07 ފެބުރުއަރީ 2022 - 22:14

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސިންގަޕޫރަށް ވަޑައިގެންފި އެވެ. މިއީ އދ. ގެ ރައީސަކު މަގާމުގައި ހުންނަވައިގެން ސިންގަޕޫރަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަން ކުރެއްވި ޓްވީޓެއްގައި ވަނީ ޝާހިދާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވިކަން ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސަކު ރަސްމީ ދަތުރެއްގައި ފުރަތަމަ ފަހަރަށް ސިންގަޕޫރަށް ވަޑައިގެންނެވިއިރު އެ ބޭފުޅަކީ ސިންގަޕޫރު ފަދަ ކުޑަ ގައުމަކަމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ދަތުރު އިތުރަށް ހާއްސަވާ ކަމަށެވެ.
އޭނާ ވަނީ އދ. އިން ކުރާ މަސައްކަތްތަކުގައި ސިންގަޕޫރުން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
މި ދަތުރުގައި ޝާހިދު ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރާ ވެސް ބައްދަލުކުރައްވައި 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތުން ކުރައްވާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އަދި އެ ގައުމުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ގްރީން ޕްލޭންގެ މަސައްކަތްތަކަށް ވެސް ޝާހިދު ތައުރީފް ކުރެއްވި އެވެ.
ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުގައި ޝާހިދު ވަނީ އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބާ ވެސް ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ހަލީމާ ވަނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ތިމާވެށީގެ މައްސަލަތަކާއި ކޮވިޑުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
މި ބޭފުޅުންގެ އިތުރުން ވެސް ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވަނީ އެކި ދާއިރާތަކުން މަޝްވަރާކުރައްވައިފަ އެވެ.