އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި
އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި

ޓީނޭޖް ބޯއީސް ސްޕޯޓްސް ކްލަބް މޮޅުވާން ދަނިކޮށް ފަހު ވަގުތު 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ހއ. ދިއްދޫ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކްޒީނޯ އިން ހޯދައިފި އެވެ.

އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި
އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި

ދިއްދޫ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ އަދި ވާދަވެރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު ބްލެކްޒީނޯ އިން އެ ޓީމުގެ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ޓީނޭޖް ބޯއީސްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.

އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި
އެއްލައްކަ ކަޕުގެ ޗެމްޕިއަންކަން ބްލެކްޒީނޯ ހޯދައިފި

ބްލެކްޒީނޯގެ ފަސް ޕެނަލްޓީ ކާމިޔާބުކުރީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އީސާ އާއި މުހައްމަދު އިރުފާން އަދި އިބްރާހިމް ޝާހިދާއި ފަތުހުﷲ ޖަމީލް އަދި އައްފާން އަލީ އެވެ. ޓީނޭޖް ބޯއީސްގެ ފުރަތަމަ ޕެނަލްޓީ އަބްދުﷲ ޒުހައިރު ޖެހުމުން ބްލެކްޒީނޯގެ ގޯލްކީޕަރު މަތަކުރި އެވެ. އެ ޓީމުން ދެން ޖެހި ޕެނަލްޓީތައް ހުސެއިން ފަޒީލާއި އިބްރާހިމް މަހުދީ (ކުދު އިއްބެ) އަދި މުހައްމަދު އަޝްރަފް ކާމިޔާބުކުރި ނަމަވެސް ކުރި ލިބޭ ގޮތެއް ނުވި އެވެ.

މިއަދުގެ މެޗުގައި ލީޑު ނެގީ ބްލެކްޒީނޯ އިންނެވެ. އެ ޓީމުގެ އިބްރާހިމް ޝާހިދު ހިލޭ ޖެހުމަކުން ގޯލް ޖަހާފައިވަނިކޮށް ޓީނޭޖަށް އެއްވަރުކޮށްދިނީ 10 ވަނަ މިނެޓުގައި އަލީ ފަރުހާނެވެ.

ޓީނޭޖަށް ލީޑު ނަގައިދިނީ މުޅި މުބާރާތުގެ ތަފާތު މޮޅު ކުޅުމެއް ދެއްކި މަހުދީ އެވެ. މިނިވަން 50 ޗެމްޕިއަންޝިޕުގައި ސ. ފޭދޫ ޓީމުން ވިދާލި މަހުދީ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އީސަގެ ލަނޑުން ބްލެކްޒީނޯ ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. އެ ޓީމުން އުފެއްދި ހަމަލައެއް ޓީނޭޖުގެ ގޯލްކީޕަރު ޕަންޗުކޮށްފައި ފޮނުވާލި ވަގުތު، ބްލެކްޒީނޯގެ ކުޅުންތެރިޔަކު އޭރިއާ ތެރެއިން އީސަ އަށް ދިން ބޯޅަ އޭނާ ގޯލުގެ ތިރީ ކަނަށް ވައްދާލީ ކޮންޓްރޯލްކޮށްލުމަށް ފަހު އެވެ.

ދެ ވަނަ ހާފު ފަށައިގެން ޓީނޭޖުން ވަނީ އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ކުޅުންތެރިޔަކު ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ބްލެކްޒީނޯގެ އައްފާނުގެ ފައިގައި ޖެހި ބައިކޮޅަށެވެ. މި ގޯލާ އެކު ޓީނޭޖް މޮޅުވާން ދަނިކޮށް ބްލެކްޒީނޯ އިން އެއްވަރުކުރީ 82 ވަނަ މިނެޓުގައި އިބްރާހިމް ޝާހިދު ޖެހި ގޯލުންނެވެ. ބްލެކްޒީނޯގެ ކެޕްޓަން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީނޭޖުގެ ގޯލްކީޕަރުގެ އަތްދަށުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗާއި ގްރޫޕް ސްޓޭޖުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޓީނޭޖުގެ މަހުދީ އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ބްލެކްޒީނޯގެ އީސަ އާއި ނާޑު ސްޕޯޓްސް ކްލަބަށް ކުޅޭ ޔުނައިޓެޑުގެ ވިކްޓަރީގެ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) އެވެ. އެއް ވަނަ ފޯވާޑަކަށް ހޮވުނީ އީސަ އެވެ.

އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔަކަށް ބްލެކްޒީނޯގެ އިރުފާން ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކީ ޓީނޭޖުގެ އިބްރާހިމް ރަޝީދެވެ. އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނީ ބްލެކްޒީނޯގެ އަހުމަދު ޝާހިދަށެވެ. އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ އައްސޭރި ޓީމުގެ ހިސާން ހަސަން ވަހީދެވެ. ފެއާޕްލޭ ޓީމުގެ އެވޯޑް ނާޑު ސްޕޯޓްސް އަށް ލިބުނުއިރު ފެއާޕްލޭ ކުޅުންތެރިޔަކީ އެ ޓީމުގެ އަބްދުﷲ ހަފީޒެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބްލެކްޒީނޯގެ މުހައްމަދު ރަޝީދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތަށްޓާއި 100،000ރ. ގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމް ދެއްވީ އެ މިނިސްޓްރީގެ އިސްވެރިންނާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބުގެ އިތުރުން މަޝްހޫރު ފުޓްބޯޅަ ކޯޗު އަލީ ސުޒޭން އަދި ހއ. އަތޮޅު ކައުންސިލްގެ އިސްވެރިންނެވެ.

މުބާރާތް އިންތިޒާމްކުރައްވައި ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ އަންނަ އަހަރުގެ މުބާރާތުގައި ހއ. އަތޮޅުގެ ދެ ރަށެއްގެ ޓީމަކަށް ދައުވަތު ދޭނެ ކަމަށެވެ.