07 ފެބުރުއަރީ 2022 - 06:24

ބަތަލާ ކަރީނާ ކަޕޫރަކީ ބޮލީވުޑްގެ "އެންމެ ފެޝަން" އެއް ތަރި އެވެ. ރައްޓެހިންނާ އެކު ބޭރަށް ދިއުމަށް ނުވަތަ ފިލްމުތަކުގެ ޕްރޮމޯޝަންގައި ވެސް އޭނާ ލައި އުޅޭ ހެދުންތަކަށް އަބަދު ވެސް ބޮޑު ސަމާލުކަމެއް ލިބެ އެވެ.

އެންމެ ފަހުން ސަމާލުކަން ހުއްޓުނީ ކަރީނާ، އަމްރިތާ އަރޯރާއާ އެކު ބޭރަށް ދިއުމަށް އޭނާ ލައިގެން ހުރި ހެދުމަކަށެވެ. ސެޓިން ފޮތީގެ ކަޅު ހެދުމެއްގައި އޭނާ ހުރި އިރު، ތިރިން ލައިގެން ހުރީ ފެހި ކުލައިގެ ހަރުވާޅެކެވެ. އަދި އަރައިގެން ހުރީ ފިޔާތޮށި ކުލައިގެ ހީލް އަކަށެވެ.
އެ ހެދުމާ އެކު މާ ގިނަ ގަހަނާތަކެއް އޭނާ އަޅާފައި ނެތަސް، މި ފެނިލުމާ އެކު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އޭނާ ކޮނޑުގައި އަޅުވައިގެން ހުރި ގޫޗީ އާއި ބެލެންސިއާގާ ދަބަހަށެވެ. ކަޅު ކުލައިގެ މި ދަބަހަކީ ކަރީނާ ފަދަ ބްރޭޑްތަކަށް ލޯބިކުރާ މީހުންނަށް އެއް ވަނަ އެވެ.
މި ދަބަހުގެ އަގު އުޅެނީ އިންޑިއާ ރުޕީސްގެ 2,38,855.84 އަށެވެ. ދިވެހި ރުފިޔާއިން ބަލާ ނަމަ، އެއީ 49،000ރ. ގެ އަގުހުރި ދަބަހެކެވެ. މިއީ ކަރީނާ ފަދަ ތަރިއަކަށް މާބޮޑު އެއްޗަކަށް ނުވާނެ އެވެ. އޭނާ އާންމުކޮށް ވެސް ފެންނަނީ މިކަހަލަ ބްރޭންޑެޑް އެއްޗެއްސާ އެކު އެވެ.
އުމުރުން 41 އަހަރުގެ ކަރީނާ އަކީ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.