09 ފެބުރުއަރީ 2022 - 06:01

އާދިއްތަ ދުވަހާ ގުޅޭ
"ތި ދަރިފުޅުގެ ވާހަކަ ބައްޕަ ބުނާނަން." އަހަރެންގެ ލޯބިވާ ބައްޕަ ހިނިތުންވާން މަސައްކަތްކުރަމުން ބުންޏެވެ.
ބައްޕަ އެ ބުނީ ކީކޭކަން އަހަންނަށް އެނގުނެވެ. ވަގުތު އައިސް ޖެހިއްޖެކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ފަހަކަށް އައިސް އަހަންނާއި ބައްޕަޔާ ދެބަފައިން ވަރަށް ފަރިތަކޮށް ވާހަކަދައްކަމެވެ. އަހަރުމެން ކިޔާ އެއްޗެހި، އެކަކުއަނެކަކަށް އެނގޭތީއެވެ. އެންމެ ފަހަރަކު ވެސް ތަކުރާރުކުރާކަށް ބައްޕައަަކަށް ނުޖެހެއެވެ. ފޮތުގައި ލިޔާކަށް ވެސް ނުޖެހެއެވެ. ފޮތުގެ ބޭނުން ޖެހެނީ އެހެން ކުދިން ބައްޕަޔާ ވާހަކަދައްކާ އިރުއެވެ.
"ހިތްހެޔޮކުރާތި ބައްޕާ!" އަރުގައި ތާށިވި ހިތާމަތައް ދިރުވައިލަމުން އަހަރެން ބުނީމެވެ. "ބައްޕަ މަތިން ވަރަށް ހަނދާންވާނެ. ޔާﷲ! މިއަޅާގެ ބައްޕައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި! މިއަޅާއަށް ކެތްތެރިކަމާ ހިތްވަރު ދެއްވާށި!"
އަހަރެން ޝަހާދަތް ލައިދިނީމެވެ. އަހަރެންގެ އަޑުދަށުން ބައްޕަ ޝަހާދަތް ކިޔެވެ. އެއަށް ފަހު ލޯމަރައިލިއެވެ. ސައިރަންގެ އަޑުން މީހުން ބިރުގަންނަވަމުން، މަގުން މީހުން އެއްފަރާތްކުރަމުން އެންބިލާންސު ދިޔަ ނަމަވެސް، އަހަރެންގެ ހިތަށް އިހުސާސްކުރެވުނީ ފަޅުކަމެކެވެ. ހަމަހިމޭންކަމެކެވެ. އެކަނިވެރިކަމާއި ނިކަމެތިކަމެވެ. ދަތުރުވަރެއްގައި ގެއަށް އައި މެހުމާނެއް ފަދައިން ގޭގައި މަޑުކޮށްލުމަށް ފަހު ދަތުރުވެރިޔާ ފުރީއެވެ. ފާލަންމަތީގައި އަހަރެން ބަހައްޓައިފައެވެ. އަހަރެން މުނިފޫހިފިލުވައިދިން މަޖާ ވާހަކަތަކާއި، ކުލުނުން ފުރިފައިވާ ސަމާސާތައް ހަމައެކަނި ހަނދާންތަކެއް ގޮތުގައި ދޫކޮށްފައެވެ. އަހަރެން އިނީ ހިތްވަރުކޮށްގެންނެވެ. އެކަމަކު ކަރުނައެއް ނިހިފޭއްޓުނެވެ. ހިތާހިތުން ބުނެލީމެވެ. ލޯބިވާ ބައްޕާއެވެ. އަހަންނަށް އެއްވެސް ކުށެއް ކުރެވިފައިވާ ނަމަ އަހަންނަށް މާފުކުރާށެވެ. އެ ވަގުތު ބައްޕަ ލޯހުޅުވައިލިހެން އަހަންނަށް ހީވިއެވެ.
"ތި ލޮލުގަ ދިޔަދޯތްވެއް ހަރުކޮށްބަލަ!" ބައްޕަގެ މަޖާ ރާގުގައި ބުނެލި ކަހަލައެވެ.
އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ކައިރީގައި ހުރި ނަރުސްކުއްޖާ އަހަންނަށް ބަލައިލިއެވެ. ވީ ގޮތް އޭނައަކަށް ނޭނގޭނެއެވެ. އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރުމެން ދެބަފައިންގެ މެދުގައި އޮތް ސާދާ ގުޅުން އެހެން މީހުންނަކަށް ނުވިސްނޭނެއެވެ. އެ ފަދަ މަންޒަރުތައް މަތީން މީހުން ހަނދާންނެތިއްޖެއެވެ.
ބައްޕަ ނިޔާވުމުން ވެސް ބޮޑުކޮޓަރިން އެނދު ނެރޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. ގެއަށް ވަންނަ ވަގުތު ބައްޕަގެ އެނދު ފެންނަން ހުންނަން އަހަރެން ބޭނުންވާތީއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް އޭރުން ލިބެއެވެ. އަހަރެން ވަޒީފާ ނިންމައިފައި އައިސް ޓައީ ވެސް ނުނަގައި، އިސްޓާކީނު ވެސް ނުބާލައި، ބައްޕަ އޮތް އެނދުގައި އޮށޯވެގެން އޮންނަމެވެ. ޖެހިގެން ބައްޕަ އޮތްކަމުގައި ހިތަށްއަރުވައިގެންނެވެ. އަހަރެން އޮންނަނީ ލޯމަރައިލައިގެންނެވެ. މަސަންދުގައި ހަރުލައިފައި ހުރި އަތަރުވަހުން، ބައްޕަ އެ ތަނުގައި ނެތްކަމުގެ އިހުސާސް ކުޑަކުރުވައެވެ.
ބައްޕަގެ އެނދުގައި އަހަރެން އެތައް އިރަކު އޮންނަމެވެ. ގިނަ ރޭރޭ އަހަރެން ނިދަނީ ވެސް އެ އެނދުގައެވެ. ކޮއްކޮއާއި ދައްތަމެންނަށް އެ މަންޒަރު ފެންނަން ފެށިއެވެ. އެ މީހުން ކަންބޮޑުވާން ފެށިއެވެ. ބޮޑު ހިތާމައެއް ތެރެއަށް އަހަރެން ގެނބި، އެއިން ސަލާމަތް ނުވެވިދާނެކަމުގެ ބިރު ހީވާން ފެށިއެވެ. ދިގުލީ ބައްޔަކަށް އެ ކަން ވެދާނެތީއެވެ. ފުރަތަމަކޮޅު އެންމެން ވެސް އުޅުނީ، އެ ވާހަކަ ނުދައްކައި އެ ކަން ހުއްޓުވާށެވެ. އެ މީހުން ކުރާ ކަންކަމުގައި އަހަރެން ބައިވެރިކޮށް، އެ މީހުން ދާ ތަންތަނަށް އަހަރެން ގެންގޮސް ހެދިއެވެ. އަހަރެން އިންކާރެއް ނުކުރަމެވެ. އެކަމަކު، ގެއަށް އަތުވެއްޖެއްޔާ އަހަރެންގެ ޖާގައަކީ ބައްޕަގެ ލޯބީގެ ދާނެވެ. އެންމެ ފަހުން ކޮއްކޮ އެ ސުވާލު އަހަންނާ ކުރިމަތިކުރިއެވެ.
"ބޭބެ ކީއްކުރަން ތި ތާ ތި އޮންނަނީ؟" ކޮއްކޮ އެހިއެވެ.
"ދެން ބައްޕަޔާ އެއްކޮށް މި ތާ އޮވެއޮވެ، ބައްޕަ މަތިން ހަނދާންވާތީ އޮވެވެނީޔޭ،" ލޯމަރައިލައިގެން އޮވެ އަހަރެން ބުނީމެވެ. "ބައްޕަ މިހާރު ދެން އެކޮޅުގަ ވަރަށް ބިޒީކޮށްތާ އުޅޭނީ ދޯ؟"
"ދެން ދޮންބެ ތެދުވަންއުޅޭ،" އަހަރެންގެ އަތުގައި ހިފަމުން ކޮއްކޮ ބުންޏެވެ. "ހިނގާ ސަޔެއް ބޯލަން."
އެ ދަނޑިވަޅަށް ދައްތަ ވެސް އައެވެ. އަހަންނަށް ހީވަނީ އެއީ އެ މީހުން ދުރާލައި ރާވައިގެން ކުރި ކަމެއް ހެންނެވެ.
"ގެއަށް އައި ގޮތަށް މިޔަދު ވެސް އެނދުގަ ދޯ؟" ދައްތަ ބުންޏެވެ. "މިހާރު އެހެރަ ފަހެއްޖަހަނީ. އަހަރެން އެބަ ޖެހޭ ވާހަކައެއް ދައްކަން. ހިނގާބަލަ ކޮފީއެއް ބޯލަން."
"އާނ ދެން ކަލޭމެން ދޭބަލަ،" އަހަރެން ބުނީމެވެ. "އަހަރެން އިރުކޮޅަކުން ތެދުވާނަމޭ. އަދި ކުޑަ އިރުކޮޅަކު އޮވެލާފަ."
އެކަކު ވެސް ގަބޫލެއްނުކުރިއެވެ. އެންމެ ފަހުން އެ މީހުންނާ އެއްކޮށް އަހަރެން ނުކުތީމެވެ. ކައިރީގައި ހުރި ކޮފީހޮޓަލަކަށް ދިޔައިމެވެ. ދައްތައަކީ ބެންގަލޫރުގައި ދިރިއުޅޭ މީހެކެވެ. ކަންދިމާކުރި ގޮތުން އެ ދުވަސްވަރު މާލޭގައި ހުރީއެވެ. ދައްތަގެ ފިރިމީހާޔާއި ދަރިން އޭރު ވެސް ތިބީ އިންޑިޔާގައެވެ.
"އަހަރެންނާ އެކީ ބެންގަލޫރަށް ހިނގާބަލަ!" ދައްތަ އެދުނެވެ. "ކުދިވެރިން ވެސް އަބަދު އުޅޭނެ ދޮންބެ ދެކޭހިތުން. ވެގެން އުޅޭ ގޮތް ވެސް ބުނެފާނަން. އަހަރެންގެ ތިން ދަރިންގެ ޤުރުއާންކިޔެވުން މިހާރު ވަރަށް ކޮށިވެއްޖެ. ދެރަ ކަމެއް. ޒާލިފު ނުލާހިކު ރީތިކޮށް ކިޔަވާ. ހިނގާބަލަ ދައްތައަށް އެހީވެދޭން. މާ ގިނަ ދުވަހު ނުހުއްޓަސް ރަނގަޅުވާނެ. ދެ ހަފުތާ ނޫނީ ތިން ހަފުތާ އޯކޭވާނެ. ކީކޭ ބުނަނީ؟"
ދައްތަގެ މަގުސަދު އަހަންނަށް އެނގެއެވެ. އެއީ، ކުރީގެ ދިރިއުޅުމަށް އަހަރެން އިއާދަކުރުމެވެ. އެއީ ރަނގަޅު ނިޔަތެކެވެ. އެ ކަމަށް އަހަރެން ތާއީދުނުކުރަންވީ ސަބަބެއް ނެތެވެ. އަނެއްކޮޅުން ދައްތަ އެދެނީ ކޮއްކޮމެންގެ ހިތްތައް ޤުރުއާނުގެ ދަންމަރުން އަލިކޮށްދޭށެވެ. އެ ކަން ވެސް އަހަރެން ނުކޮށްދޭންވީ ސަބަބެއް ނެތެވެ. އެ ކަމުގައި އުޅެމުން ވެސް ބައްޕައަށް ކޮށްދޭންވީ ކަންތައް އަހަންނަށް ކުރެވޭނެއެވެ. އެއި ހެޔޮދުއާކުރުމެވެ. ބައްޕައަށް އެއަށް ވުރެ މުހިންމު ހަދިޔާއެއް ކޮބައި ހެއްޔެވެ؟
ޗުއްޓީނަގައިގެން އަހަރެން ބެންގަލޫރަށް ދިޔައީމެވެ. ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައިދީ، ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނީމެވެ. އަހަރެން އުޅުނު ހިސާބުގައި ޔަތީމުހާނާތައް ހުރެއެވެ. އެ ތަނަށް ގޮސް ބައްޕަގެ ނަމުގައި ސަދަގާތްކުރީމެވެ. މިސްކިތްތަކާއި، މަދަރުސާތަކަށް ވެސް ސަދަގާތްކުރީމެވެ. އެ ތަނުން ނިޒާރާ ދިމާވިއެވެ. ނިޒާރަކީ ބައްޕަގެ މާ ގާތް އެކުވެރިޔެކެވެ. މައިންބަފައިން ނިޔާވުމުން އެ މީހުންގެ ގާތްތިމާގެ މީހުންނާއި ގާތް އެކުވެރިންނަށް ހެޔޮކޮށްހިތުމަކީ ވެސް މަތިވެރި ސަދަގާތެކެވެ. ގުރުދާ މައްސަލަޖެހިގެން ނިޒާރު އޮތީ ހޮސްޕިޓަލުގައެވެ. ބޭސްފަރުވާ ކަންތަކުގައި އަހަރެން ވަރަށް އެހީވީމެވެ. އަހަރެން މާލެއައީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެކަމަކު މާލެއިން އަހަންނާ ކުރިމަތިވީ ހީނުކުރާ ކަހަލަ ކަމަކާއެވެ.
އަހަރެން ގެއަށް ވަން އިރު ބައްޕަގެ އެނދެއް ނެތެވެ. މާލޭގައި ހުރި ދައްތައާއި ކޮއްކޮ ވެގެން އެނދު ކޮންމެވެސް ތާކު ފޮރުވައިފިއެވެ. ފުރަތަމަ ވަރަށް ދެރަވިއެވެ. ރުޅި ވެސް އައެވެ. އަހަންނަށް ހީވީ އަހަރެންގެ ގައިން އެއް ބައި މަދުވިހެންނެވެ. އެހެނަސް ހިތަށްއެރިއެވެ. އެއީ އަހަންނަށް ރަނގަޅަކަށް ކުރި ކަމެކެވެ. އަހަރެން ޖެހޭނީ ބައްޕަޔާ ނުލައި ދިރިއުޅެން ދަސްކުރާށެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. ހުރިހައި ތަސްވީރެއް ރައްކާކުރެވިފައި ހުރީ އަހަރެންގެ ހިތުގައެވެ. އުންމީދުކުރީ އެއިން އަހަންނަށް ފުދޭނެކަމަށެވެ. އެހެނަސް ދެން ލިބުނީ މާ ރަނގަޅު ފުރުސަތެކެވެ.
ތިން މަސް ފަހުން މަންމަ ބަލިވިއެވެ. މަންމަގެ އެއް ފަޅިން ކުއްލިއަކަށް ވާގިދިޔައީއެވެ. އަވަހަށް މަންމަ މާލެގެނައިމެވެ. މަންމަޔާ އެކުގައި ބޮޑުދައިތައެއް ވެސް އައެވެ. މަންމައަކީ އިސްކޮޅުން ކުރު، ލުއި މީހެކެވެ. ބޮޑުދައިތައަކީ އިސްކޮޅުން ދިގު، ވަރުގަދަކޮށް ހުންނަ މީހެކެވެ. އެއީ ވަރަށް ވެސް ބޮޑު ނަސީބެކެވެ. ދަރިއެއްހެން މަންމަ އުރައިލައިގެން ގެންގުޅުމަކީ ބޮޑުދައިތައަށް އެއްވެސް ކަމެއް ނޫނެވެ. އެކަމަކު މަންމައަށް ކާންދިނުމާއި، ކައިރީގައި އިނުމާއި އެ ފަދަ ހުރިހައި ކަމެއް ކޮށްދޭން ބޭނުންވީ އަހަންނެވެ. އެއީ، މިލައި މޯޅިވަމުންދިޔަ އަހަރެންގެ ހިތަށް ލިބުނު އިތުރު ދިރުމެކެވެ. އުފަލެކެވެ. ހަމަޖެހުމެކެވެ. ހިތަށްއެރިއެވެ. ގުދުރަތުގެ ރޭވުން ކިހާ ފުރިހަމަ ހެއްޔެވެ؟ އެއް އުފާ ގެއްލޭ އިރަށް އަނެއް އުފާ އަހަންނަށް ލިބުނީއެވެ.
މަންމައާއި ބައްޕަ ހާސްބައި ތަފާތެވެ. ޝަކުވާ ނޫން އެއްޗެއް މަންމަގެ ދުލަކުން ބޭރެއް ނުވެއެވެ. އެ ފަދަ ކަމެއް މަންމައަށް ކުރިމަތިވިކަމުގެ ޝަކުވާއާއި އަބަދު އެނދުގައި އޮންނަން ޖެހުމުގެ ޝަކުވާއެވެ. މާލެއަންނަން ޖެހުމުގެ ޝަކުވާއާއި ރަށަށް ނުދެވޭކަމުގެ ޝަކުވާއެވެ. މަންމަގެ ކަމަކީ އަމިއްލަ ހާލާ މެދު ހިތާމަކޮށް ރުއިމެވެ. ބައްޕައަށް ވުރެ ގިނަ ވަގުތު އަހަރުމެން މަންމަ ގާތުގައި ހޭދަކުރިޔަސް ވެހެވެ. ބޮޑުދައިތަ ވެސް އިރުއިރުކޮޅާ ބުނެއެވެ. ޒުލޭހާއެވެ. ޝުކުރު ނުކުރިޔަސް ތީ ބޮޑުވަރެވެ. ތި ވަރަށް ރޯކަށް ނުވާނެއެވެ. މަންމައަށް ޓަކައި ދަރިއަކު އެހެރަ މަރުވަނީއެވެ. އުފާކޮށްބަލާށެވެ. ޝުކުރުކޮށްބަލާށެވެ. މި ޒަމާނުގައި ހާލަކުން ދަރިޔަކު ވެސް އެހެނެއް ނޫޅޭނެއެވެ. މަންމަ އެ އަޑެއް ނާހައެވެ.
ބައްޕައަށް ވުރެ މަންމަގެ ހާލު މާ ބޮަޑަށް ވެސް ރަނގަޅެވެ. އެހެންވެ މަންމަ އެނދުން ނެގޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އައިޕެޑް ދަސްކޮށްދޭން ވެސް ލައްކަ މަސައްކަތްކުރީމެވެ. ދަހެއް ނުކުރިއެވެ. މަންމަގެ އެހާ ހިތްވަރެއް ނެތެވެ. ހުރިހައި ހިތްވަރެއް މަންމަ ބޭކާރުކުރީ ޝަކުވާކޮށް ހިތާމަކުރުމުގައެވެ. އެހެނަސް އަހަރެންގެ ޝަކުވާއެއް ނެތެވެ. މަންމައަށް ހިދުމަތްކުރުމަކީ ކޮން ފަދަ ބޮޑު ޝަރަފެއް ހެއްޔެވެ؟ ހުރިހައި އެންމެނަކަށް އެ ނިއުމަތެއް ނުދެއްވައެވެ. ﷲ އަކީ އޯގާވެރިވަންތަ ރަސްކަލާނގެއެވެ. އެ ކަލާނގެ ރޭވުންތެރިކަން މަތިވެރިއެވެ.
"ކޮބާ މަންމާ މިއަދު ކިހިނެއް؟" މެންދުރު ގެއަށް އައިސް އަހަރެން އެހީމެވެ.
"އަހަރެން ބޭނުމެއް ނޫން މި އެނދުގަނޑުގަ އޮންނާކަށް." ރުޅިއައިސްފައި މަންމަ ބުންޏެވެ.
އަހަރެން ހިނިތުންވެލައިފައި މަންމަގެ ބޮލުގައި ފިރުމައިލީމެވެ. މަންމައަށް އަނެއްކާ ވެސް ފޫހި ދުވަހެކެވެ. އަހަންނަށް އަނެއްކާ ވެސް އުފާވެރި ދުވަސްތަކެކެވެ. ބައްޕައަށް ފަހު މަންމައަށް ހިދުމަތްކުރުމުގެ ފުރުސަތުލިބެނީ ކިތައް ދަރިންނަށްބާއެވެ؟ އަހަންނަކީ ނަސީބުވެރިޔެކެވެ. އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. މަންމަ ވަކިވެގެންދާ ދުވަހު އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ