09 ފެބުރުއަރީ 2022 - 09:33

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ އެގްޒެކެޓިވް ކޮމިޓީގެ ދާއިމީ ކޮމިޓީތަކަށް ރާއްޖޭގެ އަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ދާއިމީ ކޮމިޓީތަކަށް ބޭފުޅުން އައްޔަންކުރީ މިދިޔަ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ. ކާވާ އެގްޒެކެޓިވް ކޮމިޓީގެ ރައީސަކީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ވެސް ކުރީގެ ރައީސް މުހައްމަދު ލަތީފެވެ.
ދާއިމީ ހަތް ކޮމިޓީގެ ތެރެއިން ހަތަރު ކޮމިޓީއެއްގެ ޗެއާމަން ކަމަށް ރާއްޖޭގެ ބޭފުޅުން އައްޔަންކުރިއިރު، ތިން ކޮމިޓީއެއްގެ ސެކްރެޓަރީކަން ވަނީ ދިވެހި ދެ ބޭފުޅަކާ ހަވާލު ކޮށްފަ އެވެ. އަދި ކޮމިޓީތަކުގެ މެމްބަރުންގެ ގޮތުގައި ދެ ބޭފުޅަކު ހަމަޖެއްސި އެވެ.
އެ ބައްދަލުވުމުގައި ކާވާގެ ރައީސް ލަތީފް ވިދާޅުވީ، ކޮމިޓީތަކަށް އައްޔަންކުރި މެމްބަރުންނަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެސޯސިއޭޝަންގެ އާއްމު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި ބާރު ލިބޭނެ ކަމަށެވެ.
ކާވާގެ ރައީސްގެ ހައިސިއްޔަތުން، މެމްބަރު ފެޑެރޭޝަންތަކުގެ މެދުގައި ގުޅުން ބަދަހި ކުރައްވަން ލަތީފް ކުރައްވާ މަސައްކަތްތަކަށް އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުން ވެސް ތައުރީފު ކުރެއްވި އެވެ.
- އަހުމަދު ނަޝީދު: އިވެންޓްސް އެންޑް ރެފްރީސް ކޮމިޓީ ފޯ ވޮލީބޯލް (މެމްބަރު)
- އިސްމާއިލް ރިފާއު: އިވެންޓްސް އެންޑް ރެފްރީސް ކޮމިޓީ ފޯ ބީޗް ވޮލީބޯލް (މެމްބަރު)
- މުހުތާޒް މުހްސިން: ޑިސިޕްލިނަރީ ކޮމިޓީ (ޗެއާމަން)
- އިބްރާހިމް މާހިދު (ކާވާ ގާނޫނީ ވަކީލު): ޑިސިޕްލިނަރީ ކޮމިޓީ/އެޕީލް ކޮމިޓީ (ސެކްރެޓަރީ)
- މުހައްމަދު ރިޔާޒް: އެޕީލް ކޮމިޓީ (ޗެއާމަން)
- ހުސައިން ފަރިޔާޒް: ޕްރެސް ކޮމިޓީ (ޗެއާމަން)
- މުހައްމަދު ނޫރައްދީން: ޕްރެސް ކޮމިޓީ (ސެކްރެޓަރީ)