ކުޅުދުއްފުށީގެ އެކްޓިވް ކޭސްތައް 600 އާ ގާތަށް، ބައެއް ގްރޭޑްތަކުގެ ކިޔެވުން ބަންދު
ކުޅުދުއްފުށީގެ އެކްޓިވް ކޭސްތައް 600 އާ ގާތަށް، ބައެއް ގްރޭޑްތަކުގެ ކިޔެވުން ބަންދު

ހދ. ކުޅުދުއްފުށިން އިއްޔެ އެކަނި ވެސް ކޮވިޑް-19 އަށް 75 މީހަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 600 އާ ގާތްކޮށްފި އެވެ.

ކުޅުދުއްފުށިން ގިނަ ބަޔަކަށް ކޮވިޑް ޖެހެމުން އަންނައިރު އޭގެ ތެރޭގައި އެ ރަށުގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޓީޗަރުން ވެސް ހިމެނެ އެވެ. އެހެންވެ ވަކި ގޮތެއް އަންގަންދެން އެ ސްކޫލުގެ ގްރޭޑް ހަޔަކުން ދަށުގެ ކުދިންގެ ކިޔެވުން ވެސް މިއަދުން ފެށިގެން އޮތީ މެދުކަނޑާލައިފަ އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ، "މިހާރު" އަށް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 20 ގައި ކުޅުދުއްފުށިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ގޮތަށް އަދިވެސް ރަށުން ބަލި ފެންނަ ކަމަށެވެ. މިހާރު ވެސް ރަށުގައި ބަލި ޖެހިފައިވާ 572 މީހަކު އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރަށު ތެރެއިން ބަލި ފެނުނު ނަމަވެސް ހާލަތު ގޯސް ނޫން ކަމަށް އޭނާ ވިދާޅުވި އެވވެ. މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނީ 16 މީހަކަށް ކަމަށާއި މިވަގުތު ހާލު ބޮޑު އެކަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށިން މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކޮވިޑްގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި 305 މީހަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު 245 މީހެއްގެ އިތުރުން ރަށުން ނެގި ރެންޑަމް ސާމްޕަލުން ޕޮޒިޓިވްވި 21 މީހަކާއި ފުރުމުގެ ކުރިން ނެގި ސާމްޕަލަކުން ޕޮޒިޓިވްވި މީހެއް ކަމަށެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެރަށުން 13 މީހަކު އިއްޔެ ބަލިން ރަނގަޅުވެފައިވެ އެވެ.

އެޗްޕީއޭގެ މޮނިޓަރިންގެ ލިސްޓުގައި ކުޅުދުއްފުށި ހިމެނުނު ނަމަވެސް އެރަށުގައި ކާފިއު ހިންގުން ފަދަ މާބޮޑު ފިޔަވަޅުތަކެއް ނެތެވެ.

ކޮވިޑްގެ އާ ވޭރިއަންޓު ފެނުނު ފަހުން ރަށްރަށުގެ ކޭސްތައް ވެސް އިތުރުވި އެވެ. މިވަގުތު ކުޅުދުއްފުށި ހިމެނޭ ގޮތަށް 40 ރަށެއް އެޗްޕީއޭގެ ބަންދުގައި އެބަ އޮތެވެ.