މާ މަޝްހޫރު ވާނެތީ އަދާ ބޮލީވުޑަށް ދާން ބޭނުމެއް ނުވޭ
މާ މަޝްހޫރު ވާނެތީ އަދާ ބޮލީވުޑަށް ދާން ބޭނުމެއް ނުވޭ

ޓީވީ ޝޯތަކުން ވަރަށް ގިނައިން ފެންނަ ބަތަލާ އަދާ ހާން، ބޮލީވުޑަށް ނިކުންނަން ބޭނުންނުވާ ސަބަބު ބުނެފި އެވެ.

އުމުރުން 32 އަހަރުގެ އަދާ އަކީ "ލައިފް އޯކޭ" އިން ދެއްކި "އަމްރިތު މަންތަން" ގެ ލީޑު ބަތަލާ އެވެ. އެ ރޯލު ކުޅެގެން، އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ހޯދި އަދާ ބުނީ، އޭނާ މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދިވެސް ބޭނުންވަނީ ޓީވީ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް އޭނާ ބުންޏެވެ.

އަދާ ބުނީ އޭނާ ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރަން އެއްގޮތަކަށް ވެސް ބޭނުންނުވެ އެވެ. އެއީ ޓީވީގެ މަސައްކަތުގައި އުޅުމަށް ފަހު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަން ކަމަށް ވެސް ވަގުތު ހުސްކޮށް މަޖާ ކުރެވޭތީ ކަމަށެވެ.

އަދާ ބުނީ އޭނާ އަކީ މަގުމަތީގައި ހުންނަ ތަންތަނުން ވަރަށް ގިނައިން ޕާނީ ޕޫރީ ވެސް ކައި އުޅޭ މީހެއް ކަމަށެވެ. އަދި ޓީވީ ތަރިއެއްގެ ގޮތުގައި މަސައްކަތްކުރާ އިރު އޭނާ އަށް އެފަދަ ތަންތަނަށް ދިއުމަށް ދަތިނުވާ ކަމަށާއި އެކަމަކު ފިލްމުތައް ކުޅެން ފަށައިފި ނަމަ، މުޅި ދިރިއުޅުން އެކީ ބަދަލުވާނެ ކަމަށެވެ.

އެހެންވެ، މަޝްހޫރު ކަމުގައި އުޅެން ދަތިވާނެ ކަމަށް އޭނާ ބުންޏެވެ.

ހަޔާތާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން އަދާ ބުނީ އޭނާ އަކީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުނު ވެސް މީހެއް ނޫން ކަަމަށެވެ. ފިލްމީ މަސައްކަތުން ފެނުނީ ރައްޓެއްސެއްގެ ސަބަބުން ކަމަށާއި އެހެން ނޫން ނަމަ އުޅޭނީ ފެޝަން ޑިޒައިން ދާއިރާގައި ކަމަށް ވެސް ބުންޏެވެ.

ކަލާސް ޓީވީން ދައްކާ މަޝްހޫރު "ނާގިން" ގެ އެންމެ ފަހު ސީޒަން އިން ވެސް ފެނުނު އަދާ ވަނީ "ޔޭ ހޭ އާޝިގީ" އާއި "ސަސުރާލް ސިމަރު ކާ" ފަދަ ޝޯތަކުން ފެނިފަ އެވެ. އޭނާ ވަނީ 2013 އިން 2020 ވަނަ އަހަރުގެ ނިޔަލަށް ހަތަރު ފަހަރެއްގެ މަތިން އެންމެ މޮޅު ޓީވީގެ ބަތަލާގެ އެވޯޑް ހޯދައިފަ އެވެ.