޖާއާ އެކު ރެލިގޭޝަން ޒޯނުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ނިއުކާސަލް ވަނީ ކުޅުނު 22 މެޗުން 18 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 17 ވަނައަށް ޖެހިލައިފަ އެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން އެވަޓަން އޮތީ 16 ވަނައިގަ އެވެ.