އެއް ވަނައިގައި ޗެލްސީ އަށް ނުވަ ޕޮއިންޓުގެ ލީޑެއް
އެއް ވަނައިގައި ޗެލްސީ އަށް ނުވަ ޕޮއިންޓުގެ ލީޑެއް

ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ލީގުގެ އެއް ވަނައިގައި ޗެލްސީން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާ އެކު ޗެލްސީން ވަނީ 17 މެޗުން 43 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލް މާދަމާރޭ އެވަޓަން އާއި ދެ ކޮޅަށް ކުޅޭއިރު، މިރޭ ތިން ވަނައިގައި އޮތް އާސެނަލާއި ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ކުޅޭނެ އެވެ. އާސެނަލާއި ލިވަޕޫލްގެ އޮތީ 34 ޕޮއިންޓެެވެ. ލިވަޕޫލާއި އާސެނަލް މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ.

ރަށުން ބޭރުގައި ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތް ކޮސްޓާ ވަނީ މި ފަހަރު ލީގުގައި މިހާތަނަށް 13 ލަނޑު ޖަހައިފަ އެވެ.

ލީގުގައި ޗެލްސީން ރޭ ޖެހިޖެހިގެން 11 މޮޅު ހަމަކުރިއިރު، އެ ޓީމަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ލީގުގައި ދެން ކުޅޭ މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ކޮސްޓާ އާއި އެންގޯލޯ ކާންޓޭ ސަސްޕެންޑްވުމެވެ.

މި މަހު 26 ވަނަ ދުވަހު ޗެލްސީން އަމިއްލަ ދަނޑުގައި ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 2-0 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޒަލަޓާން އިބްރަހިމޮވިޗެވެ. މި ލަނޑުތަކާ އެކު އިބްރަހިމޮވިޗް ވަނީ ލީގުގައި 11 ގޯލު ހަމަކޮށްފަ އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅާ އެކު ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީން ވަނީ ފަހަތުން އަރައި ރަށުންބޭރުގައި ސްޓޯކް ސިޓީއާ 2-2 އިން އެއްވަރުކޮށްފަ އެވެ. ސްވަންސީ ސިޓީ އަތުން 3-0 އިން މިޑްލްސްބަރާ މުހިއްމު މޮޅެއް ހޯދިއިރު، ސަންޑަލެންޑް ވެސް ވަނީ 1-0 އިން ވަޓްފޯޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ވެސްޓް ހޭމް ވެސް ވަނީ ހަލް ސިޓީ 1-0 އިން ބަލިކޮށްފަ އެވެ.