08 ފެބުރުއަރީ 2022 - 10:38

ރާއްޖޭގެ ކަނޑު އަޑީގެ ބިމުގެ ސަރަހައްދު ދެނެގަތުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ހައިޑްރޮގްރަފިކް ސާވިސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ އިދާރާ ޑިފެންސް މިނިސްޓްރީގެ ދަށަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައިވާ ގޮތުން މިނިސްޓްރީތަކުގެ މެންޑޭޓް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ވާނީ މަޖިލީހުގެ ރުހުން ހޯދައިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެ ސާވިސް އުފައްދައި، ޑިފެންސްގެ ދަށަށް ގެންދަން މަޖިލީހުން ރުހުން ދިނުމަށް އެދި ސިޓީއެއް ފޮނުއްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ހައިޑްރޮގްރަފިކް ސާވޭގެ މަސައްކަތް ޑިފެންސް މިނިސްޓްރީގެ ދަށުގައި ބޭއްވުމަށް ގެންނަ ބަދަލެއް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައިޑްރޮގްރަފިކް ސާވޭ ހެދީ 1846 ގައި ކަމަށާއި މިއަދާ ހަމަޔަށް ބޭނުން ކުރަމުން އަންނަނީ އެ އެޑްމިރަލްޓީ ޗާޓު ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް މިހާރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގުދުރަތީ ބަދަލުތަކާއި އޮއެވަރާއި ދިޔަވަރާއި އެތައް މައުލޫމާތަކެއް ފުރިހަމަވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަމައެކަނި ކަނޑުދަތުރުކުރުމެއް ނޫން. މޫސުމަށް އަންނަ ބަދަލުތަކާއި އަންނަ ގޮތް ދެނެގަތުން އިންތިހާއަށް ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ނިންމެވި އެވެ.
- ރާއްޖޭގެ ދިފާއު އާއި ގައުމީ ސަލާމަތާ ބެހޭ ކަންކަން
- ރާއްޖޭގެ ސަރަަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމާ ގުޅޭ ކަންކަން
- ކާރިސާތަކާއި ހާދިސާތަކާ ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަން ޖެހޭ ކަންކަން
- ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން
- ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ކަންކަން
- އެންޓި ޓެރަރިޒަމާއި ކައުންޓާ ޓެރަރިޒަމް އާ ގުޅޭ ކަންކަން
ރާއްޖޭގައި ހައިޑްރޮގްރަފިކް ސާވޭ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާއާ އެވެ. އެ މަސައްކަތް ކުރިޔަށް ދަނީ އިންޑިއާގެ ހައިޑްރޮގްރަފިކް އޮފީހާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އެއްބަސްވުން ވެސް މަޖިލީހުގެ 241 ކޮމިޓީ އަށް ގެނެސް ދިރާސާކޮށްފަ އެވެ.
ޑިފެންސް މިނިސްޓްރީން އޭރު ބުނީ އެ ސާވޭގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތަކަށް އެހީއަކަށް ވާނެ ކަމަށާއ ދޯނި ފަރަށް އެރުން ފަދަ ކަންކަން މަދުކުރުމާއި އެންމެ ރަނގަޅު ރޫޓް ކަނޑައެޅުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ.