08 ފެބުރުއަރީ 2022 - 19:33

ރާއްޖެއަށް އެތެރެ ކުރަނިކޮށް ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ދޫނި މަރާލައިފި އެވެ. އެ މައްސަލަ މިހާރު ވަނީ އާންމުންގެ ތެރޭގައި ބޮޑު ބަހުސަކަށް ވެސް ވެފަ އެވެ.
މަރާލާފައިވަނީ ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގެންފައި ހުރި ދޫނިތަކެކެވެ. ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާ ދޫނިތައް ފިޔަވައި އެހެން ބާވަތުގެ ދޫނިތައް ރާއްޖެ އެތެރެކުރާ ނަމަ ހިފަހައްޓަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
"މިއީކީ އަލަށް ކުރި ކަމެއް ނޫން. ކުރިން ވެސް މިގޮތަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރާ ކަމެއް މިއީ،" ފިޝަރީޒް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ ދޫނިތައް ނައްތާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކަރަންޓީން ފެސިލިޓީގަ އެވެ. އެކަމަކު ނައްތާލީ ކޮން ބާވަތެއްގެ ދޫނިތަކެއް ކަމެއް އަދި ނައްތާލީ ކިހާ އަދަދެއް ކަމެއް ސާފެއް ނުވެ އެވެ.
ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.