ފުއްލާތަކުގެ ތެރޭގައި ކޮވިޑް-19 ފެތުރެނީ
ފުއްލާތަކުގެ ތެރޭގައި ކޮވިޑް-19 ފެތުރެނީ

އިންސާނުންގެ މެދުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި، ކޮވިޑް-19 އިންސާނުންގެ ހަށިގަނޑުން ބައެއް ޖަނަވާރުގެ ހަށިގަނޑަށް ނަގުލުވެފައިވާ ކަން ސައެންސްވެރިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ގޮތުން ބުޅަލާއި ކުއްތާ ފަދަ، އިންސާނުންނާ އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަށް ކޮވިޑް ޖެހިފައިވެ އެވެ.

ނަމަވެސް އެއިން އެއްވެސް ބާވަތެއްގެ ޖަނަވާރުންގެ މެދުގައި، ބަލިމަޑުކަމެއްގެ ގޮތުގައި މިހާތަނަށް ކޮވިޑް ފެތުރިފައެއް ނުވެ އެވެ. މިއާ ޚިލާފަށް ފުއްލާގެ ބާވަތެއް ކަމަށްވާ، ހުދު ނަގޫލީ ފުއްލާތަކުގެ ތެރޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ކަމަށް ސައެންސްވެރިން ކަށަވަރުކަމާ އެކު ބުނެފި އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19، ދުނިޔޭގެ ހުރިހާ ގައުމުތަކަށް ފެތުރި މިހާތަނަށް 398 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 5.7 މިލިއަން މީހުން މަރުވެއްޖެ އެވެ.

އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި އެއް ގައުމުން އަނެއް ގައުމަށް މި ބަލި ފެތުރިގެން ދިޔައިރު، ކޮވިޑް ޖައްސާ ވައިރަހަށް ވެސް ވިރާސީ ބަދަލުތަކެއް އައިސް، ކޮވިޑް ވައިރަހުގެ ތަފާތު ބާވަތްތައް ވަނީ އުފެދިފަ އެވެ.

އެމެރިކާގެ އަޔޯވާ ސްޓޭޓްގައި ދިރިއުޅޭ ހުދު ނަގޫލީ ފުއްލާތަކުގެ މެދުގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާއިރު، ސިއްހީ ހިދުމަތްތެރިންނާއި ސައެންސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ އިންސާނުންގެ ގައިން ފުއްލާތަކަށް ކޮވިޑް ވައިރަސް ނަގުލުވެފައިވާ އިރު، ފުއްލާގެ ހަށިގަނޑުގައި ކޮވިޑް ވައިރަހަށް އިތުރު ބަދަލުތަކެއް އައިސް، އެ ވައިރަސް އަނެއްކާ އިންސާނުންގެ ހަށިގަނޑަށް ނަގުލުވުމުގެ ފުރުސަތު އޮތުމުންނެވެ.

ސަބަބަކީ، މި ބާވަތުގެ ފުއްލާއަކީ އެ ސޮރުމެން ދިރިއުޅޭ ހުރިހާ ގައުމެއްގައި ވެސް، އާންމު ގޮތެއްގައި އިންސާނުންނާ ގައިގޯޅިވެ އުޅޭ ޖަނަވާރަކަށް ވާތީ އެވެ. އެމެރިކާގެ އަޔޯވާގައި އެކަނިވެސް މިބާވަތުގެ 30 މިލިއަނަށް ވުރެ ގިނަ ފުއްލާ އުޅޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި، 2020 ވަނަ އަހަރުގެ ތެރޭގައި މީހުން ޝިކާރަކޮށް މަރާލާފައި ހުރި ފުއްލާތަކާއި، މަގުމަތިން އެއްގަމު އުޅަނދުތަކުގައި ޖެހިގެން މަރުވެފައިވާ ފުއްލާތަކުގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ޓެސްޓް ކުރި އެވެ. އެ ސާމްޕަލްތަކުގެ 60 ޕަސެންޓް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ޕެންސެލްވޭނިއާ ސްޓޭޓް ޔުނިވަސިޓީން ކުރި މި ދިރާސާގައި އެކި ސަރަހައްދުތަކުން މަރުވެފައި އޮއްވާ ފެނުނު 4000 ފުއްލާގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަހުލީލު ކުރި އެވެ. އަދި އެއިން ކޮންމެ ފުއްލާއެއް ފެނުނު ސަރަހައްދު، ޗާޓުގައި ފާހަގަކުރި އެވެ.

އެއަށް ފަހު ތަހުލީލުކުރި ސާމްޕަލްތަކުގެ ނަތީޖާއަށް ބަލައި، އެ ސާމްޕަލް ނެގި ފުއްލާ ފެނުނު ސަރަހައްދުތައް ފާހަގަކުރުމުން، އަޔޯވާގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ފުއްލާތަކަށް ކޮވިޑް ޖެހިފައިވާކަން އެނގުނެވެ.
އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ ގައުމުގައި ދިރިއުޅޭ ވަރަށް ގިނަ ބާވަތުގެ ޖަނަވާރުގެ ހަށިގަނޑުން ކޮވިޑް-19 ޖައްސާ ވައިރަސް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ބުޅާ، ކުއްތާ، މިނިކާވަގު، ސިންގާ، ސްނޯ ލެޕަޑް، ގޮރިއްލާ އަދި މިންކް ހިމެނެ އެވެ.