ޕެރިސް 2024 އޮލިމްޕިކް ސްކޮލަޝިޕެއް ޓީޓީ ތަރި ދީމާ އަށް
ޕެރިސް 2024 އޮލިމްޕިކް ސްކޮލަޝިޕެއް ޓީޓީ ތަރި ދީމާ އަށް

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސް އަށް ކޮލިފައިވާން އެހީވުމުގެ ގޮތުން ކުރިޔަށް ގެންދާ ޕެރިސް 2024 އޮލިމްޕިކް ސްކޮލަޝިޕް ރާއްޖޭގެ ޓެބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަށް ލިބިއްޖެ އެވެ.

އޮލިމްޕިކް ސްކޮލަޝިޕަކީ ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ މެމްބަރު ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން ހުނަރާއި ކާމިޔާބީތަކަށް ބަލައި ޖެހިގެން އަންނަ އޮލިމްޕިކަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް، ކޮލިފައިވާން ތަމްރީނުތައް ކުރިޔަށް ގެންދަން އައިއޯސީ އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.

ދީމާ އަށް ފަހިވި މި ފުރުސަތާއެކު ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) މިރޭ "މިހާރު" އަށް ވިދާޅުވީ މިއީ ޓީޓީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ދީމާ ކަހަލަ އެތައް ޒުވާން ކުޅުންތެރިންނަކަށް ކުރިޔަށް ދާން ހިތްވަރެއް ލިބިގެން ދާނެ ކަމަށެވެ.

ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ޅަ އުމުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ. ޔޫތު މިނިސްޓްރީން ފަހިކޮށްދިން ފުރުސަތެއްގައި މީގެ ތިން މަސް ކުރިން ފެށިގެން ދީމާ އަންނަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ތަމްރީނުތައް ކުރިޔަށް ގެންދަމުންނެވެ.

"އަސްލު އެއް ކަމެއް ވަރަށް މުހިއްމު ވޭ، އެއީ ދީމާގެ ކިޔެވުން. ދީމާގެ ބެލެނިވެރިންގެ މަޝްވާރާއާއިވެސް އެކު މި މަސައްކަތް ކުރަނީ ކިޔެވުމުގެ ކަންކަން ހަމަޖެހޭނެ ކަހަލަ އިންޓަނޭޝަނަލް ސެންޓަރެއް ހޯދަން." އައްޔަ ވިދާޅުވި އެވެ.

"އޮލިމްޕިކްސް އަށް ކޮލިފައިވާން ބައިވަރު މަސައްކަތް ކުރަން ޖެހޭ. ދީމާއަކީ ވަރަށް އުންމީދީ ކުޅުންތެރިއެއް، ޒުވާން އުމުރުގައި ހޯދާފައިވާ ކާމިޔާބީތަކުން އެކަން ފާހަގަ ވާނެ. ދީމާގެ ތަމްރީނުތަކަށް އައިއޯސީ އެޕްރޫވްޑް ހައިޕާފޯމަންސް ސެންޓަރެއް ވަރަށް މުހިއްމު. ސްވިޑެންގެ ސެންޓަރެއް ބަލަމުން މިދަނީ، އެކަމަކު ކިޔެވުމުގެ ކަންތައް ހަމަޖައްސަން އެންމެ އުނދަގޫ ވަނީ."

މި ސްކޮލާޝިޕާ އެކު 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ކުރަން ބޭނުންވާ ސެންޓަރެއްގައި އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެ އެވެ.

މިހާރު އުމުރުން 14 އަހަރުގެ ދީމާ ވަނީ 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އަދި ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދުމުގެ އިތުރުން، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައި ވެފަ އެވެ.

މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށްވަނައަށް ޖެހިލި ދީމާ ވަނީ 15 އަހަރުން ދަށުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ކޮލިފައިވި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.