ހައްލުކުރުމުގެ ބަދަލުގައި އަންހެނުންގެ ކޮމިޓީން ބެލީ މައްސަލަ ބޮޑުކުރަން: މޭޔަރު
ހައްލުކުރުމުގެ ބަދަލުގައި އަންހެނުންގެ ކޮމިޓީން ބެލީ މައްސަލަ ބޮޑުކުރަން: މޭޔަރު

މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންދަނިކޮށް އޮފީސް ތަޅުލީ ގަސްދުގައި ނޫން ކަމަށާއި ނަމަވެސް މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އެ ކޮމިޓީން ބެލީ އެކަން ބޮޑުކުރުމަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޓީން އިއްޔެ މެންދުރު ފަހު، މައްޗަންގޮޅީގެ އޮފީސް ކުރިން ހިންގި އިމާރާތުގައި ނުރަސްމީ ބައްދަލުވުމެއް ބާއްވަނިކޮށް އޮފީހުގެ ދޮރު ތަޅުލާފައި ހުރި މައްސަލަ ފެންމަތިވުމާއެކު، އަންހެނުންގެ ކޮމިޓީން ވަނީ ސިޓީ ކައުންސިލުން އަމަލުކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

މުޅިއެކު 14 މެމްބަރުން ބައިވެރިވި ބައްދަލުވުން ނިމުނުއިރު، އޮފީސް ތަޅުލާފައި ހުރުމުން އެތެރޭގައި 45 މިނިޓު ވަންދެން މަޑުކުރަން ޖެހުނު ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެ ކަންކަމާ ގުޅިގެން މޭޔަރު "މިހާރު" އަށް ވިދާޅުވީ އޮފީހުގެ ތެރޭގައި ކޮމިޓީގެ މެމްބަރުން ތިއްބަވަނިކޮށް، ތަޅުލާފައި ތިބިކަން އެނގިވަޑައިގަތީ ވެސް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގުޅައި އެކަން އެންގުމުން ކަމަށެވެ. އެފަދަ ބޮޑު ކަމެއް ހިނގައިގެން ދިޔައިރު ކޮމިޓީގެ އެއްވެސް މެމްބަރަކު މޭޔަރަށް އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް ގުޅައި އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ހައްލުކުރުމުގެ ބަދަލުގައި ބެލީ މި ކަން ބޮޑުކުރުމަށް. އެ ތުހުމަތުތަކުގެ ދިމާ އިދިކޮޅަށް ކަންތައްތައް ވަމުންދަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަންހެނުންގެ ކޮމިޓީ އަށް ކައުންސިލްގައި ދެ މުވައްޒަފަކު ހާއްސަކޮށްފައި ތިބޭނެ އެވެ. ނަމަވެސް ރަސްމީ ގަޑީގެ ފަހުން ބައްދަލުވުމެއް ކުރިއަށް ދާކަން އެ ދެ މުވައްޒަފުންނަށް އަންގާފައި ނުވާތީ އެ ކޮމިޓީގެ މެމްބަރުން އެތެރޭގައި ތިއްބެވިކަން އެ މުވައްޒަފުންނަށް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް މީޓް ކުރެވޭ ގޮތަށް މައްޗަންކޮޅި އޮފީހުގައި މީޓިން ރޫމް ހާއްސަ ކޮށްފައި، މީޓިންތައް ވެސް ބޭއްވޭނެ. އެކަން ހިނގައިގެން ނުވާނެ. ގައިމު ވެސް ގަސްދުގައި ކުރިކަމެއް ނޫން. ވަރަށް ހިތާމަވެރި ގޮތަކަށް ދިޔަ ކަމެއް އެއީ. ރިޕީޓްވިޔަކަ ނުދޭނަން އިރާދަކުރެއްްވިއްޔާ އެ ކަހަލަ ކަމެއް،" ބައްދަލުވުން ކުރިއަށް ގެންދަނިކޮށް އޮފީސް ތަޅުލެވުނު މައްސަލައިގައި މޭޔަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހު، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީގެ މެމްބަރުން ވަނީ އެ ކޮމިޓީގެ މަސައްކަތްތަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަންހެނުންގެ ކޮމިޓީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ފާތިމަތު ޝަހުލާ ވިދާޅުވީ އަންހެނުންގެ ކޮމިޓީ އާއި ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ގުޅުން ރަނގަޅު ނޫން ކަމަށެވެ.

ނަމަވެސް އެ ވާހަކަ ދޮގުކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އަންހެނުންގެ ކޮމިޓީ އަށް އެއްބާރުލުން ނުދޭ ކަމަށް ދައްކާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ފެށުނީއްސުރެ އެ މެމްބަރުންނަށް އެއްބާރުލުން ދެއްވާ ކަމަށާއި ރަސްމީ ބައްދަލުވުންތަކަށް، ކައުންސިލްގެ ރަސްމީ ބައްދަލުވުން ބާއްވާ ހޯލާއި ކޮމިޓީގެ ރައީސާއި ނައިބު ރައީސަށް މަސައްކަތް ކުރެއްވޭނެ ގޮތެއް ހަމަޖައްސާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލަރުންނަށް އޮފީސް ޖާގައެއް ނެތްއިރު، ވެސް އަންހެނުންގެ ކޮމިޓީން ރަނގަޅަށް މަސައްކަތް ކުރާނެ މާހައުލެއް ހޯދައިދިނުމަށް އެކަން އިއުލާނު ކޮށްގެން ބިޑް އިވެލުއޭޝަންގައި ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އިސްކަންދީގެން، ވަރަށް ހާއްސަ ކަމެއް ދެން. އެ ބޭފުޅުންނަށް އާމްދަނީ ހޯދޭނެ ގޮތެއް، ބަޖެޓުގެ އިތުރަށް މާރުކޭޓުން ގޮޅިއެއް ވެސް ދޭން ނިންމާފައި ވާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ނޭނގެ އެއްގޮތަކަށް ވެސް އެ ކަހަލަ އިމޭޖެއް ކްރިއޭޓް ކުރަން މަސައްކަތް ކުރަނީ ކީއްވެގެން ކަމެއް؟ ގައިމު ވެސް އެއްބާރުލުން ނުދޭތީއެއް ނޫން. އަޅުގަނޑުމެންގެ ފަރާތުން ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ލިބޭނެ."