18 ޑިސެމްބަރ 2016 - 10:30

ކެލިފޯނިއާ (ޑިސެމްބަރު 18) - ކަރުތެރޭގައި އެއްޗެއް ތާށިވެ، ނޭވާ ނުލެވޭ ހާލަތުގައި ފުރާނަ ސަލާމަތްކޮށްދޭ ސާދާ އުކުޅު އީޖާދުކުރެއްވި އެމެރިކާގެ ޑޮކްޓަރު ހެންރީ ހެއިމްލިކް އަވަހާރަވެއްޖެ އެވެ.

އާއިލާ އިން ބުނީ 96 އަހަރުގައި ހެއިމްލިކް އަވަހާރަވީ ހޯމަ ދުވަހު ޖެހުނު ހާޓް އެޓޭކަކަށް ސިންސިނާޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ކަމަށެވެ.
ކަރުގައި އެއްޗެއް ތާށިވެގެން އަަރާ ނުރައްކާތެރި ކޮށިން ފުރާނަ ސަލާމަތްކޮށްދޭ އުކުޅު ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ "ހެއިމްލިކް މެނޫވާ" ގެ ގޮތުގަ އެވެ. އެ އުކުޅު އޭނާ އީޖާދު ކުރެއްވީ 1974 ވަނަ އަހަރު އެވެ.
ކާ އެއްޗެއް ނޭވާލާ ހޮޅިތެރޭގައި ތާށިވުމުގެ މައްސަލަ ދިމާވެއްޖެ ނަމަ މަރުވުމުގެ ނުރައްކާ ބޮޑުވެ އެވެ. އެކަމަކު އެކަހަލަ މައްސަލައެއް ދިމާވާ މީހެއްގެ ފަހަތުގައި ހުރެ އޭނާގެ ފޫޅަށް ވުރެ މަތިން އަދި މޭކަށިގަނޑަށް ވުރެ ތިރިން ދެ އަތުން ހިފަހައްޓާ، އެއް އަތުން ބަނޑަށް ފިއްތާލުމުން، ތާށިވި އެތިކޮޅު ނުކުމެ، ނޭވާލެވެ އެވެ. މިއީ ސިއްހީ ދާއިރާގައި އޭގެ ކުރިން ހަދާނެ ގޮތެއް ނޭނގިގެން އުޅުނު ހާލަތެކެވެ. ހެއިމްލިކްގެ ސާދާ މި އުކުޅު ދުނިޔެ އަށް މަޝްހޫރުވީ އެ ސަބަބާ ހެދި އެވެ.
އެހީތެރިވާނެ މީހަކު ނެތް ހާލަތެއްގައި އަމިއްލަ އަށް ވެސް ހެއިމްލިކް މެނޫވާ އުކުޅުގެ ބޭނުންކުރެވެ އެވެ.
މި އުކުޅު އީޖާދުކުރެއްވި އިރު ހެއިމްލިކް އަކީ ސިންސިނާޓީގެ ހޮސްޕިޓަލެއްގެ ސާޖަރީ ޑިރެކްޓަރެވެ. އޭނާ ވަނީ އެހެން ބައެއް އީޖާދުތައް ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި 1962 ގައި އީޖާދުކުރެއްވި މޭގައި އުފެދޭ ފެން ނަގާނެ އުކުޅު ހިމެނެ އެވެ. މި އުކުޅުގެ ސަބަބުން ވިއެޓްނާމު ހަނގުރާމައިގައި އެމެރިކާގެ އެތައް ސިފައިންނެއްގެ ފުރާނަ ސަލާމަތްވި އެވެ.
ހެއިމްލިކް ވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ތެރޭގައި ޚިދުމަތް ކުރައްވައިފަ އެވެ.
ކޮށި އެރުމުން ފުރާނަ ސަލާމަތް ކުރުމަށް ހެއިމްލިކް އީޖާދު ކުރެއްވި އުކުޅުގެ ސަބަބުން އެމެރިކާގައި އެކަނި ވެސް ލައްކައެއްހާ މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ރޮނަލްޑް ރޭގަން، ނިއު ޔޯކުގެ ކުރީގެ މޭޔަރު އެޑްވާޑް ކޮޗް އަދި ހޮލީވުޑުގެ މަޝްހޫރު ބައެއް ތަރިން ހިމެނެ އެވެ.
އޭނާގެ އުކުޅު އަމިއްލަ އަށް ބޭނުންކުރައްވާނެ ފުރުސަތު ހެއިމްލިކް އަށް ލިބިވަޑައިގަތީ މި އަހަރުގެ މޭ މަހު އެވެ. އޭނާ ދިރިއުޅުއްވި މުސްކުޅިން ތިބޭ ގޭގައި 87 އަހަރުގެ އަންހެނެއްގެ ކަރު ތެރޭގައި ތާށިވި މަސްކޮޅު ނެއްޓުނީ، ހެއިމްލިކް އޭނާގެ އަމިއްލަ އުކުޅު ބޭނުންކުރެއްވުމުންނެވެ.
"އެކަން އެގޮތަށް އަހަންނަށް ކުރެވިދާނެ ކަމަކަށް އެދުވަހުގެ ކުރިއަކުން ހިއެއްނުކުރަން،" އެ ހާދިސާ އަށް ފަހު ހެއިމްލިކް ވިދާޅުވި އެވެ.
އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ އެއީ ދުނިޔޭގެ އެތައް ބަޔަކަށް "ބަތަލެއް" ކަމަށެވެ.