ޖޭއެސްސީ ރަނގަޅު ވާނީ ފަނޑިޔާރުންގެ ބަދަލުގައި ސިޔާސީ މީހުން ތިބެގެން: ދޮންްބިލެތް
ޖޭއެސްސީ ރަނގަޅު ވާނީ ފަނޑިޔާރުންގެ ބަދަލުގައި ސިޔާސީ މީހުން ތިބެގެން: ދޮންްބިލެތް

ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރާ ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރެވޭނީ ސިޔާސީ މީހުން އެ ކޮމިޝަނުގައި ތިބެގެން ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އިސްލާހު ކުރުމާއި ސިޔާސީ ނުފޫޒުތަކުން ދުރު ކުރުމަކީ ކޯލިޝަންގެ ޕާޓީތައް އެންމެ ބޮޑަށް ވަކާލާތު ކުރި އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ބުނެފައި ވަނީ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ގެނައުން ލަސްވެފައިވާ ކަމަށާއި އެކަމަކު، މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ބަހުސް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެ ބަދަލަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައި އޮތީ އިންސާފު ގާއިމު ކުރުމާއި އިންސާފު ގާއިމު ކުރޭތޯ ބެލުން އެ ބޭފުޅުންގެ އަމިއްލަ އަތްމައްޗަށް ދޫކޮށްލާ ގޮތަށް ކަމަށާއި އެއްވެސް ފަނޑިޔާރަކު އެ ކޮމިޝަންގައި ހިމެނުމަކީ އިންސާފަށް ހުރަސް އެޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގޮވައިލަން ވީހާ ވެސް އަވަހަށް އެ މަސައްކަތް ކުރަން. އެ މަސައްކަތުގެ ތެރޭގައި އެއްވެސް ފަނޑިޔާރަކު ޖޭއެސްސީގައި މީގެ ފަހުން އިނުމަކީ އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅޭ ކަމެއް،" ދޮންބިލެތް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޖޭއެސްސީ ރަނގަޅު ކުރުމަށް ސިޔާސީ މީހުންގެ ބައިވެރިވުން އޮންނަން ޖެހެ އެވެ. އަދި ރައްޔިތުން ހޮވައި، ވޯޓަކުން އިންތިހާބު ކުރެވޭ ބައެއް އެ ކޮމިޝަނުގައި ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބައެއް ފަހަރަށް އަޅުގަނޑުމެންނަށް އިނގިލި ދިއްކުރެވެނީ މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ކަމަށް ވަންޏާ އިންސާފެއް ނުހޯދޭނެއޭ. ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ އިންނަވަނީ ރައްޔިތުންގެ ވޯޓަކުން އެ ތަނަށް އިންތިހާބު ވެގެން،" ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ދޮންބިލެތް ވިދާޅުވި އެވެ.

އެކަމަކު، ނަޝީދު ވަރަށް ފަހުން ވިދާޅުވީ ޖޭއެސްސީގައި އެ މަނިކުފާނު އިންނަވަން ނުޖެހޭ ކަމަށާއި ނަމަވެސް އެ ކޮމިޝަންގެ ފޯމެޓަށް ބަދަލު ގެންނަންޖެހޭ ގޮތެއް އެމްޑީޕީގެ މެނިފެސްޓޯގައި ނެތް ކަމަށެވެ.

އެމްޑީޕީގެ ވައުދަކީ ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް ޖޭއެސްސީ ބަދަލުކުރުން ކަމަށް ވާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާއެކު، ގާނޫނަށް ބަދަލު ގެނެސްގެން އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ ކަމަށް މަގުފަހިވާ އެއްވެެސް ކަމެއް ސަރުކާރުން އަދި އެމްޑީޕީއަކުން ވެސް މިހާތަނަށް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް

ހައި ކޯޓުގެ ފަނޑިޔާރެއް

ދަށު ކޯޓުތަކުގެ ތެރެއިން އެއް ފަނޑިޔާރެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް

އާއްމުންގެ ތެރެއިން މަޖިލީހުން ރުހުން ލިބިފައިވާ މެންބަރެއް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް

ބަންޑާރަ ނާއިބު

ގާނޫނީ ވަކީލެއް

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަަދު ތޯރިގު (ޓޮމް) ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ހުށަހެޅުމުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ އަދަދު އަށަކަށް މަދުކޮށް، އެއްވެސް ސިޔާސީ މީހެއްގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އެކުލަވައިލުމަށެވެ.