ލަތާ އަށް ދިވެހި ލަވަކިޔުންތެރިޔާ ޝާނީގެ ޓްރިބިއުޓެއް
ލަތާ އަށް ދިވެހި ލަވަކިޔުންތެރިޔާ ޝާނީގެ ޓްރިބިއުޓެއް

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މިއުޒިކީ ލެޖެންޑް ލަތާ މަންގޭޝްކަރު ވަކިވީ އެތައް ބަޔަކު ރޮއްވާލައިފަ އެވެ. ލަތާގެ މަރުވުމުން އޭނާ ކިޔާފައިވާ ލަވަތަކާ އެކު އޭނާގެ ހަނދާން އާކުރަމުން އަންނަ އިރު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އައިމިނަތު ޝާނީ ވެސް މިވަނީ ލަތާގެ ހަނދާން އާކުރަމުން އޭނާ އަށް ޓްރައިބިއުޓެއް ދީފަ އެވެ.

ޓްވީޓާގައި ޝާނީ ހިއްސާކުރި އެއް މިނެޓްގެ ވީޑިއޯގައި އިވެނީ ޕިއާނޯ ކުޅެމުން ލަތާގެ އަޑުން ކިޔާފައިވާ "އަޖީބް ދާސްތާ ހެ ޔޭ" ލަވަ އޭނާ ކިޔާ އަޑެވެ. މި ލަވަ އަކީ 1960 ވަނަ އަހަރު ނެރުނު ފިލްމު، "ދިލް އަޕްނާ އޯރް ޕްރީތު ޕަރާއީ" އަށް ލަތާގެ އަޑުން ކިޔާފައިވާ ލަވައެކެވެ.

ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިންްގެ ތެރޭގައި ހިމެނޭ ޝާނީ ވަނީ މީގެ އަހަރުތަކެއް ކުރިން ލަވަކިޔުމާ ދުރަށް ގޮސްފަ އެވެ. އޭނާ ބުނާ ގޮތުގައި ލަވައިގެ ދުނިޔެއާ ދުރަށް ޖެހިލީ އަމިއްލަ ސަބަބުތަކާ ހުރެ އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި އޭނާ އަންނަނީ ބައެއް ލަވަތައް ކިޔާ ވީޑިއޯ ހިއްސާކުރަމުންނެވެ. ކުރިން އެހަނދާނުގައި ފަދަ ޕްރޮގްރާމުތަކުގައި އޭނާ ވަނީ ލަވަ ކިޔައިފަ އެވެ.

އިންޑިއާގެ "ރަންއަޑުގެ ވެރިޔާ" ގެ ނަމުން މަޝްހޫރު، އަދި އެ ފަންނާކަކަށްޓަކައި މުޅި އިންޑިއާ ފަހުރުވެރިވާ ލަތާ އަކީ އެތައް ހާސް ލަވައެއް ކިޔާފައިވާ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ.

ލަތާގެ މިއުޒިކީ ކެރިއަރަށް މިވީ 70 އަހަރުގެ ތެރޭގައި، އެކި ބަސްބަހުން 30،000 އަށް ވުރެ ގިނަ ލަވަ ރިކޯޑު ކޮށްފައިވެ އެވެ. އެންމެ މަޝްހޫރުވެފައި ވަނީ އޭނާގެ ހިންދީ ލަވަތަކެވެ.