08 ފެބުރުއަރީ 2022 - 06:20

ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ޝޯ، "ނާގިން" ކުޅުމަށް ލިބުނީ އޭނާގެ ޝޯއެއް ނުލިބުނީ ކީއްވެތޯ އަހައިގެން އުޅެނިކޮށް ކަމަށް ބިގްބޮސް 15 ކާމިޔާބުކުރި ތެޖަސްވީ ޕްރަކާޝް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ތެޖަސްވީ ވަނީ މިފަހުން އިންސްޓަގްރާމް ލައިވަކަށް އަރައިފަ އެވެ. އޭގައި އޭނާ ވަނީ ނާގިން ޝޯއާ ގުޅޭ ވާހަކަތަކެއް ވެސް ދައްކައިފަ އެވެ.
ތެޖަސްވީ ބުނީ އެކްތާގެ ޝޯއެއްގައި މަސައްކަތްކުރަން ނުލިބޭތީ އޭނާ ހުރީ ވަރަށް މާޔޫސްވެފައި ކަމަށެވެ. އަދި ބިގްބޮސްގައި އުޅުނުއިރު އޭނާގެ ލޯބިވެރިޔާ ކަރަން ކުންދުރާ ގާތުގައި ވެސް އެ ވާހަކަ ދެއްކި ކަމަށާއި އޭނާ ދެކެ އެކްތާ ހިތްހަމަނުޖެހެނީ ކީއްވެތޯ އެހި ކަމަށް ބުންޏެވެ.
ތެޖަސްވީ ބުނި ގޮތުގައި އެކްތާ އެ ޝޯ އަށް އައުމުން އޭނާ އެ ސުވާލުކުރި އެވެ.
"ޝޯއަށް އައިމަ އަހަރެން އެހީ އޭނާގެ ޝޯ އިން އަހަންނަށް ފުރުސަތު ނުދެނީ ކީއްވެތޯ. އޭނާ އެ ދުވަހު ބުނީ ވަރަށް އަވަހަށް އަހަރެން ވެސް ނަގާނަމޭ. އެކަމަކު އަހަންނަށް ކިހިނެއް އިނގޭނީ ނާގިން ލިބިދާނެ ކަމެއް،" އިންސްޓަގްރާމް ލައިވްގައި އޭނާ ބުންޏެެވެ.
ހަ ވަނަ ސީޒަންގައި ނާގިންގެ ރޯލުން ފެންނާނީ ތެޖަސްވީކަން އާންމުކުރީ ބިގްބޮސްގެ ގްރޭންޑް ފިނާލޭގަ އެވެ. މީގެ ކުރިން ނާގިންގެ ރޯލުން ފެނުނީ މޯނީ ރޯއީ އާއި ސުރްބީ ޖޯތީ އަދި އަދާ ހާން އެވެ.
އެހެންވެ، އެމީހުން ހުށަހެޅި ގޮތަށް ވުރެ މޮޅަށް ހުށަހަޅަން ބޭނުންވާ ކަމަށް ތެޖަސްވީ ބުނެ އެވެ. އެކަމަކު މޯނީ އެ ރޯލު ކުރިއަށްގެންދިޔަ ގޮތަށް ގެންދެވިދާނެތޯ ސަޕޯޓަރުން ސުވާލު އުފައްދަ އެވެ.