ކޮވިޑަށް ޓެސްޓުކުރުން މަދުވިޔަސް ޕޮޒިޓިވްވާ ރޭޓް އަދިވެސް މަތި
ކޮވިޑަށް ޓެސްޓުކުރުން މަދުވިޔަސް ޕޮޒިޓިވްވާ ރޭޓް އަދިވެސް މަތި

ކޮވިޑްގެ ކޭސްތައް މިދިޔަ މަހު އެންމެ މައްޗަށް ދިޔައިރު، ބައްޔަށް ޓެސްޓްކުރާ މީހުންގެ އަދަދު ހުރި ވަރަށް މިހާރު މަދުވެފައި ވިޔަސް ބައްޔަށް ޕޮޒިޓިވްވާ ރޭޓް އަދިވެސް މަތި ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓްކުރީ 5،343 ސާމްޕަލެވެ. މީގެ ތެރެއިން 1،576 ޕޮޒިޓިވް ކޭސް ފެނިފައި ވާއިރު މިއީ 29.5 ޕަސެންޓެވެ.

މިދިޔަ މަހުގެ ފަހު ހަފުތާއިން ފެށިގެން ކޮންމެ 24 ގަޑިއިރަކު 7،000 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓްކުރި ނަމަވެސް މިހާރު މި އަދަދު ވަނީ 5،000 އަށް ދަށްވެފަ އެވެ. އެންމެ ގިނައިން ޓެސްޓްކުރި އިރު ޕޮޒިޓިވިޓީ ރޭޓް 38 ޕަސެންޓަށް މައްޗަށް ދިޔަ އެވެ. މިދިޔަ ހަތް ދުވަހަށް ބަލާއިރު ވެސް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 29 އާއި 35 ޕަސެންޓާ ދެމެދުގަ އެވެ.

ހިސާބުތަކުން އެނގޭ ގޮތުގައި އާންމުކޮށް މާލެއިން ނަގާ ސާމްޕަލްތަކުގެ އަދަދު ފާއިތުވި 24 ގަޑިއިރު ވަނީ މަދުވެފަ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް 2،500 އެއްހާ ސާމްޕަލް މާލޭ ސަރަހައްދުން ޓެސްޓްކުރެ އެވެ. އެކަމަކު އިއްޔެ ކުރީ 1،942 ސާމްޕަލެވެ. އޭގެ ތެރެއިން މާލެއިން ބަލި ޖެހުނީ 517 މީހަކަށެވެ. އެކަމަކު މާލޭގެ ޕޮޒިޓިވީ ރޭޓް ކުޑަކޮށް ދަށްވެފައި ވިޔަސް އަދިވެސް އުޅެނީ 25 ޕަސެންޓާ ހިސާބުގަ އެވެ.

މިދިޔަ 24 ގަޑިއިރު ރަށްރަށުން ނެގި ސާމްޕަލްތަކުން 771 ކޮވިޑް ކޭސް ފެނިފައިވެ އެވެ. މީގެ އިތުރުން ރިސޯޓުތަކުން 87 މީހަކަށް ކޮވިޑް ޖެހި، ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު 151،913 އަށް މިހާރު ވަނީ އަރައިފަ އެވެ. އޭގެ ތެރެއިން 134،841 މީހަކު ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދަކީ 16،775 އެކެވެ.

އެކަމަކު ފާއިތުވި 24 ގަޑިއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ އިތުރުވެ އެވެ. އިއްޔެ ރޭ 52 މީހަކަށް ފަރުވާދެމުން އައި ނަމަވެސް މިރޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 60 މީހަކަށް މިވަގުތު ކޮވިޑް ޖެހިގެން ފަރުވާދެމުން އެބަދެ އެވެ. އަދި ބަލީގައި 284 މީހަކު މަރުވެފައިވެ އެވެ.