07 ފެބުރުއަރީ 2022 - 19:14

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް
ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވައިފި އެވެ.
މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާ އަކީ ސައުދީ އަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާ އަކީ އިސްލާމް ދީނުގެ ހަގީގީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނަރަލްއަށް އެރުވީ ރާއްޖެ އާއި ރާބިތަތުލް އާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި ދުނިޔޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ މީލާދީން 1585 އިން 1609 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން އިބްރާހީމް ކަލާފާނަށެވެ.
ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.