ރަޝިޔާގެ ގޭސް ހޮޅި ބަންދުކުރުމަށް ޖަރުމަން އެއްބަހެއް ނޫން
ރަޝިޔާގެ ގޭސް ހޮޅި ބަންދުކުރުމަށް ޖަރުމަން އެއްބަހެއް ނޫން

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގެންފި ހާލަތެއްގައި، ރަޝިޔާ އިން ޖަރުމަނަށް އަޅާފައިވާ ނޯޑް ސްޓްރީމް 2ގެ ގޭސް ހޮޅި ބަންދުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން މި މޭރުމުން ރަޝިޔާ އަށް އިންޒާރު ކުރެއްވީ، ޔޫކްރޭންގެ މައްސަލައިގައި ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލްފް ޝޯލްޒްއާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ބައިޑެން އެހެން ވިދާޅުވި ނަމަވެސް، އެ ފިޔަވަޅު އެގޮތަށް އަޅުއްވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް، ޖަރުމަނުގެ މުސްތަޝާރު ވަކި ޖަވާބެއް ނުދެއްވަ އެވެ.

ނޯޑް ސްޓްރީމް 2ގެ ގޭސް ހޮޅިއަކީ ރަޝިޔާގެ އުސްޓް-ލޫގާ އިން ޖަރުމަން ވިލާތުގެ ލުބްމިން އަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅިއެކެވެ. މި ގޭސްހޮޅީގެ ޒަރީއާ އިން ޖަރުމަން ވިލާތަށް ރަޝިޔާގެ ތެޔޮ ވިއްކަނީ، ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޮމް އިންނެވެ.

ރަޝިޔާ އިން ޖަރުމަނަށް ގޭސް ފޯރުކޮށްދޭ ގޭސް ހޮޅި ބަންދުކުރައްވާނެ ކަމަށް ރައީސް ބައިޑެން ވިދާޅުވި ނަމަވެސް، އެކަން ކުރުމަށް ޖަރުމަން ވިލާތަށް މަޖުބޫރުކުރާނީ ކޮން ކަހަލަ ފިޔަވަޅުތަކެއް އަޅުއްވައިގެން ކަމެއް ބައިޑެން ވިދާޅެއްނުވެ އެވެ. ނޯޑް ސްޓްރީމް 2 މެދުވެރިކޮށް ރަޝިޔާ އިން ޖަރުމަން ވިލާތަށް ތެޔޮ ފޮނުވުމަށް ހުރަސް އެޅުމަށް، އެމެރިކާގެ ކޮންގްރެސް މެދުވެރިކޮށް ރިޕަބްލިކަން ޕާޓީން ވެސް މިދިޔަ އަހަރުތަކުގައި އެތައް މަސައްކަތްކުރި ނަމަވެސް، އެ މަސައްކަތްތައް ކާމިޔާބެއް ނުވެ އެވެ.

"ރަޝިޔާ އިން ޔޫކްރޭނަށް އަރައިގެންފި ނަމަ – އޭގެ މާނައަކީ، ރަޝިޔާގެ ޓޭންކުތައް ނޫނީ ސިފައިން އަނެއްކާ ވެސް ޔޫކްރޭންގެ ސަރަހައްދީ ރޮނގު ހުރަސްކޮށްފި ނަމަ – އެފަދަ ހާލަތެއްގައި ނޯޑް ސްޓްރީމް 2 ނޯންނާނެ،" ޖަރުމަންގެ މުސްތަޝާރާ އެކުގައި ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިޑެން ވިދާޅުވި އެވެ. "އެފަދަ ހާލަތެއްގައި އެ ހޮޅީގެ މަސައްކަތް އަހަރެމެން ހުއްޓުމަކަށް ގެންނާނަން."

އެހެން ގައުމެއްގައި އޮތް ގޭސް ހޮޅިއެއް އެމެރިކާ އިން ބަންދުކުރާނީ ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން ބައިޑެން ވިދާޅުވީ؛ "އަހަރެން ވައުދުވެފައި މިބުނަނީ، އެކަން ކުރުމުގެ ގާބިލްކަން އަހަރެމެންގެ ކިބައިގައި އެބަހުރި" ކަމަށެވެ.

ބައިޑެންގެ އެ ވައުދާ ބެހޭ ގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް، ގޭސް ހޮޅީގެ ނަންވެސް ނުގަނެ، ޖަރުމަންގެ މުސްތަޝާރު އޭނާގެ ވާހަކަތައް ގެންދެވީ މާ ދުރުދުރުންނެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ ޔޫކްރޭންގެ މައްސަލައިގައި ނޭޓޯ އޮތީ ވަރަށް ބަދަހިކަމާ އެކުގައި އެއް ސިޔާސަތެއްގައި ކަމަށެވެ.

ޝޯލްޒް ވިދާޅުވީ ރަޝިޔާ އިން ޔޫކްރޭނަށް އަރައިގެންފި ނަމަ، ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ގޮތްތަކާ މެދު ނޭޓޯގެ މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށް ހިޔާލު އެއްގޮތް ކުރެވިފައިވާ ކަމަށެވެ.