07 ފެބުރުއަރީ 2022 - 10:13

މާލެތެރޭގެ ދަތުރުތައް ނަގަން ދެކޮޅު ހަދާ ޓެކްސީތަކުގެ މައުލޫމާތު ހުށަހަޅަން ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި މިހާތަނަށް ލިބުނީ އެންމެ ޝަކުވާއެއް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހަމައެކަނި ހުޅުމާލެ/މާލެ އަދި އެއާޕޯޓަށް އެކަނި ޓެކްސީތަކުން ދަތުރުކުރާތީ، އާންމު އެހެން ދަތުރުތަކަށް ޓެކްސީ ނުލިބޭ ޝަކުވާ ބޮޑުވުމާ ގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެގޮތަށް އަމަލުކުރާ ޓެކްސީތައް ރިޕޯޓް ކުރުމަށް އެދިފަ އެވެ.
ޝަކުވާތައް ރިޕޯޓް ކުރުމަށް މިދިޔަ މަހުގެ 21 ގައި ހުޅުވައިލި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒް އަލީ "މިހާރު" އަށް ވިދާޅުވީ، މިހާތަނަށް ލިބުނީ އެންމެ ހަތް ޝަކުވާ ކަމަށެވެ. އޭގެ ތެރެއިން މާލެތެރޭގައި ދަތުރުކުރަން ދެކޮޅު ހަދައިގެން ރިޕޯޓްކުރީ އެންމެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގެ ޓެކްސީ ސެންޓަރަކުން މާލެ ތެރެއަށް ދަތުރުނުކުރާނެ ކަމަށް ބުނި މައްސަލައެއް ހުށަހަޅާފައި ވަނީ. އެ ނޫން މައްސަލައެއް ނެތް މާލެ ތެރެއިން ޓެކްސީ ނުލިބިގެން،" ޝިމާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދެން ހުށަހެޅީ ހުޅުމާލެ އަށް ނުވަތަ ހުޅުލެ އަށް ދިއުމަށް ކަނޑައަޅާފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަތަކެވެ.
ދަތުރުކުރަން ދެކޮޅުހަދާ ޓެކްސީތަކުގެ މައުލޫމާތު 7943434 މެދުވެރިކޮށް ވައިބަ މެސެޖަކުން މިނިސްޓްރީ އަށް އެންގޭނެ އެވެ. ހިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ގާނޫނާއި ގަވައިދުން ލާޒިމުކުރާ ކަންކަން ފުރިހަމަ ނުކުރާ މީހުންނާ މެދު ކުރިމަގުގައި ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ނެރުނު އިއުލާނުގައި ވެ އެވެ.
މާލެ 25ރ.
މާލެ- ހުޅުމާލެ ފުރަތަމަ ފިޔަވަހި 75ރ.
މާލެ- ހުޅުލެ 60ރ.
މާލެ-ހުޅުމާލެ ދެވަނަ ފިޔަވަހި 90ރ.
އެކަމަކު ބައެއް މީހުން މި އަގުތަކަށް ވުރެ ބޮޑަށް ފައިސާ އަތުލާ މައްސަލަ ވަރަށް ބޮޑެވެ.