ބޭރުގެ ޓޫރިސްޓުންނަށް އޮސްޓްރޭލިޔާ ހުޅުވައިލަނީ
ބޭރުގެ ޓޫރިސްޓުންނަށް އޮސްޓްރޭލިޔާ ހުޅުވައިލަނީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ބޭރުގެ ޓޫރިސްޓުންނަށް، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިޔާ ހުޅުވައިލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު މޮރިސަން ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ބޯޑަރުތައް ބަންދުކުރަން ނިންމިތާ ދެ އަހަރުވީ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކޮންމެ ޓޫރިސްޓަކަށް ވެސް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިޔާ އަށް އެތެރެވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު އެންމެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އެއް ގައުމަކީ އޮސްޓްރޭލިޔާ އެވެ. އެހެން ގައުމުތަކުގެ މީހުން އޮސްޓްރޭލިޔާ އަށް އެތެރެވުން މަނާކޮށްފައިވާ އިރު، އޮސްޓްރޭލިޔާގެ ރައްޔިތުން އެގައުމުން ބޭރަށް ދިއުން ވެސް، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމާއެކު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޮސްޓްރޭލިޔާ އިން އައީ ލުއިތައް ދެމުންނެވެ. އެ ގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ އޮސްޓްރޭލިޔާ ރައްޔިތުންނާއި، އެ ގައުމުގެ ޔުނިވަސިޓީތަކުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންނާއި ބޭރު ގައުމުތަކުގެ ފަންނީ މަސައްކަތްތެރިން، އޮސްޓްރޭލިޔާ އަށް އެތެރެވުމުގެ ހުއްދަ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ ދީފަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ގައުމު ފުރަބަންދުކޮށްގެން އުޅުނަސް، ކޮވިޑް ފެތުރުން މުޅިން ހުއްޓުވުމުގައި އޮސްޓްރޭލިޔާ ސަރުކާރު ވަނީ ނާކާމިޔާބުވެފަ އެވެ. އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2.4 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

މީގެ މަހެއްހާ ދުވަހުގެ ހާލަތަށް ބަލާއިރު، އެވްރެޖް ގޮތެއްގައި ކޮންމެ 24 ގަޑިއިރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 150000 އިން މަތީގަ އެވެ. ނަމަވެސް އިއްޔެ އެ އަދަދު ވަނީ 23000 އަށް ތިރިވެފަ އެވެ. އޮސްޓްރޭލިޔާގައި ކޮވިޑް ފެތުރެން ފެށި ފަހުން، އެބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 4248 އަށް އަރައިފަ އެވެ.