08 ފެބުރުއަރީ 2022 - 11:55

ޔޫކްރޭން މައްސަލައިގައި ރަޝިޔާ އާއި ވިލާތުގެ ގައުމުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ހުށަހެޅުއްވި ހުށަހެޅުމަކީ ހަގީގަތަކަށް ހެދިދާނެ ހުށަހެޅުއްވުމެއް ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
މޮސްކޯގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯންއާ ބައްދަލުކުރެއްވުމަށް ފަހު، ޕުޓިން ވިދާޅުވީ ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ރަޝިޔާ އާއި ފަރަންސޭސި ވިލާތުގައި ވެސް ހުރީ އެއް ކަންބޮޑުވުންތަކެއް ކަމަށެވެ. އަދި ޔޫކްރޭންގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ފަރަންސޭސި ވިލާތުން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި މެކްރޯންއާ އެކުގައި ކުރެވުނީ ވަރަށް އޮއްޓަރު ހުރި ބިނާކުރަނިވި މަޝްވަރާތަކެކެވެ. އަދި މެކްރޯންގެ ބައެއް ޚިޔާލުފުޅުތަކަކީ، ކުރިމަގަށް ފިޔަވަޅު އެޅުމުގައި ބޭނުން ހިފިދާނެ ހިޔާލުފުޅުތަކެއް ކަމަށްވެސް ޕުޓިން ވިދާޅުވި އެވެ.
ޔޫކްރޭންގެ މައްސަލަ އަށް ސުލްހަވެރި ދާއިމީ ހައްލެއް ހޯދުމަކީ ރަޝިޔާ އަބަދުވެސް އެދޭ ގޮތް ކަމަށާއި، އެކަމުގައި ޔޫރަޕްގެ ގައުމުތަކުން ގޮތް ދޫކުރޭތޯ ރަޝިޔާ އިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ޔޫކްރޭންގެ ދިފާއުގައި ކަމަށް ބުނެ، އިރުމަތީ ޔޫރަޕްގައި ނޭޓޯގެ އަސްކަރީ ގާބިލުކަން އިތުރުކުރަމުން ދާތީ އެކަމަށް ވެސް ޕުޓިން އިންޒާރު ކުރެއްވި އެވެ. ޕުޓިން ވިދާޅުވީ ޔޫކްރޭން ނޭޓޯގައި ބައިވެރިވެ، ކްރީމިއާ އަލުން ހިފަން މަސައްކަތް ކޮށްފި ނަމަ، ވިލާތުގެ ގައުމުތަކުން އެ ވެއްޓެނީ ރަޝިޔާއާ އެކުގައި ހަނގުރާމައިގެ ފުން ވަޅުގަނޑަކަށެވެ.
އެފަދަ ހަނގުރާމައެއް ފެށިއްޖެ ނަމަ، އެއްވެސް ބަޔަކަށް ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިޔާއަކީ އަދުއްވެއް ކަމަށް ނޭޓޯ އިން ދެކޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވީ މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މެދުގައި އިތުބާރާއި ޔަގީންކަން ގާއިމުކުރެވި، ހަނގުރާމައެއް ފެށުނަ ނުދީ ސުލްހަވެރިކަމާ އެކު ކުރިއަށް ދެވިދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ރަޝިޔާ އަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަށް އޭނާ ޕުޓިން އަށް ދެއްވި ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސް ޕުޓިން ވެސް ދެއްވި ކަމަށް މެކްރޯން ވިދާޅުވި އެވެ.