07 ފެބުރުއަރީ 2022 - 06:49

ލިލް، ފްރާންސް (ފެބްރުއަރީ 7) - ފްރެންޗް ލީގްގައި ޕީއެސްޖީން ލިއޮނެލް މެސީގެ ލަނޑާއެކު، އެންމެ ފަހުގެ ޗެމްޕިއަން ލިލް ބަލިކޮށްފި އެވެ.
ޕީއެސްޖީން ރަށުން ބޭރުގައި ކުޅުނު މި މެޗު ކާމިޔާބުކުރީ 5-1 އިންނެވެ.
މި ނަތީޖާއާއެކު އެ ޓީމު ވަނީ މިހާތަނަށް ކުޅުނު 23 މެޗުން 56 ޕޮއިންޓް ހޯދައިފަ އެވެ. ޓޭބަލްގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ދެވަނައިގައި އޮތް މާސޭ އަށް ވުރެ 13 ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.
މި މެޗުގެ 10 ވަނަ މިނިޓުގައި ޑެނީލޯ ޕެރޭރާ ޕީއެސްޖީ އަށް އެއްވަރު ކޮށްދިން ނަމަވެސް ހަތިމް ބެން އާފާގެ އެހީތެރިކަމާއެކު، ސްވެން ބޮޓްމަން ވަނީ 28 ވަނަ މިނިޓުގައި ލިލް އަށް އެއްވަރު ކޮށްދީފަ އެވެ. ލިލް އިން އެއްވަރު ކުރުމާއެކު، އޭގެ ހަތަރު މިނިޓު ފަހުން ޕީއެސްޖީ އަށް ދެވަނަ ފަހަރަށް ލީޑް ހޯދައި ދިނީ ޕްރެސްނަލް ކިމްޕެމްބޭ އެވެ. މެސީގެ އެހީތެރިކަމާއެކު އެ ގޯލް ޖެހިތާ ހަ މިނިޓު ފަހުން މެސީ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ.
މިއީ މެސީ، ޕީއެސްޖީ އަށް ލީގުގައި ކުޅުނު 13 މެޗުން ޖަހައިދިން ދެވަނަ ލަނޑެވެ. ފުރަތަމަ ލަނޑު ޖެހީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމިއްލަ ދަނޑުގައި ނަންޓޭސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނަމަވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެސީ ވަނީ ޕީއެސްޖީ އަށް ކުޅުނު ފަސް މެޗުން ފަސް ގޯލު ޖަހައިފަ އެވެ.
ޕީއެސްޖީގެ ހަތަރުވަނަ ލަނޑު 51 ވަނަ މިނިޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑެނީލޯ އެވެ. އޭނާ ވަނީ މެދުތެރެއިން މޮޅަށް ކުޅެ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ޕީއެސްޖީގެ ޓީމުގެ ފަސްވަނަ ލަނޑު 67 ވަނަ މިނިޓުގައި ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ޕީއެސްޖީން ލީގުގައި ރެނެސް އާ ދެކޮޅަށް ކުޅެ، އަންނަ ހަފުތާ އަންގާރަ ދުވަހުގެ ރޭ ނުކުންނާނީ ޗެމްޕިއަންސް ލީގު ނޮކައުޓް ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.