08 ފެބުރުއަރީ 2022 - 12:08

އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތައް، މިއަދުން ފެށިގެން ނަސަންދުރާ ކުރިމަތީ ޖެޓީން ފުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު މެދު ދާއިރާގެ މެމްބަރު އާދަމް ރަމީޒް "މިހާރު" އަށް ވިދާޅުވީ މި ބަދަލު ގެންނަން ނިންމީ، އެމްއެމްއޭ ކުރިމައްޗާއި ބާރާޒުމަތި ކައިރިވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލުކުރަން ކަމަށެވެ.
ކައުންސިލުން މިގޮތަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށާއި ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސުމުން ދަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އެމްއެމްއޭ ކުރިމަތީގައި ރޯ އަވީގައި ގިނައިރުތަކެއް ވަންދެން ތިބެގެން ދަތުރުވެރިން ދެން ފުރާކަށް ނުޖެހޭނެ. ޓްރެފިކް ތޮއްޖެހުން ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ މި ބަދަލާ އެކު،" ރަމީޒް ވިދާޅުވި އެވެ.
ނަސަންދުރަ ކުރިމަތިން ކުރިން ދަތުރުކުރީ، ސިނަމާލެ ބްރިޖް ބޭނުންކުރަން ފެށުމުގެ ކުރިން އެއާޕޯޓް ފެރީތަކެވެ.
"އެއާޕޯޓް ފެރީ އެ ޖެޓީން ދަތުރުކުރި އިރު އާންމުން ހިޔާވެގެން ތިބެން ހެދި ސްޓޭންޓުތައް ވެސް އަދިވެސް އެބަހުރި އެތަނުގައި. އެހެންވީމަ އޭގެ ބޭނުން ވެސް ކުރެވޭނެ."
ކުރިއަށް އޮތް ތަނުގައި އެ ޖެޓީއާ ކައިރީގައި ހުންނަ މަސްވެރިންގެ ޕާކުގައި ވެސް މީހުން މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ހެދުމުގެ ވިސްނުން ކައުންސިލުން ގެންގުޅެ އެވެ.
ރަމީޒް ވިދާޅުވި ގޮތުގައި، އެމްއެމްއޭ ކުރިމައްޗަށް ދެން މަޑުކުރާނީ ރަށްރަށުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަރުކޮށްގެން އަންނަ ދޯނިތަކެވެ. އަދި އެ ސަރަހައްދަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި، މި ދޯނިތައް އެތަނަށް ކައިރިކުރާނީ ކަނޑައެޅިފައިވާ ވަކި ހާއްސަ ޝެޑިއުލެއްގެ ދަށުން ކަމަށެވެ.