އެމްބީއޭގެ ރައީސްގެ މަގާމު މަމްދޫހު ކާމިިޔާބު ކުރައްވައިފި
އެމްބީއޭގެ ރައީސްގެ މަގާމު މަމްދޫހު ކާމިިޔާބު ކުރައްވައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް ހޮވުމަށް މިރޭ ބޭއްވި އިންތިޚާބު ބޮޑު ތާއީދަކާ އެކު އަހުމަދު މަމްދޫހު (މަންޑޭ) ކާމިޔާބު ކުރައްވައިފި އެވެ.

ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި ބޭއްވި ބައި-އިލެކްޝަންގައި އެމްބީއޭގެ ހުސްވެފައިވާ ރައީސްގެ މަގާމަށް މަންޑޭއާ ވާދަކުރެއްވީ އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ ވިޝާމް ރަޝީދު އެވެ. އޭގެ އިތުރުން، އެންމެ ފަހުގެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައި ނާކާމިޔާބުވި ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އާރިފް ރިޒާ ވެސް ރައީސް ކަމަށް ކުރިމަތިލެއްވި އެވެ. އެކަމަކު، އޭނާ ވަނީ ފަހުން ނަން އަނބުރާ ގެންދަވައިފަ އެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި އަބްދުﷲ ސިނާންއާ ވާދަކުރައްވާ އެންމެ ވޯޓަކުން ނާކާމިޔާބުވި ނަމަވެސް މިރޭގެ ބައި އިލެކްޝަން މަންޑޭ ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.

އެމްބީއޭގެ އިންތިހާބުގައި 29 ކްލަބަކަށް ވޯޓުލުމުގެ ހައްގު ލިބުނަސް، ވޯޓު ލާފައި ވަނީ 18 ކްލަބުންނެވެ. އޭގެ ތެރޭން 17 ކްލަބުގެ ވޯޓް މަންޑޭ ހޯއްދެވި އިރު، ވިޝާމަށް ލިބުނީ އެންމެ ވޯޓެކެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ރައީސްގެ މަގާމަށް އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. އޭރު އޭނާ އަށް ރަސްމީ ހައިސިއްޔަތު ލިބިފައި ނުވާތީ އިސްތިއުފާ ގަބޫލު ނުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ފުރަތަމަ ބުނި ނަމަވެސް، ފަހުން ވަނީ އޭނާ އިސްތިއުފާ ދެއްވި ކަމަށް ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާން އިސްތިއުފާ ދެއްވީ އިންތިހާބީ ޖަލްސާގައި އާއްމު މެމްބަރުންނާއި ނޫސްވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގަ އެވެ. އެއީ އިންތިހާބީ ޖަލްސާގެ ރަސްމީ އެޖެންޑާގައި ހިމެނޭ ނަމްބަރެކެވެ.

އިންތިހާބުގައި އެކްސްކޯގެ މެޖޯރިޓީ ލިބުނީ ރައީސްގެ މަގާމަށް ސިނާންއާ ވާދަކޮށް ނާކާމިޔާބުވި މަންޑޭގެ ޓީމަށެވެ.