ވަރިވިޔަސް މަަލައިކާ އާއި އަރްބާޒަކީ ބެލެނިވެރިންނަށް ނަމޫނާއެއް
ވަރިވިޔަސް މަަލައިކާ އާއި އަރްބާޒަކީ ބެލެނިވެރިންނަށް ނަމޫނާއެއް

ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ އާއި އަރްބާޒް ހާން، އެ މީހުންގެ 19 އަހަރުވީ ކައިވެނި، 2017 ގައި ރޫޅައިލިއިރު ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. މިހާރު ދެ މީހުން ވަކިން ދިރިއުޅެމުން އަޔަސް، ދަރިފުޅު ބެލުމުގެ ކަންކަމުގައި އެއީ ނަމޫނާއެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ އިންޑިއާ އިން ބޭރުގެ ޔުނިވާސިޓީއެއްގައި ކިޔަވަން އުޅޭ އެ މީހުންގެ ދަރިފުޅު އަރްހާން ހާން، ފުރުވަން ދެ މީހުން މުމްބާއީގެ އެއާޕޯޓަށް ގޮސް ތިބޭ ތަނެވެ.

އެއާޕޯޓަށް ވަނުމުގެ ކުރިން، މަންމަ އާއި ބައްޕައާ ވާހަކަ ދައްކައިލުމަށް ފަހު، ކައިރީގައި ހުރި އެހެން މީހަކާ އޭނާ ވާހަކަ ދައްކަން ފަށަ އެވެ. އެކަމަކު އޭރު މަލައިކާ އާއި އަރްބާޒު، ދަރިފުޅާ ގުޅޭ ކޮންމެ ވެސް ވާހަކަތަކެއްގެ މަޝްވަރާއެއްގައި ތިބި ތަން ވެސް ފެނެ އެވެ.

އެ ވީޑިއޯ ގިނަ ބަޔަކަށް ކަމުދިޔައީ އެ މީހުން ވަރިވި ނަމަވެސް ދެ މީހުން ގުޅިގެން ދަރިފުޅުގެ ކަންކަން ކުރިއަށް ގެންދާ މަންޒަރު ފެނުމުންނެވެ. އެއީ އާންމުކޮށް ވަރިވުމަށް ފަހު، ބެލެނިވެރިން ގުޅިގެން ދަރިންގެ ކަންކަން ބަލާ މަންޒަރު ނުފެންނާތީ ކަމަށް ބުނެފައި ވެ އެވެ.

މަލައިކާ މިހާރު އުޅެނީ އެކްޓަރު އަރްޖުން ކަޕޫރާ ރައްޓެހިވެގެންނެވެ. އަދި އަރްބާޒު ވެސް އެހެން މީހަކާ ރައްޓެހިވެގެން އުޅޭއިރު، ލޯބީގެ ގުޅުން އެއް ފަރާތްކޮށް، ދަރިފުޅުގެ ކަންކަމުގައި އެ ދައްކަނީ ނަމޫނާއެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ.