ލ. ފޮނަދު އަށް އުފަން ހުސައިން އާސިފް އޭނާގެ އަލަތު ދަރިފުޅަށް ރަށްފުށު ދިރިއުޅުމެއް ހޯދައިދޭން ބޭނުންވި ސަބަބުތައް ބައިވަރެވެ؛ ކުދިކުދި ކުދިން މީހަކާ ވާހަކަ ދައްކާ ނުލާ ސްކްރީނަށް ގޮސް ގެއްލި ގޭގެ އެެއްކަނެއްގައި އިން މަންޒަރު އާސިފާއި އޭނާގެ އަނބިމީހާ، އުނައިޝާ އަހުމަދު އަށް ފެންނަން ފެށި ހިސާބުން އެމީހުން ތިބީ ގޮތް ނިންމައިގެންނެވެ. އެ މީހުންނަށް މީގެ ތިން އަހަރުކުރިން ލިބުނު، ޒިވިއަނަށް ހޯދައިދެމުން އެދަނީ އެމީހުން ވިސްނި ފަދަ ދިރިއުޅުމެކެވެ. ސްކްރީނާ ދުރު ހިތްގައިމު ދިރިއުޅުމެވެ.

އުމުރުން އެންމެ ތިން އަހަރުގައި ކަނޑު އަޑީގެ ހިތްގައިމުކަން ތަޖުރިބާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ރަށްފުށުގެ ހަމަހިމޭން ދިރުއުޅުން އުޅޭތަން ދެކެފި އެވެ.

އެންމެ ކުޑައިރުން ފެށިގެން މާލޭގެ ހަލަބޮލި މާހައުލުގައި ޒިވިއަން ގެންގުޅުނަސް އޭނާގެ ބައްޕަ، އާސިފް "މިހާރު" އަށް ބުނި ގޮތުގައި ގޭތެރޭގައި އަބަދު ޒިވިއަން ގެންގުޅުމުގެ ބަދަލުގައި އެ މީހުން ބަލަނީ ވަގުތެއް ވާއިރަށް ޒިވިއަން ގޮވައިގެން ބޭރަށް ދެވޭތޯ އެވެ. މާލެއިން ބޭރަށް ނުދެވޭ ނަމަ، މާލޭގެ ކޮންމެވެސް ހިސާބަކަށް ނަމަވެސް އޭނާ ގެންދެވޭތޯ އެވެ. ގެއިން ބޭރަށް ނުދެވޭ ނަމަ، ގޭގައި ހުރި ބަގީޗާ ގަސްތަކަށް ފެންދިނުމަކީ ވެސް ޒިވިއަންގެ މަސައްކަތެކެވެ.

މިފަހަކުން ކުދިން އަބަދު ފޯނާއި ޓެބްލެޓް ނޫނީ ޓީވީ އަށް ގެއްލިފައި ތިއްބަސް 2000 ގެ ކުރިން ކުދިން އުޅުނީ މި ދިރިއުޅުމެއް ނޫނެވެ. އެ އަވަށެއްގައި އުޅޭ އެއް އުމުރުފުރާގެ ކުދިންތައް އެކީ ނިމެ ބޭރުގައި ކުޅުމާއި ގްރޫޕް ހަދާފައި މޫދަށް ދިއުމާއި އެތައް ސަކަރާތެއް އޭރުގެ ކުދިން ޖެހި އެވެ. އެކަމަކު މިހާރު ބައެއް ރަށްރަށުގައި މިކަހަލަ ކަންކަމެއް ނޯވެ އެވެ.

އެހެންވިޔަސް އާސިފްގެ ދެމަފިރިން އެ ދައްކަމުން އެ އަންނަނީ ނަމޫނާ އެކެވެ. ވަޒީފާގައި ބުރަކޮށް އުޅުމަށް ފަހު، ލިބޭ ހުސް ވަގުތުގައި ވެސް ދަރިފުޅަށް ހޯދައިދޭން އެ މަސައްކަތްކުރަނީ ހަނދާނުން ނުފިލާނެ ކަހަލަ ލައިފްސްޓައިލެކެވެ.

އާސިފް ބުނީ، ޒިވިއަން އަށް އެންމެ ދެ މަހުގައި މޫދަށް ގެންދަން ފެށި ގޮތަށް އަދިވެސް އޭނާ މޫދަށް ހާނަމުން އަންނަ ކަމަށެވެ. މިއީ މޫދުގައި ހިތާމަވެރި ހާދިސާތައް މިފަހުން އިތުރުވެފައިވާތީ އަމިއްލަ ސަލާމަތަށްޓަކައި ޒިވިއަން އަށް ދަސްކޮށްދޭ ކަމެކެވެ.

"އިންސިޑެންޓްތައް ވަރަށް ގިނަ ރާއްޖޭގައި. މިހާރު އަބަދުވެސް އިވެނީ ކޮންމެވެސް ކުއްޖަކު ޕޫލަށް ވެއްޓިގެން ނޫނީ މޫދަށް ވެއްޓިގެން އުޅޭ ވާހަކަ. އަސްލު ފްލޯޓްވާން ދަސްކޮށްދެނީ. ސަވައިވަލް، ރިސްކް ލެވެލް ކުޑަވާނެ ގޮތަކަށް. މިކަހަލަ ކަމެއް ހިނގިޔަސް ޕެނިކް ލެވެލް ދަށްވާނެ އޭރުން،" ފަލާހު ޕްރީ ސްކޫލުގެ ބޭބީ ނާސަރީގައި ކިޔަވަމުން އަންނަ ޒިވިއަންއާ ގުޅިގެން އާސިފް ބުންޏެވެ.

ފަޅުތެރޭގައި މޫދަށް އެރެމުން ގޮސް، އުމުރުން އެއް އަހަރާ ހަތް މަހުގައި ޒިވިއަން ވަނީ ކަނޑު އަޑީގައި ވެސް އުޅެފަ އެވެ.

"އެ ދުވަހު ވަރަށް އޯކޭކޮށް ހުރީ. އެއްވެސް ވަރަކަށް ޖެހިލުމެއް ނެތް. އެކަމަކު އެ ދުވަހު ވެސް ވަށައިގެން މީހުން ތިބި ސޭފްޓީ އަށް. އޭގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް ރިންގް އެއްޗެހީގައި ކަނޑާ ހިސާބަށް ގޮވައިގެން ދިޔައިން،" އޭނާ ބުންޏެވެ.

ޒިވިއަން މިހާރު ބޭނުންވަނީ މިޔަރުތަކާ އެކު ކަނޑުގެ އަޑީގައި އުޅެލާށެވެ. އާސިފް ބުނީ، ވީޑިއޯއެއް ބަލާލިޔަސް އޭނާ ބޭނުން ވަނީ މޫދާ ގުޅޭ ކޮންމެވެސް އެއްޗެއް ބަލަން ކަމަށެވެ.

މޫދަށް ހޭނުވުމުގެ އިތުރުން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް މާލެއިން ބޭރަށް ގެންދެވޭތޯ އޭނާގެ މައިންބަފައިން ބަލަ އެވެ. މިހާރު ވެސް މާލެ ކައިރީ ބައެއް ރަށްތަކަށާއި އދ. ވ. އަދި ލ. އަތޮޅުގެ އެކި ރަށްތަކަށް ގޮސް އެ ރަށްތަކުގެ ދިރިއުޅުން ދެކެފި އެވެ.

"އަޅުގަނޑުމެން ދެމަފިރިންނަށް ވެސް ވީކެންޑް އޮފް ލިބޭ. އެހެންވެ ކޮންމެ ވީކެންޑެއްގައި ވެސް ހަމަ ކަމާކަން ފަށާފައި ޒިވިއަން ގޮވައިގެން މާލެއިން ބޭރަށް ދަނީ. މިހެން ގޮސްފައި ރަށްރަށުގެ ގޮނޑު ދޮށުގައި ވެއްޔާ ކުޅޭށާއި ނޫނީ ހާއްސަ ތަންތަނަށް ގޮސް އެތަނުގެ ވާހަކަތައް ޒިވިއަން އަށް ކިޔައިދެނީ،" އާސިފް ބުންޏެވެ.

ޝައުގުވެރި ގޮތަކަށް ކުދިންނަށް ސްކްރީނާ ދުރު ދިރިއުޅުމެއް ހޯދައިދެވިދާނެކަން އާސިފް އާއި އޭނާގެ އަނބިމީހާ ދައްކައި މިދިނީ ނަމޫނާއަކާ އެކު އެވެ.